ގައުމަށް ހަގީގީ ތަރައްގީ ގެނައުމަށް އެގައުމެއްގެ އިންޑަސްޓްރީތައް ކުރިއަރުވާނެ މީހުން ބިނާކުރަންޖެހޭ ކަމަށް ސައިރިކްސް ކޮލެޖްގެ ޗެއާރމަން އަދި ޕްރައިވެޓް ހަޔަރ އެޑިޔުކޭޝަން މޯލްޑިވްސްގެ ބޯޑުގެ މެންބަރު އަހުމަދު ޝަރީފު ވިދާޅުވެއްޖެއެވެ.
ރާއްޖެޓީވީގެ ފަލަ ސަރުހީ ޕްރޮގްރާމްގައި ޝަރީފު ވިދާޅުވީ ރާއްޖެއަކީ ތަރައްގީވަމުން އަންނަ ގައުމެއް ކަމަށާއި، ތަރައްގީ ވަމުން އަންނަ ގައުމުތަކުގެ އިންޑަސްޓްރީތަކުގައި ގާބިލް މީހުން ތިބެން ޖެހޭ ކަމަށެވެ. މުސްތަގުބަލަށް ވިސްނައި، އިންޑަސްޓްރީތަކަށް މީހުން ބިނާ ކުރުން އެއީ ގައުމަށް ލިބޭ ބޮޑު ކުރިއެރުމެއް ކަމަށް ޝަރީފު ވިދާޅުވިއެވެ. ނަމަވެސް ސަރުކާރުން މީހުން ބިނާ ކުރުމަށް މާ ބޮޑު އަހައްމިއްޔަތު ކަމެއް ދޭތަން ނުފެންނަ ކަމަށް އޭނަ ވިދާޅުވިއެވެ.
ޝަރީފު ވިދާޅުވީ ތައުލީމު ހާސިލް ކުރަމުންދާ ކުދިން ޖެނަރަލް އެޑިއުކޭޝަން ވަކި ހިސާބަކަށް ނިންމުމަށްފަހު ކިޔެވުން ދޫކޮށްލަނީ ކަމަށާއި، ނަމަވެސް ހަޔާ އެޑިޔުކޭޝަން ދިއުމަށް މަގު ދައްކައިދޭން ޖެހޭ ކަމަށެވެ. ޝަރީފު ވިދާޅުވީ ޖެނަރަލް އެޑިޔުކޭޝަނަށް ބިލިއަނުން ރުފިޔާ ހަރަދުކުރާއިރު، ތަމްރީނުދިނުމަށްފަހު ގާބިލް ބައެއްގެ ގޮތުގައި އަމަލީ މައިދާނަށް ނެރެންޖެހޭ ކަމަށެވެ.
"މިވާގޮތަކީ 10އަކާއި ހަމައަށް ކިޔަވާފައި އެއްބައި ކުދިން ދޫކޮށްލަނީ. ދެން 11، 12 އަށް ކިޔަވާފައި އަނެއްބައި ކުދިން ދޫކޮށްލަނީ. ދެން ކުދިން މަގުމަތިވީމަ މިބުނަކީ ކުދިން މަގުމަތިވެއްޖޭ. އެއީ މިކުދިންނަށް ތަމްރީން ދޭންޖެހޭ. އެހިސާބުން މިކުދިން ނަގައި ގަންނަން ޖެހެނީ. ތޫނު ފިލި ކުދިންނާއި އެކި ދިމަދިމާއިން ކުދިން ޑިވަލޮޕްކުރަންޖެހެނީ އެހިސާބުން." ޝަރީފު ވިދާޅުވިއެވެ.
ޝަރީފު ވިދާޅުވީ ރާއްޖޭގައި އޯލަވަލް ހަދައިގެން ނުކުންނަ ކުދިންނަށް ބަލާއިރު މިހާރު ދެ ޔުނިވާސިޓީއާ ޕްރައިވެޓް ކޮލެޖްތަކުން މަތީތައުލީމަށް ކިޔެވޭނެ ފުރުސަތާއި، ޖާގަ އެބަހުރި ކަމަށާއި، ނަމަވެސް ދަރިވަރުން މަދުވަމުންދާ ކަމަށެވެ.
ކޯލިޝަން ސަރުކާރުގައި އެމްކިޔުއޭ ވަކި މުއައްސަސާއެއްގޮތަށް ގާނޫނީ ބާރު ލިބިގެން ތަރައްގީ ކުރާތަނަކަށް ހެދުމަށް މެނިފެސްޓޯގައި ހިމަނާފައިވާތީ އެކަމަށް އިޝާރާތް ކުރައްވާ ޝަރީފު ވިދާޅުވީ އެއީ ތައުލީމީ ދާއިރާއަށް އެޅޭ ވަރަށް މުހިންމު ފިޔަވަޅެއް ކަމަށެވެ.
"މިސާލަކަށް މެލޭޝިއާގައި އެމްކިޔުއޭ އެތަން ވަރަށް ވަރުގަދަ ވެއްޖެ މިހާރު ހަގީގަތުގައި. މިހާރު މެލޭޝިއާގައި ބޮޑު އިންޑްސްޓްރީއަކަށް ވެއްޖެ ހަޔަރ އެޑިޔުކޭޝަން. މިހާރު މެލޭޝިޔާގެ ކުރީ ކޮލެޖްތައް މިހާރު ޔުނިވާރިސޓިއަށް ވެއްޖެ. ފުރަތަމަ ކޮލެޖް ދެން ކޮލެޖް ޔުނިވާސިޓީ، ދެން ޔުނިވާސިޓީތައް. ކޮލެޖް ހިންގިއިރު، ކޮލެޖް ޔުނިވާސިޓީ ހިންގިއިރު ބޭރުގެ ބައެއް ޕްރޮގްރާމްތައް ހިންގި. ހިންގާފައި މިހާރު ޔުނިވާސިޓީއަކަށް ބަދަލުވީމަ ބޭރުގެ ހުރިހާ ޕްރޮގްރާމްތައް ހުއްޓާލާފައި މިހާރު އެމީހުންގެ އަމިއްލަ ޕްރޮގްރާމްތަކެއް މިހާރު އުފައްދަނީ." ޝަރީފު ވިދާޅުވިއެވެ.
ޝަރީފު ވިދާޅުވީ 2000 ވަނަ އަހަރު އެމްކިޔުއޭ އެފެދުމަށްފަހު އުންމީދު ކުރީ މިއަދާ ހަމައަށް އަންނައިރު ރާއްޖޭގެ ކޮލެޖް، ޔުނިވާސިޓީތަކުގައި ހުންނާނީ ރާއްޖޭގެ ޕްރޮގްރާމްތައް ކަމަށާއި، ދުނިޔޭގެ އެހެން ގައުމުންތަކުން ދަރިވަރުން ރާއްޖެއަށް އަންނާނެ ކަމަށެވެ. ނަމަވެސް މިއަދު އެކަން ނުވާތީ ހިތާމަ ކުރައްވާ ކަމަށް ޝަރީފު ވިދާޅުވިއެވެ.
ޝަރީފު ވިދާޅުވީ އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ތައުލީމީ ދާއިރާއަށް ގެންނާނެ ބަދަލުތަކާއި، މެނިފެސްޓޯގައި ހިމަނާފައިވާ ކަންތައްތަކާއި މެދު ވަރަށް ހިތްހަމަ ޖެހޭ ކަމަށާއި، އުންމީދު ކުރަނީ ކުރިއަށް އޮތް ފަސް އަހަރު ތައުލީމީ ދާއިރާ ބަދަލުވެ ހެޔޮ ބަދަލެއް އަންނާނެ ކަމަށެވެ.