ކުރިން އަރަބިއްޔާ ސްކޫލް ހުރި ބިމުގައި އިމާރާތް ކޮށްފައިވާ މާލެ ގްރޭންޑް ފްލެޓްތަކުގެ މެއިންޓަނަންސް މަސައްކަތް ކުރަމުން ނުދާތީ އެތަނުގައި ދިރިއުޅޭ އާންމުން ކަންބޮޑުވުން ފާޅުކޮށްފިއެވެ.
ރާއްޖެ.އެމްވީއަށް މައުލޫމާތު ދެމުން އެފްލެޓްގައި ދިރިއުޅޭ މީހަކު ބުނީ އިމާރާތް ރަނގަޅަށް ބަލަހައްޓަމުންދާ ކަމަށް ސަރުކާރުން ބުނި ނަމަވެސް އެކަން އެގޮތަށް ނުކުރާ ކަމަށާއި، ހައުސިންގ މިނިސްޓްރީން އެއިމާރާތުގެ ހާލަތު ބަލާ ނުލާތާ އެތައް ދުވަހެއް ވެފައިވާ ކަމަށެވެ. އަދި މެއިންޓަނަންސްގެ އެއްވެސް މަސައްކަތެއް ކޮށްފައިނުވާކަން ފާހަގަކޮށް އެމީހާ ބުނީ ލިފްޓުން ކަރަންޓު ކެނޑި ހުއްޓުނު ނަމަވެސް ލިފްޓްގެ މެއިންޓަނަންސްގެ މަސައްކަތް ކޮށްފައިނުވާ ކަމަށެވެ.
އެމީހާ ބުނީ އެއިމަރާތުގެ ތިރީގައި ހުރި ފެންގަނޑުގައި މަދިރި އަޅައި، އެކަމުގެ ތަކުލީފުތައް އެތާގައި ދިރިއުޅޭ އެންމެނަށް ފޯރާފައިވާ ކަމަށެވެ. އަދި މާލެ ގްރޭންޑް ގަސް ހައްދާ ބައިވެސް ސާފު ނުކުރާތާ އެތައް ދުވަހެއް ވެފައިވާ ކަމަށެވެ.
މީގެ އިތުރަށް އެމީހާ ބުނީ އިމާރާތުގައި ހުރި ފަޔަރ އެލާމް ސިސްޓަމް އެއްކޮށް ހަލާކުވެފައިވާ ކަމަށާއި، ހާދިސާއެއް ހިނގި ނަމަވެސް އެކަން އެނގޭނެ އެއްވެސް ގޮތެއް ނެތް ކަމަށެވެ.
"މިއިމާރާތުގައި އަލިފާނުގެ ހާދިސާއެއް ދަންވަރު ގަޑީގައި ހިނގާފިއްޔާ ނޭނގޭނެ. މިހާރު ރައްކާތެރިއެއް ނޫން މިތާނގަ ދިރިއުޅޭކަށް. މެއިންޓަނަންސް ނުބެލެހެއްޓެންވީ އެއްވެސް ސަބަބެއް ނޭނގެ. އަޅުގަނޑުމެން ހަމަ ހައުސިންގ މިނިސްޓްރީއަށް ދޭންޖެހޭ ފައިސާ ދެން،" އެމީހާ ބުންޏެވެ.
މާލެ ގްރޭންޑް އިމާރާތުގެ މެއިންޓަނަންސްގެ މަސައްކަތް ނުކުރާތީ ބައެއް މީހުން ކަންބޮޑުވުން ފާޅުކޮށްފައިވާއިރު ލިފްޓު ކުއްލިއަކަށް ހުއްޓި މީހުން ތާށިވެ ބައެއް ހާދިސާތައް ވަނީ ހިނގާފައެވެ.