ކުށްވެރިންނަކީ ފަނޑިޔާރުން ނޫން ކަމަށާއި ޙަޤީގީ ކުށްވެރިއަކީ ފަނޑިޔާރުންނަށް ރިޝްވަތުގެ ފައިސާ ބަހަމުން ހިނގާ މަހުޖަނު ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ހއ. ދިއްދޫއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ މުހާތަބު ކުރައްވާ ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ ރާއްޖެއަށް މިއަދު ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ "ރިޝްވަތު ދޭ މަހުޖަނު" ކަމަށާއި ފަނޑީޔާރުންނަށް ރިޝްވަތުދޭ މަހުޖަނުގެ ވާހަކަ ދައްކަންޖެހޭ ކަމަށެވެ.
ނަޝީދު ވިދާޅުވީ ފަނޑިޔާރުންނާއި މަޖިލިސް މެމްބަރުންގެ އިތުރުން ސަރުކާރުގެ ތެރެއިން ވެސް ކަންތައްތައް ގޯހުން ދަނީ އެފަރާތްތަކަށް ރިޝްވަތު ދޭ ބަޔަކު ތިބޭތީ ކަމަށެވެ.
ފަނޑިޔާރުގެ އިސްލާހުކުރުމަށް އެކި ބޭފުޅުން އެކި ވާހަކަތައް ދައްކަމުންދާ ކަމަށާއި ފަނޑިޔާރުންގެ ނަޒާހަތްރެރިކަން ދެމެހެއްޓުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން ބަދަލުކުރުމުގެ ވާހަކަ ވެސް ބައެއް ބޭފުޅުން ދައްކަވާ ކަމަށް ނަޝީދު ވިދާޅުވިއެވެ.
ނަޝީދު ވިދާޅުވި ގޮތުގައި އެ ހުރިހާ ވާހަކައެއް ދައްކާއިރުވެސް އެންމެ މުހިންމު ކަންތައް އޮންނަނީ ހަނދާނުން ކައްސާލާފައެވެ.
"ފަނޑިޔާރުގެޔަކަސް ސަރުކާރުގެ މުވައްޒަފަކަސް މެންބަރަކަސް އަދި އެއްވެސް މަސައްކަތެއް ކުރާ އެއްވެސް މީހަކަސް ހަގީގަތުގައި މަގުން ކައްސާލައިގެން ދާ އެންމެ ބޮޑު ސަބަބަކީ އޭނާއަށް ފައިސާ ދޭކަން، ރިޝްވަތުގެ ހުތުރު ފައިސާ ދޭ މީހުން އެ ފައިސާ ގުނަގުނައިން ހޯއްދަވައިގެން އެ ފައިސާ އެކިއެކި ބޭފުޅުންނަށް ދެއްވާ. ފައިސާ ވެރިން އިސްލާހުކުރުމުގެ ވާހަކަ ދެއްކޭ މިންވަރު އަޅުގަނޑުމެންނަށް މާކުޑަ،" ނަޝީދު ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވީ ރިޝްވަތު ދޭ މީހުން އެކަން ކުރަމުން ގެންދަނީ އިތުރު ފައިސާ ހޯދަން ކަމަށެވެ. އަދި ކަންކަން އިސްލާހު ކުރުމަށްޓަކައި މިއަދު އެންމެ މުހިންމު ކަމަކީ ފައިސާ ދެމުންދާ މަހުޖަނު އިސްލާހު ކުރުން ކަމަށް ނަޝީދު ވިދާޅުވި އެވެ.
"އޭނާ ދޭ ފައިސާއިން އަޅުގަނޑުމެންގެ ރާއްޖެ ހަލާކުވަނީ. އޭނާގެ މަގުސަދަކަށް ވަނީ އޭނާގެ ބޭނުމަކަށް ވަނީ އިތުރު ފައިސާ ހޯދުން. އެ ހޯދުމަށްޓަކައި ނާޖާއިޒު ގޮތުގައި ކަންކަން ހިންގުމަށް ފައިސާ ބޭނުން ކުރަނީ މިއަދު އަޅުގަނޑަށް ފެންނަ ކުށްވެރިޔާއަކީ ފަނޑިޔާރު މަނިކުފާނެއް ނޫން. އަޅުގަނޑަށް ފެންނަ ކުށްވެރިޔާއަކީ މަހުޖަނު. އެކަން ހަނދާން ނައްތާލައިގެން ނުވާނެ" ނަޝީދު ވިދާޅުވިއެވެ.
ފައިސާވެރިން އެ ތަނަވަސްކަން ހޯދާ ގޮތާއި އެ ގެންގުޅޭ ގޮތް އެނގެން ޖެހޭ ކަމަށް ނަޝީދު ވިދާޅުވި އެވެ.