އަށް ރަށެއްގެ ނަރުދަމާ ތަރައްގީ ކުރުމަށް ދިން ކަމަށް ބުނާ 40 މިލިއަން ޑޮލަރުގެ ލޯނު ހަމަނުޖެހޭކަން ހާމަވެއްޖެއެވެ.
ރާއްޖެއެމްވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އޯޕެކް ފަންޑް ފޯ އިންޓަރނޭޝަނަލް ޑިވެލޮޕްމެންޓް (އޯފިޑް) އިން 40 މިލިއަން ޑޮލަރު ނުވަތަ 616 މިލިއަން ރުފިޔާގެ ލޯނަކަށް ސަރުކާރުން އެދިފައިވެއެވެ. އެހެން ނަމަވެސް އަދި މިހާތަނަށް ލޯނު ހަމަޖެހިފައެއް ނުވެއެވެ. ލޯނު ހަމަޖެހުމުގެ ކުރިން ލޯނު ހަމަޖެހުނު ކަމަށް ބުނެ މިދިޔަ ޖުލައި މަހުގައި ހައުސިންގ މިނިސްޓްރީ އާއި އެންވަޔަރމެންޓް މިނިސްޓްރީން ގުޅިގެން ބޭއްވި ޕްރެސް ކޮންފަރެންސްގައި ވަނީ އެމައުލޫމާތުތައް ހާމަކުށްފައެވެ.
ލޯނުގެ ތެރެއިން އަށް ރަށެއްގެ ނަރުދަމާ އާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ކުރެވޭނެ ކަމަށް އެންވަޔަރމެންޓް މިނިސްޓަރ ތޯރިގް އިބްރާހިމް ވިދާޅުވިއެވެ. އެގޮތުން ހދ.ނެއްލައިދޫ އާއި މަކުނުދޫ އާއި ށ. ފޭދޫ އާއި ގދ.ވާދޫ އާއި ގދ. ފިޔޯރީ ނަރުދަމާގެ މަޝްރޫއުއަށް ހޭދަކުރެވޭނެ ކަމަށް އޭރު ވިދާޅުވިއެވެ. އަދި ގއ. ކޮލަމާފުއްޓާއި ގދ. ހޯޑެއްދޫ އާއި އައްޑޫ ސިޓީގެ މަރަދޫފޭދޫގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަން އިއުލާނު ކުރިއެވެ.
ސަރުކާރުން މި މަޝްރޫއުތަކުގެ ވާހަކަތައް އިއުލާނު ކުރި ދުވަސް ވަރަކީ ރިޔާސީ އިންތިހާބާ ދިމާކޮށް ގިނަ މަޝްރޫއުތަކެއްގެ ވާހަކަ ދެއްކި ދުވަސްވަރެކެވެ.
މިމަޝްރޫއުގެ އަމަލީ މަސައްކަތް ފައްޓަވާނެ ކަމަށް މިނިސްޓަރ ވިދާޅުވި ނަމަވެސް މަސައްކަތް ކުރުމަށް ފަންޑެއް އޭރުވެސް ހަމަޖެހިފައެއް ނުވެއެވެ.
މިކަމާ ގުޅިގެން ފިނޭންސް މިނިސްޓްރީއަށް ގުޅުމުން ޖަވާބެއް ދެއްވަން ބޭނުން ނުވާކަމަށް ފިނޭންސް މިނިސްޓަރ އަހުމަދު މުނައްވަރު ވިދާޅުވިއެވެ.
އޯފިޑް ފަންޑުން ގިނަ މަޝްރޫއުތަކެއް ހިންގުމަށް ތައްޔާރުވާކަން ހާމަކޮށް، އަވަސް މުއްދަތެއްގެ ތެރޭގައި އަމަލީ މަސައްކަތް ފައްޓަވާނެ ކަމަށް ސަރުކާރުން އިއުލާނު ކުރި ނަމަވެސް، އޯފިޑް އިން މިއަހަރު ހަތަރު ޕްރޮޖެކްޓަކަށް 315 މިލިއަން ރުފިޔާ ޚަރަދު ކުރުމަށް ވަނީ ކަނޑައަޅާފައެވެ. އެއީ ގާތްގަނޑަކަށް 20.4 މިލިއަން ޑޮލަރެވެ. ފިނޭންސް މިނިސްޓްރީން ހާމަކޮށްފައިވާ މައުލޫމާތުތަކުން އެނގޭ ގޮތުގައި އޯފިޑްގެ ހިލޭ އެހީގެ ދަށުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ޓާމިނަލްގެ މަސައްކަތަށް 115 މިލިއަން ރުފިޔާގެ ލޯނުގެ އެހީ ލިބިފައިވެއެވެ. ހިތަދޫ ރީޖަނަލް ހޮސްފިޓަލުގެ މަސައްކަތަށް 37 މިލިއަން ރުފިޔާ، ރަށްރަށުގެ ފެނުގެ ނިޒާމުގެ މަޝްރޫއުތަކެއް ކުރިއަށް ގެންދިއުމަށް 49 މިލިއަން ރުފިޔާ އާއި ކުނި މެނޭޖު ކުރުމަށާއި ނަރުދަމާގެ މަޝްރޫއުތަކަށް 112 މިލިއަން ރުފިޔާ ހޭދަ ކުރުމަށް ކަނޑައަޅާފައިވެއެވެ.
އެނޫން އިތުރު އެއްވެސް މަޝްރޫއުއަކަށް އޯފިޑްގެ ލޯނުގެ ތެރެއިން ހޭދަކޮށްފައެއް ނުވެއެވެ.