ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބުގެ ސިއްހީ ހާލުކޮޅު ގޯސްވެ އެމެޖެންސީގައި ފަރުވާދޭން ފަށައިފިއެވެ.
އަދީބުގެ އަނބިކަނބަލުން މަރިޔަމް ނަޝްވާ ވިދާޅުވީ އަދީބުގެ ސިއްހީ ހާލުކޮޅު ގޯސްވުމާއި ގުޅިގެން ހުކުރު ދުވަހުގެ ރޭ ގާތްގަނޑަކަށް 20:00 ހާއިރު އައިޖީއެމްއެޗަށް ގެނެސްފައިވާ ކަމަށެވެ. އަދި މިހާރު އެޑްމިޓް ކޮށްގެން ފަރުވާ ދެމުން އަންނަ ކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް އަދީބަށް ދިމާވީ ކޮން މައްސަލައެއްކަން އަދި ވަނީ ސާފުވާ ގޮތް ނުވެފައެވެ.
އަދީބަށް އެމެޖެންސީގައި ފަރުވާ ދެމުން އަންނައިރު، މިމަހުގެ 5 ވަނަ ދުވަހުން ފެށިގެން ގޮތް ނޭނގޭ ބާރުގަދަ ބޭސްތަކެއް ކާންދީފައިވާ ކަމަށް ނަޝްވާ ވަނީ ވިދާޅުވެފައެވެ. އަދި އެ ބޭސްތައް އަދީބު ބޭނުންކުރެއްވުމުން ވަރަށް ބޮޑަށް ވަރުބަލިވެ، ބޯ އަނބުރާ ގޮތްވެ، ގޮޅި ތެރެއަށް ނުވެއްޓުނީ ކިރިޔާ ކަމަށް ވެސް އަދީބުއާ ހަވާލީދީ ނަޝްވާ ވިދާޅުވިއެވެ.
އަދީބުގެ ސިއްހީ ހާލުކޮޅު ހުރި ގޮތުން ގޭ ބަންދަށް ބަދަލު ކޮށްދިނުމަށް ޑޮކްޓަރުން ލަފާދެއްވާފައި ވާތީ، ބަންދުގައި ބަހައްޓައިގެން މިހާރުން މިހާރަށް އެކަން ކުރުމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ މައްޗަށް އަމުރު ނެރެދިނުމަށް އެދި ހިއުމަން ރައިޓްސް ކަމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް)ގެ ކިބައިން އަދީބުގެ އަނބިކަނބަލުން މަރިޔަމް ނަޝްވާ ވަނީ މިދިޔަ މަހުގެ ތެރޭގައި އެދިވަޑައިގެންފައެވެ.
އަދީބުގެ ލޮލަށް ނުރައްކާތެރި ބައްޔެއް ޖެހި ބޭރުން ފަރުވާ ހޯދަން ޑޮކްޓަރުން ލަފާދީފައިވާ އިރު ވެސް އަދީބު ރާއްޖެއިން ބޭރަށް ފޮނުވަން ސަރުކާރުން އަންނަނީ ދެކޮޅު ހަދަމުންނެވެ.
އެމްއެމްޕީއާރުސީގެ ކޮރަޕްޝަނާއި ރިޔާސީ ލޯންޗުކޮޅުގައި އެއްޗެއް ގޮއްވާލި ކަމަށް ބުނެ، އަދީބުގެ މައްޗަށް ދައުލަތުން ކުރި ތިން ދައުވާ އެއް ސާބިތުވާ ކަމަށް ނިންމުމާ ގުޅިގެން އަދީބު ގެންދަވަނީ 33 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ. މީގެ އިތުރުން ވެސް އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ގިނަ މައްސަލަތަކެއްގައި އަދީބުގެ މައްޗަށް ދައުވާކޮށް، ޝަރީއަތްތައް ވެސް ދަނީ ހިންގަމުންނެވެ.