އުމްރާގެ އަޅުކަން ފުރިހަމަ ކުރެއްވުމަށްފަހު އިންތިޚާބީ ރައީސް އިބްރާހިމް މުހަންމަދު ސާލިހް ހުކުރު ދުވަހުގެ ރޭ ރާއްޖެ ވަޑައިގެންފި އެވެ.
އިންތިޚާބީ ރައީސް ސޯލިހުގެ މި ދަތުރުފުޅުގައި އެމަނިކުފާނުގެ އަނބިކަނބަލުން ވެސް ބައިވެރިވެ ވަޑައިގަތެވެ. އޭގެ އިތުރުން މި ދަތުރުފުޅުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް ގާސިމް އިބްރާހީމާއި އަދާލަތު ޕާޓީގެ ނާއިބް ރައީސް އަލީ ޒާހިރާއި، ރައްޔިތުންގެ މަޖިލީހުގެ ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމް (ވައްޑެ) އާއި އެމްޑީޕީގެ ޗެއާޕާސަންގެ ކުރީގެ ނައިބު އަލީ ޝިޔާމާއި އަލިފުށީ ދާއިރާގެ މެންބަރު މުހައްމަދު ރަޝީދާއި، ރައީސް ނަޝީދުގެ ކޮއްކޯފުޅު ނާޒިމް ސައްތާރު ވެސް ބައިވެރިވެ ވަޑައިގންނެވިއެވެ.
އުމްރާގެ އަޅުކަމަށް އިންތިޚާބީ ރައީސް ސޯލިހު ވަޑައިގެންފައި ވަނީ މިދިޔަ ބުދަ ދުވަހުއެވެ. އެމަނިކުފާނުގެ މި ދަތުރުފުޅުގައި ސައުދީ ސަރުކާރުގެ އިސް ބައެއް ބޭފުޅުންނާއި ސައުދީ ގައި ތިބޭ ދިވެހި ކިޔަވާކުދިން ވެސް އެމަނިކުފާނާ ބައްދަލު ކުރައްވާފައި ވެއެވެ.
އަންނަ ހޮނިހިރު ދުވަހު އިބްރާހިމް މުހައްމަދު ސޯލިހް ރައީސްކަމުގެ ހުވާ ކުރެއްވުމުގެ ކުރިން އުމްރާގެ އަޅުކަން އަދާކުރެއްވުމުން ގިނަ ބަޔަކު ދަނީ އެކަން ފާހަގަ ކޮށް ތައުރީފު ކުރަމުންނެވެ.