ސަރުކާރުން މިފްކޯގެ މާލީ ހާލަތު ރަނގަޅު ކުރުމަށްޓަކައި މި ފާއިތުވެދިޔަ ފަސް އަހަރުގެ ތެރޭގައި 621.4 މިލިއަން ދިނުމަށް ނިންމާފައިވާ ކަމަށް ފިނޭންސް އިން ހާމަކޮށްފިއެވެ.
މި ފައިސާގެ ތެރެއިން މިހާތަނަށް ނުދީ ވަނީ 42 މިލިއަން ރުފިޔާއެވެ. އެ ފައިސާ ވެސް ދިނުމުގެ މަސައްކަތް ފިނޭންސް އިން އަންނަނީ ކުރަމުންނެވެ. އެހެން ކަމުން ޖުމްލަ 579.4 މިލިއަން ރުފިޔާ ސަރުކާރުން ވަނީ މިފްކޯއަށް ދީފައެވެ.
ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ބަޔާނުގައި ބުނެފައިވަނީ، ދުނިޔޭގެ ބާޒާރުގައި ފިނިކުރި މަހުގެ އަގު ދަށްވުމާ ގުޅިގެން މިފްކޯއަށް ލިބެމުންދިޔަ ގެއްލުމުން އަރައިގަތުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް ތިން މަހުގެ މުއްދަތެއް ދީފައިވާ ކަމަށެވެ. އެ މުއްދަތުގެ ތެރޭގައި ކުންފުންޏަށް ބޭނުންވާ ފައިސާ ދިނުމަށް 100 މިލިއަން ރުފިޔާގެ ފަންޑެއް އެކުލަވާލި ކަމަށް އެ މިނިސްޓްރީން ބުނެއެވެ. މި ފައިސާގެ ތެރެއިން 50 މިލިއަން ރުފިޔާ ސަރުކާރުން ލޯނުގެ ގޮތުގައި ދޫކުރުމަށް ނިންމާފައިވާ އިރު ސެޕްޓެމްބަރު މަހާއި އޮކްޓޫބަރު މަހު 25 މިލިއަން ރުފިޔާ އެކުންފުންޏަށް ދޫކޮށްފައިވާ ފިނޭންސް މިނިސްޓްރީން ބުނެއެވެ.
މި ލޯނުގެ ބާކީ ބައި ކުރިއަށް އޮތް ތިން މަސް ދުވަހުގެ ތެރޭގައި ދޫކުރުމަށް ހަމަޖެހިފައިވާ ކަމަށާއި މި ލޯނަކީ ސަރުކާރުން މަސްވެރިކަން ކުރިއެރުވުމަށް ތައްޔާރުކޮށްފައިވާ 100 މިލިއަން ރުފިޔާގެ ފަންޑުގެ ތެރެއިން ސަރުކާރުން ދޭންޖެހޭ ބައި ކަމަށް ފިނޭންސް މިނިސްޓްރީން ބުނެއެވެ.
މީގެ އިތުރުން 2013 ވަނަ އަހަރުން ފެށިގެން 2018 ވަނަ އަހަރުގެ ނިޔަލަށް 141 މިލިއަން ރުފިޔާ މިފްކޯގެ ކެޕިޓަލްގެ ގޮތުގައި ސަރުކާރުން ދޫކޮށްފައިވާ ކަމަށް ފިނޭންސް އިން ބުނެއެވެ.
މިފްކޯގެ ދަރަނި އިންތިހާއަށް ބޮޑުވެ، ކުންފުނި ބަނގުރޫޓުވުމުން 2016 ވަނަ އަހަރު އެކުންފުނި ވަނީ އެސްޓީއޯގެ ދަށަށް ބަދަލުކޮށްފައެވެ. އެ ކުންފުނީގެ މާލީ ހާލާތާއި ރައުސުލް މާލު ނެގެޓިވް ވެފައިވުމުން އެކަމާ އޮޑިޓަރުން ސުވާލު އުފައްދާތީ އޭރު އެކުންފުނީގެ ރައުސުލްމާލު ޕޮސިޓިވް ކުރުމަށްޓަކައި ފިނޭންސް މިނިސްޓްރީން އެކުންފުންޏަށް 333 މިލިއަން ރުފިޔާ ދިން ކަމަށް ފިނޭންސް އިން ބުނެއެވެ. އެގޮތުން މިހާރު އެކުންފުނީގެ ދަރަނީގެ ގޮތުގައި ހުރި ފައިސާ އެއްކޮށް ދެއްކިފައިވާ ކަމަށް ފިނޭންސް އިން ބުނެއެވެ.
ފިނޭންސް އިން މިކަން ހާމަކޮށްފައިވާ އިރު މިފްކޯއިން މަސްވެރިންނަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ އަދިވެސް ދައްކަން ޖެހޭ ކަމަށް ބުނެ ވާހަކަތައް ވަނީ އާންމުވެފައެވެ. އަދި ފެލިވަރު ފަދަ ތަންތަނުން މިހާރު މަސްވެރިން ކިރުވާ މަހަށް ފައިސާގެ ބަދަލުގައި ކަރުދާސްކޮޅެއް ދޫކުރާ މައްސަލަ ވެސް ވަނީ ބޮޑުވެފައެވެ.
މީގެ އިތުރުން ސަރުކާރުގެ ސިޔާސަތުގެ ތެރެއިން ވެލިއު އެޑިޝަންއަށް މިފްކޯ ގެންދިއުމަށް އިންވެސްތްކުރަންޖެހޭ ފައިސާގެ ގޮތުގައި ކަނޑައަޅާފައިވާ 15 މިލިއަން ޑޮލަރު ނުވަތަ 231 މިލިއަން ރުފިޔާގެ ތެރެއިން 46 މިލިއަން ރުފިޔާ ލޯނުގެ ގޮތުގައި ދިނުމަށް އެއްބަސްވެ، އެކުންފުންޏަށް މިހާތަނަށް 29 މިލިއަން ރުފިޔާ ދީފައިވާ ކަމަށް މިފްކޯ އިން ބުނެއެވެ.
މީގެ އިތުރުން އެ ލޯނުގެ ބާކީ ފައިސާ އެ ކުންފުންޏަށް ދިނުމަށް ވާންޖެހޭ ތައްޔާރީތައް ވަމުންދާ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެއެވެ.
ފިނޭންސް އިން ބުނީ އެ ކުންފުނި ކޮޅަށް ޖެހުމަށްޓަކައި ނުވަތަ މަސްވެރިކަމުގެ ސިނާއަތް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމަށް ފާއިތުވެދިޔަ ފަސް އަހަރުގެ ތެރޭގައި ފެލިވަރުން ދުވާލަކު 50 ޓަނު ޕްރޮސެސް ކުރެވޭނެ މިންވަރަށް ތަރައްގީ ކުރެވިފައިވާ ކަމަށެވެ.
މިފްކޯގެ މާލީ ހާލަތު ރަނގަޅު ކުރުމަށްޓަކައި ބޮޑެތި އަދަދުތަކުން ލޯނު ދެމުން ގެންދަނީ މަސްވެރިކަމުގެ ސިނާއަތް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދެވޭނެ މަގު ތަނަވަސް ކުރުމަށް ކަމަށް ފިނޭންސުން ބުނެއެވެ.