ފެބްރުއަރީ 1ގެ އަމުރާއި ގުޅިގެން ހިނގި ކަންކަން ރައްޔިތުންނަށް ގެނެސްދެމުން ދަނިކޮށް ރާއްޖެ ޓީވީ ބަންދުކުރަން ބްރޯޑްކާސްޓިންގ ކޮމިޝަނުން މަސައްކަތްކުރިކަން ހާމަވާ ސިޓީ ރާއްޖެ ޓީވީއަށް ލިބިއްޖެއެވެ.
ބްރޯޑްކޮމްގެ މެމްބަރު އަހުމަދު ސޮފްވާން ސޮއެކުރައްވައި ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް އުމަރަށް އެޑްރެސްކޮށް ފެބްރުއަރީ 7 ވަނަ ދުވަހުގެރޭ ފޮނުވި ސިޓީގައި ވަނީ ދިފާޢީ ޚިދުމަތްތަކުގެ އަގު ވެއްޓޭ ގޮތަށް ކޮންޓެންޓް ބްރޯޑްކާސްޓްކުރަމުންދާތީ ޑިފެންސް މިނިސްޓްރީއަށް ލިބިދީފައިވާ ބާރުގެ ތެރެއިން ރާއްޖެ ޓީވީގެ ކޮންޓެންޓް ހުއްޓުވައި ދިނުމަށެވެ. މި ސިޓީ ފޮނުވާފައިވަނީ ސަރުކާރުގެ އޮފީސްތަކުގެ މެދުގައި ލިޔެކިޔުން ބަދަލުކުރުމަށް ބޭނުންކުރާ ގަވަރމަންޓް އީ-ލެޓަރ މެނެޖްމަންޓް ސިސްޓަމް (ޖެމްސް) މެދުވެރިކޮށެވެ.
ބްރޯޑްކޮމް އާއި ސަރުކާރުގެ ތެރެއިން އޭރު ލިބެމުން އައި އިންޒާރުތަކާއި އެކު، ނޫސްވެރިކަން ކުރުމަށް ރައްކާތެރި މާޙައުލެއް ނެތުމުން ޖެހިގެން އައި ފެބްރުއަރީ 8 ވަނަ ދުވަހުގެރޭ ރާއްޖެ ޓީވީގެ އާއްމު ކޮންޓެންޓް ބްރޯޑްކާސްޓްކުރުން ހުއްޓާލާފައިވެއެވެ.
ރާއްޖެ ޓީވީގެ އާންމު ކޮންޓެންޓް މެދު ކަނޑާލާފައިވަނީ ފެބްރުއަރީ 8 ވަނަ ދުވަހުގެ ރޭ ގާތްގަނޑަކަށް 10:45 ގައެވެ. އަދި ރާއްޖެ ޓިވީގެ އާންމު ކޮންޓެންޓް އަލުން ފަށާފައިވަނީ އެމަހުގެ 11 ވަނަ ދުވަހުގެ ހެނދުނު 7:00 ގައެވެ.
މިސިޓީ ފޮނުވުމާއި ގުޅޭ ގޮތުން ބްރޯޑްކޮމް އިން ބޭއްވި ބައްދަލުވުމުގައި އެސިޓީ ސިފައިންނަށް ފޮނުވަން ދެކޮޅު ހައްދަވައި، އެކޮމިޝަންގެ އޭރުގެ ނައިބު ރައީސް މުހައްމަދު އަސްލަމް ވަނީ ނިކުމެވަޑައިގެންފައެވެ. އަދި ޖަލްސާގައި ކޮމިޝަންގެ ރައީސް މުހައްމަދު ޝަހީބު ބައިވެރިވެވަޑައިގެންފައެއް ނުވެއެވެ. އަދި ރައީސާއި ނައިބު ރައީސް ނެތީސް ސިޓީ ފޮނުވުމާއި ބެހޭ ގޮތުން ގޮތް ނިންމީ ކޮމިޝަންގެ ރިޔާސަތުގައި ސޮފްވާން އިނދެގެންނެވެ. ސިޓީއާއި ގުޅޭ ގޮތުން އެމްއެންޑީއެފުން ފިޔަވަޅު އަޅާފައި ނުވާކަން ފާހަގަކޮށްލެވެއެވެ.
ރާއްޖެ ޓީވީ އެކި ފަހަރު މަތިން ބްރޯޑްކޮމް އިން ޖޫރިމަނާކޮށްފައިވާއިރު، އާއްމު ކޮންޓެންޓް މެދުކަނޑާލުމުންވެސް ޖޫރިމަނާކުރިއެވެ. އެހެންނަމަވެސް އެކަން ކުރީ ޤާނޫނާއި ޚިލާފަށްކަމަށް ވަކީލުން ފާހަގަކުރެއެވެ.