ހިޔާ މަޝްރޫއުގެ ވަގުތީ ލިސްޓުގައި ހިމެނުނު 800 އަށް ވުރެ ގިނަ މީހުންގެ ނަން ދާއިމީ ލިސްޓުން އުނިކޮށްފައިވާ ކަމަށް ހައުސިން މިނިސްޓަރ ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ހައުސިންގ މިނިސްޓްރީގައި ބޭއްވި ޕްރެސް ކޮންފަރެންސްގައި ވާހަކަ ދައްކަވަމުން މިނިސްޓަރ މުއިއްޒު ވިދާޅުވީ، ދާއިމީ ލިސްޓު އިއުލާނު ކުރުމުގައި ހުށަހެޅިފައިވާ ޝަކުވާތަކަށް ބެލިފައިވާނެ ކަމަށެވެ. ޝަކުވާ ހުށަހެޅުމަށް ހުޅުވާލި ތިން ހަފްތާގެ ތެރޭގައި 3000 ވުރެ ގިނަ ޝަކުވާ ހުށަހެޅިފައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
ހުށަހެޅިފައިވާ ޝަކުވާތައް މަދުވެގެން ދެ މީހުން މެދުވެރިކޮށް ބަލާފައިވާ ކަމަށާއި މިނިސްޓްރީގެ އިހުމާލު ހުރި ކަންކަން އިސްލާހު ކޮށްފައިވާ ކަމަށެވެ.
މިނިސްޓަރ ވިދާޅުވީ، ފްލެޓްތައް ފަރާތްތަކަށްދީފައި ވަނީ ދެފުއް ފެންނަ ނިޒާމެއްގެ ތެރެއިން ކަމަށެވެ. ފްލެޓްތައް ލިބޭ ފަރާތްތަކަށް ޕޮއިންޓް ލިބޭނެ ގޮތާއި ޝަރުތުތައް ވެސް ކުރިއާލާ ހާމަކުރެވިފައިވާ ކަމަށެވެ. މުއިއްޒު ވިދާޅުވީ، ފްލެޓަށް ހުޅުވާލެވުނު ފުރުސަތުގައި 22000 އަށް ވުރެ ގިނަ ފޯމު ހުށަހެޅި ކަމަށެވެ. މިފަރާތްތަކަށް ފްލެޓްތައް ދިނުމުގައި ދެ ލިސްޓަކަށް ކެޓަގަރީތައް ބަހާލެވިފައިވެއެވެ. އެގޮތުން ލިސްޓު އެކަކީ 7000 ފްލެޓްގެ މަޝްރޫއުއެވެ. އެ ފްލެޓްތަކުގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށްދާ ކަމަށް މިނިސްޓަރ މުއިއްޒު ވިދާޅުވިއެވެ. މި ފްލެޓްތަކުގެ މަސައްކަތް 2019 ވަނަ އަހަރު ޖުލައި މަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މީގެ އިތުރުން ލިސްޓު ދޭއް އެއީ 2500 ފްލެޓްގެ މަޝްރޫއު ކަމަށެވެ. އެ މަޝްރޫއުގެ އަމަލީ މަސައްކަތް އަދި މިހާތަނަށް ނުފަށައެވެ. މި ދެ މަޝްރޫއުއަކީ ހުޅުމާލޭ ދެވަނަ ފިޔަވަހިން ފްލެޓް ލިބިގެންދާނެ ފަރާތްތައް ކަމަށެވެ.
މީގެ އިތުރުން އެއް ކެޓަގަރީގެ ފްލެޓްތައް ދޫކުރުމުގައި ކުރިމަތިލާފައިވާ ހުރިހާ ފަރާތްތަކަށް ފްލެޓް ލިބިގެންދާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
" ދެމަރިފިންނަށް ލިބިއްޖެ ނަމަ އެއް ފަރާތަކަށް ފްލެޓް ލިބޭނީ. އެގޮތަށް ވަގުތީ ލިސްޓުގައި ނަން ހިމެނުނު އެހެން ނަމަވެސް ދާއިމީ ލިސްޓުގައި ނަން ނުހިމެނޭ 768 ފަރާތެއް ނަން ހިމެނޭނެ. ޓާޓާ އާއި ގުޅީފަޅު ފްލެޓް ލިބުނު ފަރާތްތަކުގެ ނަންތައްވެސް ނުހިމެނޭނެ. ޓާޓާ އަދި ގުޅީފަޅުން ފްލެޓް ލިބުނު ހުރިހާ ފަރާތްތަކަށްވެސް ފްލެޓް ލިބިގެންދާނެ. މަދުން ނަމަވެސް މައުލޫމާތު އޮޅުވާލައިގެން ހުރި ފަރާތްތަކުގެ ނަންތައްވާނީ އުނިކުރެވިފައި. އެކެޓަގަރީން 46 ފަރާތެއްގެ ނަން ވާނީ އުނި ކުރެވިފައި." ،މުއިއްޒު ވިދާޅުވިއެވެ.
މިނިސްޓަރ އިތުރަށް ވިދާޅުވީ، މި ފްލެޓްތައް އަންނަ ސަރުކާރުގައި ވެސް ކަނޑައެޅުނު ފަރާތްތަކަށް ދޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.