ފާއިތުވި އަހަރުތަކުގައި އަދާލަތު ޕާޓީގެ ރައީސް ޝެއިހް އިމްރާން އަބްދުﷲ ކުރެއްވި މަސައްކަތްޕުޅުން ބޮޑު ހިތްވަރެއް ލިބިވަޑައިގެންނެވި ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު އާދިއްތަ ދުވަހުގެ ރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ފާއިތުވި އަހަރުތަކުގައި އަނިޔާވެރިކަމާއި ދެކޮޅަށް އެންމެ ފިޔަވަޅެއް ވެސް ފަހަތަށް ޖެހިވަޑައިނުގެން އިމްރާން ކުރެއްވި މަސައްކަތްޕުޅުން ބޮޑު ހިތްވަރެއް ލިބިވަޑައިގެންނެވި ކަމަށެވެ. އަދި ނަޝީދު ވަނީ ޝެއިހް އިމްރާންގެ އަނބިކަނބަލުން ރީމްގެ މަސައްކަތަށް ސާބަސް ދަންނަވާ ހިތްވަރު ދެއްވާފައެވެ.

އިމްރާން މިނިވަން ވެވަޑައިގެންނެވުމާއެކު އެބޭފުޅާ ވަނީ ރައީސް ނަޝީދު މާލެ ވަޑައިގެންނެވި ދުވަހު ބީޗް ސަރަހައްދަށް ވަޑައިގެން އިސް ސަފާ ގުޅިވަޑައިގެންފައެވެ.
އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އެދިވަޑައިގަންނަވާގޮތަކަށް ސަރުކާރު ދެމެހެއްޓުމަށާއި، ސަރުކާރަށް ހިދުމަތްކުރުމުގައި ހުންނަވާނެ ކަމަށް ވެސް އިމްރާން ވަނީ ވިދާޅުވެފައެވެ. އަދި އައު ސަރުކާރުގެ އެއްވެސް މަޤާމަކުން ފެނިގެން ހިނގައިދާނެތޯ ކުރެވުނު ސުވާލަށް ޖަވާބުދެއްވަމުން ޝެއިހް އިމްރާން ވިދާޅުވީ އައު ސަރުކާރު އެކުލަވާލުމުގެ މަޝްވަރާތައް އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ކުރިއަށް ގެންދަވާނެ ކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށެވެ. އަދި އަމިއްލަ މަސްލަހަތަށްވުރެ އިސްކުރައްވާނީ ޤައުމީ މަސްލަހަތު ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.