ބަޔާނެއް ނެރުމަކުން ނުފުދޭ ކަމަށާއި ޖިންސީ ފުރައްސާރަ ކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލާގައި ފޮރިން މިނިސްޓަރު ޑރ. މުހައްމަދު އާސިމް އިސްތިއުފާ ދެއްވުމަށް ސަރުކާރު ހިންގާ ޕާޓީ، ޕީޕީއެމްގެ ރަޖިސްޓްރާ އަދި ރާއްޖެ އިން ސްރީލަންކާ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުހައްމަދު ޝަރީފް (މުންދު) ވިދާޅުވެއްޖެއެވެ.
ފޮރިން މިނިސްޓްރީން މިދިޔަ އަހަރުގެ މެދުތެރޭގައި ރާއްޖޭން ބޭރަށް ކުރި ދަތުރެއްގައި އެތަނުގެ އަންހެން މުވައްޒަފަކަށް ޖިންސީ ގޯނާ ކުރިކަމުގެ އަޑުތަކެއް ފުރަތަމަ ފެތުރިފައި ވަނީ ސޯޝަލް މީޑިއާގައެވެ. އަދި އެކަމުގެ ތުހުމަތު މިނިސްޓަރު އާސިމަށް ވެސް ދަނީ ކުރަމުންނެވެ.
މުންދު ވިދާޅުވީ ފޮރިން މިނިސްޓްރީން ހަމައެކަނި ބަޔާނެއް ނެރުމަކުން ނުފުދޭ ކަމަށާއި ޖިންސީ ފުރައްސާރައިގެ ތުހުމަތާ ގުޅިގެން ފޮރިން މިނިސްޓަރ ޖަވާބުދާރީވާން ޖެހޭކަމަށެވެ.
ޖިންސީ ފުރައްސާރަ ކުރި ކަމަށް ތުހުމަތުވާ މައްސަލާގައި ފޮރިން މިނިސްޓަރު ޑރ. މުހައްމަދު އާސިމް އެއްވެސް ޖަވާބެއް ނުދެއްވާކަން ފާހަގަކުރައްވައި މުންދު ވިދާޅުވީ އެފަދަ ކަމަކަށް ތުހުމަތު ކުރެވޭނަމަ ރަނގަޅު ގޮތަކީ އެމަނިކުފާނު އިސްތިއުފާ ދެއްވުން ކަމަށެވެ.
މުންދު ވިދާޅުވީ ހާރިޖީ ދާއިރާއަކީ ވަރަށް ގަދަރު ހުރި އިދާރާ އެއް ކަމަށެވެ. އަދި ޖިންސީ ގޯނާ ކުރުން ފަދަ މައްސަލަތަކާ ދެކޮޅަށް ބައިނަލްއަގުވާމީ ގޮތުން ވެސް ވަކާލާތު ކުރާ ތަނެއް ކަމަށް މުންދު ވިދާޅުވިއެވެ.
މުންދު ވިދާޅުވީ ޖިންސީ ފުރައްސާރައިގެ އެއްވެސް މައްސަލަ އެއް އުޅޭ ނަމަ ފުލުހުންނާއި މުއައްސަސާތަކުން އެކަން ރަނގަޅަށް ތަހުގީގު ކުރަން ޖެހޭ ކަމަށެވެ.
"މިނިސްޓްރީން ނެރުނު ބަޔާނުގައި މި ބުނަނީ މިނިސްޓްރީގެ އިސް ވެރިއަކަށް ކުރެވޭ ތުހުމަތެކޭ، މިހާރު ނޭނގެ ކާކު ކަމެއް، މިއީ ސީދާ އާސިމް ނުފޫޒު ފޯރުވައިގެން ނެރުނު ބަޔާނެއް، އަޅުގަނޑު ގަބޫލު ކުރަނީ މިހާރު އޮތް އެންމެ ރަނގަޅު ގޮތަކީ އާސިމް އެ މަގާމުން އިސްތިއުފާ ދިނުން ކަމަށް،" މުންދު ވިދާޅުވިއެވެ.
މުންދުގެ އިތުރުން މާފަންނު ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ރިފާއު (ބޮޗޭ) ވެސް ވަނީ ފޮރިން މިނިސްޓަރު ޑރ. މުހައްމަދު އާސިމް މަސައްކަތުން އެކަހެރިވުމަށް ގޮވާލައްވާފައެވެ.
ރިފާއު ވިދާޅުވީ އެކަހަލަ ތުހުމަތެއް ސީދާ ވެރިޔާގެ މައްޗަށް ކުރެވޭއިރު އޭނާ މަސައްކަތުން އެކަހެރިވާން ޖެހޭ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އަދި އާސިމް އެ މަޤާމުގައި ހުރެއްޖެނަމަ މިހާރު ބަލަމުން އަންނަ އެ މައްސަލަ އަށް ނުފޫޒު ވަންނާނެ ކަމަށް ވެސް ރިފާއު ވިދާޅުވިއެވެ.
ފޮރިން މިނިސްޓްރީގެ އިސްވެރިއެއްގެ މައްޗަށް ތުހުމަތު ކުރެވިފައިވާ ޖިންސީ ގޯނާގެ މައްސަލައެއް ބަލަމުން އަންނަ ކަމަށް އެ މިނިސްޓްރީން ވެސް ވަނީ ބުނެފައެވެ.