އެމްއެމްޕީއާރުސީގެ ކޮރަޕްޝަނާއި ރިޔާސީ ލޯންޗުކޮޅުގައި އެއްޗެއް ގޮއްވާލި ކަމަށް ބުނެ، ދައުލަތުން ކުރި ތިން ދައުވާއެއް ސާބިތުވާ ކަމަށް ނިންމުމާ ގުޅިގެން 33 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންގެންދަވާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ސިއްހީ ހާލުކޮޅު ގޯސްވެ އައިޖީއެމް ހޮސްޕިތަލްގެ އެމަރޖެންސީ ރޫމްގައި ފަރުވާދީފައިވަނީ ކިޑްނީގެ މައްސަލައެއްގައި ކަމަށް ރާއްޖެއެމްވީއަށް އެނގިއްޖެއެވެ.
ވަރަށް ބޮޑަށް ބަނޑަށް ތަދުވާތީ އީއާރްގައި ފަރުވާ ދިނުމަށްފަހު އަދީބް މިހާރު ވަނީ އައިޖީއެމްއެޗް އެގްޒެކެޓިވް ވޯޑްގައި އެޑްމިޓް ކޮށްފައެވެ.
އަދީބުގެ ކިޑްނީގައި ހިލަ އުފެދިފައިވާކަމަށާއި ހަށިގަނޑުގައި ސިސްޓުތަކެއް އުފެދިފައިވާ ކަމަށް އެމަނިކުފާނުގެ އާއިލާއިން މީގެ ކުރިން ވެސް ވަނީ ހާމަ ކޮށްފައެވެ. އަދި އެކަމުގެ ސަބަބުން އެތައް އުނދަގޫތަކެއް ކުރިމަތި ވަމުންދާކަމަށް އާއިލާއިން ބުނެއެވެ.
އަދީބުގެ އަނބިކަނބަލުން މަރިޔަމް ނަޝްވާ ވިދާޅުވީ ހުކުރު ދުވަހުގެ ރޭ ގާތްގަނޑަކަށް 20:00 ހާއިރު އަދީބުގެ ސިއްހީ ހާލުކޮޅު ގޯސްވުމާއި ގުޅިގެން އައިޖީއެމްއެޗަށް ގެނެސްފައިވާ ކަމަށެވެ. އަދި މިހާރު އެޑްމިޓް ކޮށްގެން ފަރުވާ ދެމުން އަންނަ ކަމަށް އޭނާ ވިދާޅުވިއެވެ.
ކިޑްނީގެ ޓެސްޓެއް ހެދުމަށާ ޔޫރޮލޮޖިސްޓްއަކަށް ދެއްކުމަށާއި ސީޓީ ސްކޭން އެއް ހެއްދުމަށް މިދިޔަ އޮކްޓޯބަރު މަހުގެ ތެރޭގައި ވެސް އަދީބު މާލެ ގެނެސް ޑޮކްޓަރަށް ދައްކައިފައި ވެއެވެ.