އައްޑޫ ސިޓީގައި ބިނާކޮށްފައިވާ އިކްޓޯރިއަލް ކޮންވެންޝަން ސެންޓަރު (އީސީސީ) ހޮސްޕިޓަލަކަށް ބަދަލުކުރެއްވުމަށް ރައީސް އަބްދުﷲ ޔާމީން ފައްޓަވާފައިވާ މަސައްކަތް ކުރިއަށް ނުގެންގޮސް ހުއްޓާލުމަކީ ބުއްދިވެރިކަމެއް ނޫން ކަމުގައި ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ސާކް ސަމިޓާ ދިމާކޮށް އެމްޑީޕީ ސަރުކާރުން އައްޑޫ ސިޓީގައި ކޮންވެންޝަން ސެންޓަރެއް އަޅައި އެސަރަހައްދަކީ ފަޅުރަށެއް ކަމަށް ކަނޑައަޅައި، އޭގެ ފަހުން އެ ސަރަހައްދު ކޮންވެންޝަން ޓޫރިމަށް ތަރައްޤީ ކުރަން ނިންމީ ރައީސް ނަޝީދުގެ ވެރިކަމުގައި 2011 ވަނަ އަހަރުއެވެ.
ރައީސް ނަޝީދު އައްޑޫއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ ސިޓީގެ ރައްޔިތުންނާ މުޚާތަބް ކުރައްވާ ވާހަކަ ދައްކަމުން އެމަނިކުފާނު ވިދާޅުވީ، ކޮންވެންޝަން ސެންޓަރު ހޮސްޕިޓަލަކަށް ހެދުމަށް ކުރިއަށް ގެންދާ މަޝްރޫއު ހުއްޓާލުމުގެ ބަދަލުގައި އެންމެ ރަނގަޅު ގޮތަކީ އިބްރާހީމް މުޙައްމަދު ސޯލިހުގެ ވެރިކަމެއްގައި ވެސް އެ މަޝްރޫޢު ބާރަށް ކުރިއަށް ގެންދެވޭތޯ މަސައްކަތް ކުރުން ކަމަށެވެ.
އައްޑޫ ކޮންވެންޝަންޓަރަކީ ހޮސްޕިޓަލެއްގެ ގޮތުގައި ނޫން ގޮތަކަށް ހަދަން ނުފެންނަ ކަމަށާއި އައްޑޫގެ ސިޓީގެ ރައްޔިތުން ބޭނުންވާ ނަމަ އަނެއްކާވެސް ކޮންވެންޝަން ސެންޓަރެއް އެ ސިޓީގައި ބިނާކުރާނީ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި އެމްޑީޕީއަކީ ފަނާކުރާ ބައެއް ނޫން ކަމަށައި އެއީ ބިނާކުރާ ބައެއް ކަމަށް އޭނާ ވިދާޅުވިއެވެ.
"މިއަދު ރައީސް ޔާމީންވަނީ ކޮންވެންޝަން ސެންޓަރު ހަލާކުކޮށްލާފައި، އެތަނުގައި ހޮސްޕިޓަލެއް ހެނދުމުގެ ނަމުގައި މުޅިތަން ރޫޅާލައިފި، އަޅުގަނޑުމެންނަކީ ހަލާކުކުރާ ބަޔެއް ނޫން، އަޅުގަނޑުމެންނަކީ ބިނާކުރާ ބަޔެއް، ރައީސް ޔާމީން އެ ކުރައްވާން ފެއްޓެވި މަސައްކަތް އަލުން ބަދަލުކުރުމަކީ އަޅުގަނޑުގެ ނަޒަރުގައި ބުއްދިވެރިކަމެއް ނޫން، އަލުން އަބުރާ މިހާރު ކުރެވިފައިވާ ޚަރަދު އުކާލާ ބޭކާރު ކުރުމަކީ އަޅުގަނޑުމެން އެކަކަށްވެސް ވެސް އޭގެން ފައިދާވާނެ ކަމެއް ނޫން" ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު ވިދާޅުވީ ކޮންވެންޝަން ސެންޓަރު ރައީސް ޔާމީނަށް މުޅިން ހަލާކުކޮށް ނުލެވުނީ އެތައް ހަދާފައި ހުރިލެއް ވަރުގަދަކަމުން ކަމަށެވެ. މަސައްކަތް ކުރެއްވި ނަމަވެސް ރައީސް ޔާމީންގެ ސަރުކާރަށް ކޮންވެންޝަން ސެންޓަރުން މުޅިން ވީރާނާކޮށް ނުލެވުނު ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު ވިދާޅުވީ ރައީސް ޔާމީންގެ ސަރުކާރަށް ފަހު އަންނަ ވެރިމުގައި ކޮންވެންޝަން ސެންޓަރު ހޮސްޕިޓަލަކަށް ބަދަލުކުރުމުގެ މަސައްކަތް ބާރަށް ކުރިއަށްދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ. އަދި އެ މަސައްކަތް ވީހާ ވެސް އަވަހަކަށް ނިންމުމަކީ އަމާޒަކަށް ވެސް ވާންޖެހޭ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު އައްޑޫ އަށް ކުރައްވާ މި ދަތުރުފުޅަކީ އެމަނިކުފާނުގެ މައްޗަށް އިއްވެ 13 އަހަރުގެ ޖަލު ހުކުމަށް ފަހު ބޭސް ފަރުވާ އަށް ރާއްޖެއިން ބޭރަށް ވަޑައިގެން އިނގިރޭސި ވިލާތަށް އަރުވާލެއްވިގެން ހުންނަވާތާ ތިން އަހަރެއްހާ ދުވަހަށް ފަހު މި މަހުގެ 1 ވަނަ ދުވަހު އެނބުރި ރާއްޖެ ވަޑައިގެން ފަހުން ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.