ރައްޔިތުންގެ މަޖިލީހުގެ ރައީސް ގާސިމް އިބްރާހީމް ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އަރިހަށް އިހުތިރާމުގެ ޒިޔާރަތެއް ކުރައްވައިފި އެވެ.
ރައީސް ނަޝީދުގެ އޮފީސް ހުންނަ އަދި އެމަނިކުފާނުގެ ގެ ކޮޅު ކަމަށްވާ ގ. ކެނަރީގެއަށް ގާސިމް ވަޑައިގެން ރައީސް ނަޝީދުއާ ބައްދަލު ކުރައްވާފައިވަނީ ހޯމަ ދުވަހުގެ ހެނދުނު 09:30 ގަ އެވެ.
ރައީސް ނަޝީދުއާ ގާސިމްއާ ދެބޭފުޅުން ބޭއްވި އެ ބައްދަލުވުގައި އިތުރަށް ބައިވެރިވެވަޑައިގަންނަވާފައިވަނީ ރައީސް ނަޝީދު ނިސްބަތްވެވަޑައިގަންނަވާ އެމްޑީޕީގެ ޗެއާރޕާސަން ހަސަން ލަތީފް އެވެ.
އެ ބައްދަލުވުުގައި ދެފަރާތުން ދެއްކެވި ވާހަތަކުގެ އެއްވެސް މައުލޫމާތެއް މީޑިއާއަށް ހިއްސާ ކުރައްވާފައެއް ނުވެއެވެ. ނަމަވެސް އެ ބައްދަލުވުން ކުރިއަށްދާކަން މީޑިއާތަކަށް ވަނީ އަންގާފަ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ގާސިމް ވަނީ އިންތިހާބީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުއާ ވެސް އާދިއްތަ ދުވަހު ބައްދަލު ކުރައްވާފަ އެވެ.
މީގެއިތުރުން، އިންތިހާބީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އާއި ކުރީގެ ރައީސް އަދި އެމްޑީޕީގެ ލީޑަރ ނަޝީދު އާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އާއި އަދާލަތު ޕާޓީގެ ރައީސް ޝެއިހު އިމްރާން އަބްދުﷲ ގެންދަވަނީ އެއްބޭފުޅަކާއި އަނެއް ބޭފުޅަކާއި ބައްދަލުކޮށްލެއްވުންތައް ބާއްވަމުން ނެވެ.
ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ކޯލިޝަނުގައި ހިމެނިވަޑައިގަންނަވާ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް މިވަގުތު ހުންނެވީ ބޭސްފަރުވާއަކަށް ރާއްޖެއިން ބޭރުގަ އެވެ.