ހުޅުމާލޭގައި ހިންގާ ކުޑަކުދިން ބަލަހައްޓާ މަރުކަޒު ފިޔަވަތީގައި ސެންސަރީ ރޫމެއް ގާއިމުކޮށްފިއެވެ.
މި ސެންސަރީ ރޫމް ރަސްމީކޮށް ހުޅުވައިދެއްވީ ފިޔަވަތީގައި ބުދަ ދުވަހު ކުރިއަށް ދިޔަ ރަސްމިއްޔާތެއްގައި ރާއްޖޭގައި ހުންނަވާ ޔުނިސެފްގެ ރެޕްރެޒެންޓޭޓިވް މިސްޓަރ މުނީރު ސަފީލްދީން އެވެ.
މި ރަސްމިއްޔާތުގައި ޖެންޑާރ މިނިސްޓަރު ޒެނީޝާ ޝަހީދު ޒަކީ ވިދާޅުވީ މި ސެންސަރީ ރޫމް ޚާއްޞަކުރެވިފައިވަނީ ދައުލަތުގެ ބެލުމުގެދަށުގައި ދިރިއުޅޭ ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށާއި، ނަފްސާނީ ގޮތުން އެހީތެރިކަން ބޭނުންވާ ކުދިންގެ އިތުރުން ހެދިބޮޑުވުމުގެ މަރުޙަލާތަކުގައި ލަސްތަކެއް އުޅޭކަމަށް ފާހަގަކުރެވޭ ކުދިންނަށްކަމަށެވެ. އަދި ސެންސަރީ ރޫމް އިން ހިންގޭ ހަރާކާތްތަކުގެ ސަބަބުން ކުދިންގެ ތަފާތު ހުނަރުތައް ތަރައްޤީކޮށް، އިހުސާސްތައް ދެނެގަނެ، ނަފްސާނީ ދުޅަހެޔޮކަން އިތުރުކޮށްވެގެންދާނެކަމަށް މިނިސްޓަރު ޒެނީޝާ ވިދާޅުވިއެވެ.
ޖެންޑާރ މިނިސްޓްރީން ބުނީ މި ސެންސަރީ ރޫމްގައި ތެރެޕިއުޓިކް ހަރަކާތްތައް ކުރިއަށް ގެންދެވޭ ގޮތަށް، ފެނުމާއި އަޑުއެހުމުގެ ހުނަރުތައް ތަރައްޤީކުރުމަށް ކުޅޭތަކެއްޗާއި، ސެންސަރީ ޓެކްޓައިލް މެޓްތަކާއި، ތަފާތު ކުލަތަކާއި، އެކި ޓެކްސްޗަރގެ ތަކެތި ބޭނުންކުރުމުގެ އިތުރުން ތަފާތު ރާގު ނުވަތަ އަޑުތައް އިވޭނެގޮތަށް އެކި ވަސީލަތްތައް ގާއިމުކުރެވިފައިވާ ކަމަށެވެ. މި ޚިދުމަތް ގާއިމުކުރެވިފައިވަނީ ޒަރލީނާ ސްޓޫޑިއޯގެ އެހީތެރިކަމާއެކުއެވެ.
ފިޔަވަތީގައި ދިރިއުޅޭ ޚާއްސަ އެހީތެރިކަން ބޭނުންވާ ކުދިންނާއި ނުކުޅެދުންތެރިކަން ހުންނަ ކުދިންނާއެކު ސެޕްޝަލް ނީޑްސް ކޮންސަލްޓަންޓެއް މަސައްކަތްކުރަމުން ގެންދެއެވެ. އަދި މި ކުދިންގެ ހުނަރުތައް ތަރައްޤީކުރުމަށް ކުރާ މަސައްކަތްތަކުގައި މި ސެންސަރީ ރޫމް ގާއިމުކުރުމާއެކު ވަރަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމަށް ޖެންޑާރ މިނިސްޓްރީން މައުލޫމާތުދެއެވެ.
ފިޔަވަތީގައި މި ވަގުތު 12 އަހަރުން ދަށުގެ 98 ކުދިން ބަލަހައްޓަ އެވެ.