ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރާނެ ކެންޑިޑޭޓުން ކަނޑައަޅާނީ ޕްރައިމަރީއަކަށް ފަހު ކަމަށް، އެ ޕާޓީގެ ރައީސް އަދި ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގައި އޮތް ރައީސް އަބްދުﷲ ޔާމީންގެ ބޮޑު އަޣުލަބިއްޔަތު ގެއްލިގެން ދިއުމާ ގުޅިގެން އެންޓި ޑިފެކްޝަން ގާނޫނު ހަދައި، ގޮނޑި ގެއްލުވާލި 12 މެމްބަރުންނަށް، ޕްރައިމަރީގައި ވާދަކުރުމެއް ނެތި ޕާޓީގެ ޓިކެޓް ދޭނެ ކަމަށް ރައީސް ނަޝީދު ވިދާޅުވި ކަމަށް، ބައެއް މެމްބަރުން ހޯމަ ދުވަހު ވިދާޅުވުމާ ގުޅިގެން އެމްޑީޕީގެ މެމްބަރުންތަކެއްގެ ހިތްހަމަ ނުޖެހުން ވަނީ ބޮޑުވެފަ އެވެ.
އެ މައްސަލަ ހޫނުވެފައިވާއިރު، ރައީސް ނަޝީދު މިއަދު ހެނދުނު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ އެމްޑީޕީގެ ޓިކެޓް ދޭން ފެނިވަޑައިގަންނަވަނީ ޕްރައިމަރީއަކަށް ފަހު ކަމަށެވެ.
"އެމްޑީޕީގެ ހިންގުމުގައި ޕާޓީގެ އެތެރޭގެ ޑިމޮކްރަސީ ވަރަށް މުހިންމު. ދުނިޔޭގެ ވަރަށް މަދު ސިޔާސީ ޕާޓީއެއްގެ ޕާލިމެންޓް ގޮނޑީގެ ޓިކެޓް ދިނުމަށް ޕްރައިމަރީއެއް ބާއްވަނީ. މިއީ ފައިދާ އާއި ގެއްލުން ހުރި ކަމެއްކަން އެމްޑީޕީ ތަޖުރިބާކޮށްފި. އެހެނަސް، ދެންވެސް އެމްޑީޕީގެ ޓިކެްޓު ދޭން ފެންނަނީ ޕްރައިމަރީ އަކަށް ފަހު،" ރައީސް ނަޝީދު ވިދާޅުވެފައިވެ އެވެ.
ގޮނޑި ގެއްލުނު ކަމަށް ކަނޑައެޅި 12 މެމްބަރުންނަށް ޓިކެޓް ދޭ މައްސަލައިގައި ސީދާ ޖަވާބެއް ދެއްވުމުގެ ބަދަލުގައި، އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒު ވެސް ހޯމަ ދުވަހު ވިދާޅުވެފައި ވަނީ، އެމްޑީޕީގެ ޓިކެޓް އެއްވެސް ފަރާތަކަށް ލިބޭނީ ޕްރައިމަރީގައި ވާދަކޮށްގެން ކަމަށެވެ.
ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެފައިވަނީ ގޮނޑި ގެއްލުނު 12 މެމްބަރުންނަށް ޕްރައިމަރީއެއްގައި ވާދަކުރުމެއް ނެތި އެ ބޭފުޅުންގެ ދާއިރާތަކުގެ ޓިކެޓް ދިނުމަށް ލީޑަރުން އެއްބަސްވެފައިވާ ކަމަށެވެ.
ރާއްޖެއެމްވީއަށް އެނގިފައިވާ ގޮތުގައި ކޯލިޝަންގެ ލީޑަރުން އެއްބަސްވެވަޑައިގެންފައިވަނީ، މަޖިލީހުގެ ގޮނޑި ގެއްލި ބާއްވާ ބައި އިލެކްޝަންސްގައި ޕްރައިމަރީއަކާ ނުލައި ޓިކެޓް ދިނުމަށެވެ. ގޮނޑި ގެއްލުނު ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ މެމްބަރުންގެ ގޮނޑި ނުގެއްލޭ ކަމަށް 15 މަސް ދުވަސް ފަހުން ސުޕްރީމް ކޯޓުން ކަނޑައަޅާފައިވާއިރު، އެ މެމްބަރުންނަށް އެ މުއްދަތުގެ މުސާރަ ގަނޑުކޮށް ލިބޭނެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ބޭއްވުމަށް ނިންމާފައި ވަނީ އަންނަ އަހަރުގެ މާޗް މަހު އެވެ،