ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް މުހައްމަދު ނާޒިމާއި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަހުމަދު ނާޒިމަށްކޮށްފައިވާ ޖަލު ހުކުމް ތަންފީޒު ކުރުން މަޑުޖައްސާލުމަށް ސުޕްރީމް ކޯޓުން އަމުރުކޮށްފިއެވެ.
ވަކިވަކިން ސުޕްރީމް ކޯޓުން ނެރުނު ދެ އަމުރުގައި ބުނެފައި ވަނީ އެ ދެބޭފުޅުންނަށް ކޮށްފައިވާ ހުކުމް ރިވިއު ކޮށްދިނުމަށް ހުށަހަޅާފައިވާ މައްސަލާގައި އެ ކޯޓުން ވަކި ގޮތެއް ކަނޑައަޅަންދެން ކްރިމިނަލް ކޯޓުން އެ ދެބޭފުޅުންގެ މައްޗަށް ކޮށްފައިވާ ޖަލު ހުކުމްތައް ތަންފީޒު ކުރުން ވަގުތީ ގޮތުން ފަސްކުރުމަށް އަމުރު ކުރާ ކަމަށެވެ.
އަދި ހުކުމް ތަންފީޒު ކުރުމުގެ ގޮތުން އެ ދެބޭފުޅުންނާ މެދު އެއްވެސް ފަރާތަކުން އެއްވެސް ފިޔަވަޅެއް ނޭލުމަށް ދައުލަތުގެ ކަމާބެހޭ އެންމެހައި ފަރާތްތަކުގެ މައްޗަށް އަންގައި އަމުރުކުރާ ކަމަަށް ވެސް ސުޕްރީމް ކޯޓުން ނެރުނު އަމުރުގައިވެއެވެ.
ކާނަލް ނާޒިމް 11 އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރީ މީގެ ތިން އަހަރު ކުރިން، 2015 ވަނަ އަހަރުގެ މާޗު މަހުގެ 27 ވަނަ ދުވަހުއެވެ. ނާޒިމް ދިރިއުޅުއްވާ އެޕާޓްމަންޓުން ފިސްތޯލަ ފެނުނު މައްސަލާގައި އެމަނިކުފާނުގެ މައްޗަށް ސާބިތުކޮށްފައި ވަނީ ހަނގުރާމަވެރި ހަތިޔާރު ގެންގުޅުމުގެ ކުށެވެ.
އެ މައްސަލާގައި ނާޒިމްގެ ދިފާއީ ވަކީލުން ބުނެފައި ވަނީ ނާޒިމްގެ މައްޗަށް އެ ހުކުމް ކުރީ އޭނާ ފްރޭމްކޮށްގެން ކަމަށެވެ. ވަކީލުން އެހެން ބުނަމުންދަނިކޮށް، ނާޒިމްގެ އެޕާޓްމަންޓުން ފެނުނު ފިސްތޯލައިން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ޑީއެންއޭ ވަނީ ފެނިފައެވެ.
އޭގެ އިތުރުން، ދިއްގަރު ދާއިރާގެ ކުރީގެ މެމްބަރުކަން ކުރެއްވި ނާޒިމް 25 އަހަރަށް ޖަލަށްލުމަށް ސުޕްރީމް ކޯޓުން ހުކުމް ކުރީ މީގެ ތިން އަހަރު ކުރިން، 2015 ވަނަ އަހަރުގެ އޭޕްރީލް މަހުގެ ހަ ވަނަ ދުވަހުއެވެ.
މަކަރާއި ހީލަތުގެ ކުށް ނާޒިމްގެ މައްޗަށް ސާބިތުވުމާ ގުޅިގެން، 2015 ވަނަ އަހަރު އޭނާ ފުރުއްވަމުން ގެންދެވި ދިއްގަރު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ވެސް ހުސްވިއެވެ. ޖަލު ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވަނިކޮށް ނާޒިމް ވަނީ 2015 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 11 ވަނަ ދުވަހު ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ވަޑައިގެންފައެވެ. އެއަށްފަހު އޭނާ ދިރިއުޅުއްވަމުން ގެންދަވަނީ އިނގިރޭސީވިލާތުގައެވެ.