މަޖިލީހުގެ ކުރީގެ ރައީސް އަބުދުﷲ މަސީހާ ދެކޮޅަށް ރައްޔިތުން މަޖިލީހުގެ ގޮނޑި ނުގެއްލޭ ކަމަށް ސުޕްރީމް ކޯޓުން ކަނޑައެޅި 12 މެންބަރުން ފުލުހަށް މައްސަލައެއް ހުށަހަޅައިފިއެވެ.
އެ މައްސަލަ ޕޮލިހަށް ހުށައަޅާފައި ވަނީ 12 މެންބަރުންނާ ދެކޮޅަށް މަސީހު ހިންގާފައިވާ ކަންކަމާއި ތުހުމަތު ކުރެވޭ ކަންކަން ޖިނާއީ މައްސަލަތައް ބަލައި ތަހުގީގު ކުރުމަށް އެދިއެވެ.
އެ މައްސަލާގައި ގާނޫނުތަކާ ހިލާފަށް އެ މެންބަރުން މަޖިލީހަށް ވަނަ ނުދީ ހިފެހެއްޓި މައްސަލަ އާއި، މެންބަރުންގެ ގަޔަށް އަތްލާ ގަދަ ކަމުން އެ މެންބަރުން މަޖިލީހުން ނެރެފައިވާ މައްސަލަ އާއި، މެންބަރުން ގަދަކަމުން މަޖިލީހުގެ ގޭޓު މަތިން ބޭރަށް އުކި މައްސަލަ އާއި، 12 މެންބަރުން ހިފާ ހައްޔަރުކޮށް ޖަލަށްލާ އަނިޔާ ދެމުން ދިޔަ އިރު އެކަންކަން ހުއްޓުވަން އެއްވެސް މަސައްކަތެއް ކޮށްފައި ނުވާ މައްސަލައިގައެވެ.
އެ 12 މެމްބަރުންގެ ގޮނޑި ގެއްލުނު ކަމަށް ކަނޑައަޅާފައި ވަނީ މަސީހުގެ އިތުބާރު ނެތްކަމަށް މިދިޔަ އަހަރު ވެއްދި މައްސަލައިގައި އެ މެމްބަރުން ސޮއިކުރުމުންނެވެ. ސުޕްރީމް ކޯޓުން ވަނީ މިދިޔަ މަހުގެ ތެރޭގައި 12 މެމްބަރުންގެ ގޮނޑި ނުގެއްލޭކަމަށް ކަނޑައަޅާފައި ވަނިކޮށެވެ. މަޖިލީހުގެ ރައީސްކަމުން މަސީހު އިސްތިއުފާ ދެއްވާފައި ވަނީ މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ އެޖެންޑާ ކޮށްފައި ވަނިކޮށެވެ.