ކުރީގެ ރައީސް މުހައްމަދު ނަޝީދު އައްޑޫ ސިޓީއަށް ވަޑައިގެންފިއެވެ.
އަންގާރަ ދުވަހުގެ މެންދުރު ފަހުގެ ވަގުތެއްގައި އައްޑޫ ސިޓީއަށް ވަޑައިގަތުމުން އެންމެ ފުރަތަމަ އެމަނިކުފާނަށް ގަން އެއާޕޯޓުން މަރުހަބާ ވިދާޅުވީ އައްޑޫ ސިޓީގެ މޭޔަރު އަބްދުﷲ ސޯދިގު އާއި އެ ސިޓީގެ ބައެއް ކައުންސިލަރުންނެވެ. އަދި ގަން އެއާޕޯޓަށް އެތައް ހާސް ބަޔަކު ޖަމާވެ އެމަނިކުފާނަށް ވަނީ މަރުހަބާ ކިޔާފައެވެ.
ރައީސް ނަޝީދަށް މަރުހަބާ ދަންނަވަން އެއްވި މީހުން މަރުހަބާ ކިޔާފައިވަނީ ހިތުގެ ބައްޓަމަށް ހަދާފައި ހުރި ކަރުދާސްތަކެއްގައި "ހިތާ ހިތުގެ ގުޅުމެއް" ކަމަށް ލިޔެފައިވާ ލިޔުންތަކާ އެކުއެވެ. ކުދި ބޮޑު އެންމެން ނިކުމެ އެމަނިކުފާނަށް މަރުހަބާ ކިޔަމުންދިޔަ އަޑު ހުރީ ގުގުމާފައެވެ. އަދި އެމަނިކުފާނަށް މަރުހަބާ ކިޔަން އައިސް ތިބި މީހުންނާ ސަލާމް ކުރެއްވުމަށް ގިނަ ވަގުތުތަކެއް ހޭދަ ކުރެއްވިއެވެ.
ރައީސް ނަޝީދާ އެކު އެމަނިކުފާނުގެ އަނބިކަނބަލުން ލައިލާ އަލީ އާއި އެމްޑީޕީގެ ލީޑަރޝިޕްގެ އިސް ބޭފުޅުންނާއި ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީއަށް ނިސްބަތްވާ ގިނަ މެމްބަރުން ވަނީ ވަޑައިގެންފައެވެ.
ރައީސް ނަޝީދުގެ މައްޗަށް ކުރި ޖަލު ހުކުމް ތަންފީޒު ކުރުން ފަސް ކުރުމަށް ސުޕްރީމް ކޯޓުން ކޮށްފައިވާ އަމުރާ އެކު އެމަނިކުފާނު މި ވަގުތު ހުންނެވީ މިނިވަނެއްގެ ގޮތުގައެވެ. އަދި ގިނަ ދުވަސްތަކެއް ވަންދެން ރާއްޖެ އިން ބޭރުގައި ހުންނެވުމަށް ފަހު އެނބުރި މާލެ ވަޑައިގަތުމަށް ފަހު މިއީ މާލެ ފިޔަވައި ރާއްޖޭގެ ރަށަކަށް ވަޑައިގެންނެވި ފުރަތަމަ ސިޓީއެވެ.
އައްޑޫ ސިޓީއަކީ ރައީސް ނަޝީދަށާއި އެމްޑީޕީއަށް ބޮޑު ތާއީދެއް އޮންނަ ސިޓީއެކެވެ.