ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ޚާއްޞަ އޮފީހެއް އައްޑޫ ސިޓީ ހިތަދޫގައި ހުޅުވައިފިއެވެ
އައްޑޫ ސިޓީއަށް ރައީސް ނަޝީދު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއޮފީސް ހުޅުވައިދެއްވީ ބުދަ ދުވަހު ހެނދުނު ރައީސް ނަޝީދެވެ.
އައްޑޫ ސިޓީ ހިތަދޫގެ ބޮޑުމަގަށް ވާގޮތަށް ހުންނަ މިއޮފީސް ހުޅުވައިދެއްވުމަށް ފަހު ރައީސް ނަޝީދު ވަނީ ހިތަދޫ މެދު ދާއިރާގެ ބައެއް ބޭފުޅުންނާ ބައްދަލު ކުރައްވާ ވާހަކަ ދައްކަވާފައެވެ.

ރައީސް ނަޝީދު ވިދާޅުވީ ހިތަދޫގައި މިހުޅުވި އޮފީހުން ކުރައްވާނެ މައިގަނޑު މަސައްކަތަކީ ތިމާވެއްޓާއި ގުޅުން ހުރި މަސައްކަތްތައް ކަމަށާއި ޚާއްޞަކޮށް އިއާދަ ކުރަނިވި ހަކަތައާއި ދެމެހެއްޓެވި ގޮތަކަށް ކުރެވޭ ތިމާވެއްޓާ ރައްޓެހި މަސްވެރިކަން ކުރެވޭނެ ގޮތްތަކުގެ އިތުރުން ބަނދަރު ހެދުމާއި އެއްގަމު ތޮށި ލުމުގައި ވެސް ތިމާވެއްޓާ ރައްޓެހި ގޮތްތައް ހޯދުންފަދަ މަސައްކަތްތައް ކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ އެމަސައްކަތްތައް ކުރިއަށް ގެންދަވާނީ ބޭރުގެ ޔުނިވަރސިޓީތަކާއި ރާއޖޭގެ އަދި ޚާއްޞަކޮށް އައްޑޫ ސިޓީގެ ސްކޫލް މަދަރުސާ ތަކާއި ސިޓީ ކައުންސިލާ ގުޅިގެން ކަމަށެވެ.
މިއޮފީސް ހުޅުވުމުގެ ރަސްމިއްޔާތުގައި މިދަތުރުފުޅުގައި ބައިވެރިވެވަޑއިގަންނަވާ ކުރީގެ ވަޒީރުންނާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން އަދި އެމްޑީޕީގެ އިސް ސަފުގައި ހިމެނިވަޑައިގަންނަވާ ބޭފުޅުން ތިއްބެވިއެވެ..