މާލެއަށް ލުޔެއް ފަސޭހައެއް ލިބެން އޮތީ އައްޑޫ ސިޓީ ތަރައްޤީ ކުރެވިގެންކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ އަމިއްލަފުޅަށް އަރުވާލެވިގެން ހުންނެވުމަށްފަހު އެނބުރި ރާއްޖެ ވަޑައިގެން ފުރަތަމަ ފަހަރަށް މާލެއިން ބޭރަށް ކުރެއްވި ދަތުރުފުުގައި އައްޑޫ ސިޓީގައި ވާހަކަ ދައްކަވަމުންނެވެ.
އައްޑޫ ސިޓީ ފޭދޫގައި އަންގާރަ ދުވަހު ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ އައްޑޫގެ ތަރައްޤީއަކީ ދިވެހިރާއްޖެއަށް މަޖްބޫރު ކަމެއްކަމަށާއި އައްޑޫ ރައްޔިތުންނަށް ދަރާފައިވާ ބޮޑު ދަރަންޏެއް ކަމަށެވެ. އެދަރަނި އަދާކުރުމަށް އަނެއްކާވެސް އެމްޑީޕީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހް މިވަނީ ވެރިކަމާ ހަވާލުވާން ތައްޔާރުވެފައި ކަމަށެވެ. އެ އުފެދޭ ސަރުކާރުގައި އައްޑޫ ސިޓީއަށް އިސްކަން ދޭނެ ކަމީ އެއްވެސް ވަރަކަށް ޝައްކެއް ހިނގާ ކަމެއް ނޫންކަމަށް ރައީސް ރަޝީދު ވިދާޅުވިއެވެ.
"އައްޑޫގެ އެއަރޕޯޓް އިންޓަރނޭޝަނަލް އެއަރޕޯޓަކަށް ފުރިހަމައަށް ބަދަލުވާން އެބަޖެހޭ. އައްޑޫގެ ބަނދަރު އިންޓަރނޭޝަނަލް ބަނދަރަކަށް ފުރިހަމައަށް ބަދަލުވާން އެބަޖެހޭ. އައްޑޫގައި ޓުއަރިޒަމްގެ ވިޔަފާރި ފުޅާވާން ޖެހޭ، އެވިޔަފާރީގެ ފައިދާ މުޅި ރައްޔިތުންނަށް ފޯރަން ޖެހޭ. އައްޑޫގެ މިއަތޮޅުގައި އިތުރު ތިން ރަށެއް އުފައްދައި އަދި ރަށުތެރޭގައިވެސް ޓުއަރިޒަމްގެ ޒޯންތައް އުފައްދާން ޖެހޭ. އެތަންތަނުގައި ހިންގޭ ތަރައްޤީގެ މަޝްރޫޢުތަކުން ލިބޭ ފައިދާއިން ހަމަޖެހޭ ދިރިއުޅުމެއް ހޯދައިދެވޭނެ ކަމީ ޝައްކު ހިނގާ ކަމެއް ނޫން،" ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު ވިދާޅުވީ އައްޑޫގައި ފަށާފައިވާ ފެނާ ނަރުދަމާ ޤާއިމް ކުރުމުގެ މަސައްކަތަކީ އެމްޑީޕީގެ ސަރުކާރުގައި ނުހަނު އިސްކަމެއް ދީގެން ފަށާފައިވާ މަސައްކަތެއް ކަމަށާއި، އަނެއްކާވެސް މި ލިބުނީ ބާރަށް ގެންގޮސް އެކަން ނިންމުމުގެ ފުރުސަތު ކަމަށެވެ.
ރައީސް ނަޝީދު ވިދާޅުވީ ސަރުކާރުން އައްޑޫގައި ހިންގާ ވިޔަފާރި ތަކަކީ އައްޑޫ ރައްޔިތުންގެ ވިޔަފާރިތަކަކަށް ވާން ޖެހޭނެކަމަށެވެ. އެވިޔަފާރިތަކަކީ އައްޑޫ ސިޓީ ކައުންސިލް ހިއްސާވާ ވިޔަފާރިތަކަކަށް ވާން ޖެހޭނެ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
"މިތަނުގައި ހިންގާ ވިޔަފާރި ތަކަކީ މާދުރުގައި މާލޭގައި ތިބޭ ބަޔަކު ހިންގާ ތަނަކަށް ވެގެން ނުވާނެ. މުޅި ރާއްޖޭގެ ތަރައްޤީ ގުޅިފައި އޮތް އެންމެބޮޑު އެއްތަނަކީ އައްޑޫ ސިޓީ. މިސިޓީގެ ތަރައްޤީއާ އެކުގައި ނޫނީ މާލެއަކަށް ލުޔެއް ފަސޭހައެއް ލިބެން ނެތްކަން އެއީ އެންމެންނަށް ޤަބޫލު ކުރެވޭނެ ހަޤީގަތެއް."
ރައީސް ނަޝީދު އިތުރަށް ވިދާޅުވީ ތަރައްޤީއަށް އެޅޭ އެންމެބޮޑު ހުރަކީ އޮބަހެއްޓުން ކަމަށާޢި ތަރައްޤީ ކުރެވޭނީ ދޫކޮށްލައިގެން ކަމަށެވެ.
"މާލޭގައި ހުންނަ މިނިސްޓްރީއަކުން ހިފެހެއްޓީމައެއް ތަރައްޤީއެއް ނުގެނެވޭނެ. ފިތުރަތުގެ އުސޫލަކީ ހެދި ބޮޑުވެ ދިއުން. ދޫކޮށްލަން ޖެހޭ ހަޤީގަތުގައި ތަރައްޤީ ނުކޮށް ހިފެހެއްޓުން މާ ގެއްލުން ބޮޑު ފިތުރަތައް ދޫކޮށްލުމަށްވުރެ. މިސިޓީގެ ތަރައްޤީއަށް ކޮންމެހެން ބޭނުން އަސާސަކީ މިސިޓީއަށް ބޭނުންވާ ގުދުރަތީ ވަސީލަތްތައް. މިސިޓީގެ އެންމެހާ ކަންކަން ދޫކޮށްލުން. މިއުފެދޭ ސަރުކާރުން ހިންގާ އެންމެ ފުރަތަމަ މަސައްކަތުގެ ގޮތުގައި އެކަން ކުރިއަށްދާނެ،" ރައީސް ނަޝީދު ވިދާޅުވިއެވެ.