ޝަރުޢީ އެއްވެސް ކޯޓެއްގެ ޝަރީޢަތުގެ އަޑުއެހުންތަކާއި، ޝަރުޢީ ދާއިރާގެ ޙަރަކާތްތައް ކަވަރ ކުރުމުގެ ފުރުޞަތު ރާއްޖެޓީވީ އަށް ނުދިނުމަށް ސުޕްރީމް ކޯޓުން ނިންމައިފި އެވެ.
ފަނޑިޔަރުގެ މަޖިލީހުން އެގޮތަށް ނިންމިކަން ހާމަކޮށް، ސުޕްރީމް ކޯޓުގެ ދަށުން ހިންގާ ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ)އިން ބުނީ މިދިޔަ ބުދަ ދުވަހުގެ ހެނދުނު ރާއްޖެ ޓީވީން ގެނެސްދީފައިވާ "ފަށާއިރު" ޕްރޮގްރާމް ހުށަހަޅައިދިން ފަރާތްތަކުން އެ ޕްރޮގްރާމްގައި، ޝަރުޢީ ކޯޓުތަކާއި ފަނޑިޔާރުންގެ، އަދި ވަކިން ޚާއްޞަކޮށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓާއި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ޙުރުމަތް ކެނޑޭ އަދި މުޅި ޝަރުޢީ ދާއިރާގެ ކަރާމާތާއި ޤަދަރަށް އުނިކަން ލިބޭ ފަދަ ކޮންޓެންޓް ގެނެސްދީފައިވާ ކަމަށެވެ. އަދި ރާއްޖެޓީވީގެ އެ ޢަމަލަކީ ކޯޓުގެ ޙުރުމަތް ރައްކާތެރިކުރުމާބެހޭ ޤަވާޢިދު ގެ 4 ވަނަ މާއްދާގެ (ހ) ގެ 1، 8، 15 އަދި 16 ވަނަ ނަންބަރާ ޚިލާފު ޢަމަލެއްކަމަށް އެ ނިންމުމުގައި ބުނެފައިވެއެވެ.
އެހެންކަމުން އެ މައްސަލަ ބަލައި ތަޙުޤީޤުކޮށް، މައްސަލައިގައި އިތުރު ގޮތެއް ކަނޑައަޅަންދެން، ޝަރުޢީ އެއްވެސް ކޯޓެއްގެ ޝަރީޢަތުގެ އަޑުއެހުންތަަކާއި، ޝަރުޢީ ދާއިރާއިން އިންތިޒާމްކުރާ އެއްވެސް ޙަރަކާތެއް ކަވަރ ކުރުމުގެ ފުރުޞަތު ރާއްޖެ ޓީވީ އަށް ނުދިނުމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ވަނީ ނިންމަވާފައިވާކަމަށް ޑީޖޭއިން ކޮށްފައިވާ އިއުލާންގައި ބުނެފައިވެއެވެ.
ޝަރުޢީ އެއްވެސް ކޯޓެއްގެ ޝަރީޢަތުގެ އަޑުއެހުންތަކާއި، ޝަރުޢީ ދާއިރާގެ ޙަރަކާތްތައް ކަވަރ ކުރުމުގެ ފުރުޞަތު ރާއްޖެ ޓީވީ އަށް ނުދިނުމަށް ނިންމައިފި
— Maldives Judiciary (@judiciarymv) November 4, 2018
ReadMore: https://t.co/lIl0tr3CJl pic.twitter.com/5cxpFC3rfk
ރާއްޖެޓީވީން 31 އޮކްޓޯބަރުގެ ހެނދުނު ގެނެސްދިން ފަށާއިރު ޕްރޮގްރާމްގައި ނޫސްވެރިން ފާހަގަކޮށްފައިވަނީ ސަދޫމް ކޯޓުގައި ފަނޑިޔާރުން ހުކުމްކުރާގޮތުގެ ވާހަކަ އެވެ. އަދި ސަދޫމްގައި މައްސަލަތައް ބަލާއިރު، ފަޑިޔާރު ބައްލަވަނީ އެ މީހާގެ ނިޔަތަށްކަމާއި، އެ ކޯޓުގެ ފަނޑިޔާރުންގެ ނިންމުންތަކަކީ ލަދުވެތި ނިންމުންތަކެއް ކަމަށެވެ. އެއްވެސް ގޮތަކަށް އެ ޕްރޮގްރާމްގައި ރާއްޖޭގެ ކޯޓުތަކުން ނިންމުންތައް ނިންމަނީ އެގޮތަށް ކަމަށް ބުނެފައެއް ނުވެ އެވެ.
ކޯޓުތަކުގެ ހުރުމަތް ކެނޑިކަމަށް ބުނެ ރާއްޖެޓީވީ ސަސްޕެންޑްކުރުމަށް ސުޕްރީމް ކޯޓުން ނިންމިއިރު، ނިންމުންތަކަށް ފާޑުކިޔުމުގެ ސަބަބުން ކުރީގެ ބަންޑާރަ ނައިބް ހުސްނުއް ސުއޫދާއި، އަލީ ހުސެއިން ވަނީ ސަސްޕެންޑްކޮށްފަ އެވެ.