އައްޑޫ ސިޓީ ކައުންސިލާ ކުރީގެ ރައީސް އަދި އެމްޑީޕީގެ ލީޑަރު މުހައްމަދު ނަޝީދު ބައްދަލު ކުރައްވާ ލާމަރުކަޒީ ނިޒާމު އިތުރަށް ހަރުދަނާ ކުރެއްވުމުގެ މަޝްވަރާ ކުރައްވައިފި އެވެ.
އައްޑޫ ސިޓީއަށް ރައީސް ނަޝީދު މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އައްޑޫ ސިޓީ ކައުންސިލްއާ ބައްދަލު ކުރައްވާ އައްޑޫ ސިޓީގެ ތަރައްގީއާއި ލާމަރުކަޒީ ނިޒާމު އިތުރަށް ހަރުދަނާ ކުރުމުގެ ގޮތުން މަޝްވަރާތައް ކުރައްވަމުން ގެންދަވާއިރު، ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ވަނީ ލާމަރުކަޒީ ނިޒާމުގެ ގާނޫނުން ސިޓީ ކައުންސިލްތަކާއި އަތޮޅު އަދި ރަށު ކައުންސިލްތަކަށް ލިބިދީފައިވާ ގިނަ ބާރުތަކެއް ސަރުކާރުގެ އެކިއެކި މިނިސްޓްރީތަކަށް ނަންގަވާފަ އެވެ.
Raees @MohamedNasheed, @AdduCityCouncil membarun’aai bahdhalu kurevvumah City Council Idhaaraa ah vadaigathun pic.twitter.com/Z0RtLR511J
— MDP Secretariat (@MDPSecretariat) November 7, 2018
ލާމަރުކަޒީ ނިޒާމަކީ އެމްޑީޕީއާއި ދިވެހި ރައްޔިތުން، ރާއްޖެ ހިންގުމަށް ބޭނުންވާ ނިޒާމެއް ނަމަވެސް ރިޔާސީ ކެމްޕެއިންގެ ތެރޭގައި މޯލްޑިވްސް ނޭޝަނަލް ޔުނިވާރސިޓީން ބޭއްވި ބަހުސެއްގައި ރައީސް ޔާމީން ވަނީ ލާމަރުކަޒީ ނިޒާމަކީ އެމަނިކުފާނު ގަބޫލުފުޅު ކުރައްވާ ނިޒާމެއް ނޫން ކަމަށް ވިދާޅުވެފަ އެވެ.
ރައީސް ޔާމީންގެ ސަރުކާރުގައި ކައުންސިލްތަކުގެ ބާރު ކަނޑުވާލިއިރު، އައްޑޫ ސިޓީ ކައުންސިލަށާއި ރަށްރަށުގެ ކައުންސިލްތަކަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލާން ޖެހުނު ކަމަށް ކައުންސިލުން ބުނެފައިވެއެވެ.
ގާނޫނުއަސާސީގެ ދަށުން، އިދާރީ ދާއިރާތައް ލާމަރުކަޒީ ނިޒާމުގެ ދަށުން ހިންގުމުގެ ގާނޫނެއް އުފައްދައި އެގާނޫނުގެ ދަށުން ފުރަތަމަ ކައުންސިލްތައް އިންތިހާބު ކުރެވިގެން ދިޔައީވެސް އެމްޑީޕީގެ ސަރުކާރުގެ ދުވަސްވަރު އެވެ.
އައްޑޫ ސިޓީއަކީ އެމްޑީޕީއާއި ރައީސް ނަޝީދުއަށް ބޮޑު ތާއީދެއް އޮންނަ، މާލެ ފިޔަވާ ރާއްޖޭގެ އެންމެ ބޮޑު އާބާދީއެއް އޮންނަ ސިޓީ އެވެ.