އިންތިހާބީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ރައީސުލްޖުމްހޫރިއްޔާކަމުގެ ހުވާކުރައްވާ ރަސްމިއްޔާތުގައި މިހާރުގެ ރައީސް އަބްދުﷲ ޔާމީން ބައިވެރިވެވަޑައިގެންނެވުމަކީ އިދިކޮޅު އެންމެ ބޮޑު ޕާޓީން ވަރަށް ބޮޑަށް އެދޭ ކަމެއް ކަމަށް އެ ޕާޓީގެ ޗެއާޕާސަން ހަސަން ލަތީފު ވިދާޅުވެއްޖެއެވެ.
ހުވާ ކުރެއްވުމުގެ ރަސްމިއްޔާތުގެ އިންތިޒާމުތަކަށް މަޖިލީހަށް އެހީތެރިވުމަށް އުފައްދާފައިވާ އިނޮގްރެޝަން ކޮމެޓީގެ ފަރާތުން ވާހަކަފުޅު ދައްކަވަމުން ހަސަން ވިދާޅުވީ ކުރީގެ ރައީސުންނަށް އެ ރަސްމިއްޔާތަށް ދައުވަތު ދެއްވާނެ ކަމަށާއި އެ ރައީސުންގެ ތެރޭގައި ރައީސް ޔާމިން އެ ރަސްމިއްޔާތަށް ވަޑައިގެންނެވުމަކީ ރީތި އުސޫލެއް ކަމަށެވެ. އޭނާ ވިދާޅުވީ 2013 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބު ރައީސް މުހައްމަދު ނަޝީދަށް ނާކާމިޔާބު ވެވަޑައިގެންނެވި ނަމަވެސް، އިންތިހާބު ކާމިޔާބު ކުރެއްވި ރައީސް ޔާމީން ހުވާ ކުރެއްވި ރަސްމިއްޔާތުގައި އެމަނިކުފާނު ބައިވެރިވެވަޑައިގެންނެވި ކަމަށެވެ.
"އެމްޑީޕީން ވަރަށް ބޮޑަށް ވެސް ބޭނުން ރައީސް ޔާމީން އެ ޖަލްސާއަށް ވަޑައިގަތުމަށް. މިވަރުގެ ބޮޑު ހަފްލާއެއްގައި ރައީސް ޔާމީން ބައިވެރިވެޑައިގެންނެވުމަކީ ހަމަ ގައުމު ވެސް އެމްޑީޕީން އެދޭނެ ކަމެއް. ރައީސް ޔާމީން ބަލިވެވަޑައިގެންފައި އެ ހުންނެވީ އިންތިހާބަކުން. އެއީ އެހެންކަމެއް. އެ އިންތިހާބުން މޮޅުވި އޮނަރަބުލް އިބްރާހިމް މުހައްމަދު ސޯލިހު ރައީސުލްޖުމްހޫރިއްޔާކަމުގެ ހުވާ ކުރައްވާއިރު، ރީތި ހަމައަކީ އުސޫލަކީ އެ ބަލިވި ކެންޑިޑޭޓު ވެސް އިންނެވުން. 2013 ގައި ވެސް އެ މަންޒަރު ފެނިވަޑައިގެންފައި ހުންނާނީ،" ހަސަން ވިދާޅުވިއެވެ.
މިދިޔަ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގައި ރައީސް ޔާމީންގެ މައްޗަށް އިބްރާހިމް މުހައްމަދު ސޯލިހު ކާމިޔާބު ހޯއްދެވީ 17 ޕަސެންޓް ވޯޓުގެ ތަފާތުންނެވެ. އިބްރާހިމް މުހައްމަދު ސޯލިހަށް ލިބިވަޑައިގެންނެވީ 134،705 ވޯޓެވެ. ރައީސް ޔާމީނަށް ލިބިވަޑައިގެންނެވީ 96،052 ވޯޓެވެ.
އިންތިހާބުގެ ނަތީޖާ ގަބޫލުނުކުރައްވައި، ނަތީޖާ ބާތިލުކުރުމަށް ސުޕްރީމް ކޯޓަށް ރައީސް ޔާމީން ވަޑައިގެންނެވުމުން އެ ކޯޓުން ހުކުމްކޮށްފައި ވަނީ އިންތިހާބު ބާތިލު ކުރެވެން ނެތް ކަމަށެވެ.