ހައުސިންގ މިނިސްޓްރީން އާދީއްތަ ދުވަހު، ހއ. ދިއްދޫ އިން ހައުސިންގ ޔުނިޓް ލިބޭ ކަމަށް ކަނޑައަޅާ ޢާއްމުކުރި ލިސްޓް ބަލައި ނުގަންނަން ދިއްދޫ ކައުންސިލުން ނިންމައިފިއެވެ.
ދިއްދޫ ކައުންސިލުން ފާސްކުރި ޤަރާރެއްގައި ބުނެފައި ވަނީ ހައުސިންގ މިނިސްޓްރީން މި މަހުގެ 4 ވަނަ ދުވަހު ޢާއްމުކުރި 100 ހައުސިންގ ޔުނިޓް ލިބޭ ފަރާތުގެ ލިސްޓަކީ އެކައުންސިލުން ބަލައިގަނެވެން ނެތް ލިސްޓެއް ކަމަށާއި ކުރިން ދޫކުރެވުނު 140 ހައުސިންގ ޔުނިޓަށް އެދި ހުށަހެޅި އެންމެހާ ފަރާތްތަކަށް އިންސާފު ލިބެންދެން ދިއްދޫގެ ހައުސިންގ ޔުނިޓްތަކާ ގުޅޭ ގޮތުން ކުރެވޭ އެއްވެސް މުއާމަލާތެއްގައި އެކައުންސިލުން އެއްވެސް މިންވަރަކަށް ބައިވެރިވެވެން ނެތް ކަމަށް ދިއްދޫ ކައުންސިލުން އިޤްރާރުވާ ކަމަށެވެ.
އެކައުންސިލުން ވަނީ ދިއްދޫ އިން 100 ހައުސިންގ ޔުނިޓް ދޫކުރުމުގެ އެންމެހާ ކަންކަން ހައުސިން މިނިސްޓްރީން އިތުރަށް ކުރިއަށް ނުގެންގޮސް، ދިއްދޫ ރައްޔިތުން އިންތިޚާބުކުރި ދިއްދޫ ކައުންސިލުން އެދޭ ގޮތުގެ މަތިން، މުޅި އެ މުއާމަލާތް އެއްކޮށް ބާތިލް ކުރުމަށް ހައުސިންގ މިނިސްޓަރ ޑރ. މުހައްމަދު މުއިއްޒުއަށާއި އެ މިނިސްޓްރީގެ އެންމެހާ ވެރިންނަށް ދެންނެވުމަށް ނިންމާފައެވެ. އަދި އެ ގޮތުން ވެސް ހުއްޓާ ނުލައިފި ނަމަ ކައުންސިލަށް ޤާނޫނުން ލިބިދޭ ބާރުގެ ދަށުން އެކަން ހުއްޓުވުމަށްޓަކައި ކަމާ ބެހޭ ދައުލަތުގެ މުއައްސަސާތަކަށާއި ކޯޓަށް ވެސް އެ މައްސަލަ ހުށަހެޅުމަށް ވެސް ވަނީ ނިންމާފައެވެ.
ކައުންސިލުން ބުނީ އިންސާފުން ބޭރުން ކުރެވޭ މިކަހަލަ ކަންކަމުގެ ނަތީޖާއަކަށް ވަނީ ރަށުގެ ރައްޔިތުންގެ މެދުގައި ފިތުނަވެރިކަން އުފެދި ހަމަނުޖެހުމަށް މަގުފަހިވުން ކަމަށް ކަމާ ބެހޭ އެންމެހާ ފަރާތްތަކަށް ހަނދުމަކޮށް އެރުވުމާ އެކު އެގޮތުގެ މަތިން އެ 100 ހައުސިންގ ޔުނިޓްގެ ހުރިހާ މުއާމަލާތްތަކަކީ ބާތިލް މުއާމަލާތުތަކެއް ކަމުގައި ދިއްދޫ ކައުންސިލުން އިގުރާރުވެ އިންސާފު ހޯދުމަށް މަސައްކަތް ކުރުމަށް ކައުންސިލުން އިގުރާރުވާ ކަމަށެވެ.