ރައްޔިތުންނާ ގުޅުންހުރި ކަންކަން ނިންމުމުގައި އަބަދުވެސް ރައްޔިތުންގެ މަޝްވަރާ އައްސަވާނެ ކަމަށް އިންތިޚާބީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.
އިންތިޚާބީ ރައީސް ސޯލިހް މިހެން ވިދާޅުވީ ހޮނިހިރު ދުވަހުގެރޭ ކުރެއްވި ޓްވީޓެއްގައެވެ.
ރައްޔިތުންގެ ޚިޔާލު ފާޅުކުރުމަށް ބޭއްވުމަށް ހަމަޖެހިފައިވާ "ޖަރީރާ ހޮޅުއަށި" ޕޯސްޓަރ އެޓޭޗް ކުރައްވައި އިބްރާހީމް މުހައްމަދު ސޯލިހް ކުރެއްވި ޓްވީޓުގައި ވިދާޅުވީ ރައްޔިތުންނާ ގުޅުންހުރި ކަންކަން ނިންމުމުގައި ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ އަބަދުވެސް އަޑު އައްސަވާނެ ކަމަށެވެ.
Rayyithunaa gulhun huri kankan nimmumugai rayyithunge khiyaalaai mashvaraa abadhuves adu ahaanan. #JazeeraHolhuashi pic.twitter.com/ZyCou6CyjX
— Ibrahim Mohamed Solih (@ibusolih) November 3, 2018
"ޖަޒީރާ ހޮޅުއަށި" ނަމުގައި މަޝްވަރާ ފޯރަމެއް ކުރިއަށް ގެންދަން އިންތިޚާބީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ އިސްނެންގެވުމުގެ މަތިން ވަނީ ނިންމައިފައެވެ. އެ ފޯރަމްގެ ފުރަތަމަ ބައްދަލުވުން މިމަހުގެ ފަސް ވަނަ ދުވަހުގެ ރޭ 8:30 ގައި ދަރުބާރުގޭގައި ބޭއްވުމަށް ވަނީ ނިންމަވާފައެވެ.
އިންތިޚާބީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ތަރުޖަމާން މާރިއާ އަހުމަދު ދީދީ ވިދާޅުވީ "ޖަޒީރާ ހޮޅުހަށި" އެ ފޯރަމް ރާއްޖޭގެ ހުރިހާ ހިސާބެއްގައި ކުރިއަށްދާނެ ކަމަށާއި ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ކޯލިޝަން ސަރުކާރަކީ ރައްޔިތުންގެ އަޑުއަހައި ރައްޔިތުންނާ މަޝްވަރާ ކޮށްގެން ކަންކަން ކުރިއަށް ގެންދާނެ ސަރުކާރެއް ކަމަށެވެ. ހާއްސަކޮށް ރައްޔިތުންގެ ކުރިއެރުމާއި ތަރައްގީއަށް އިސްކަން ދޭނެ ސަރުކާރެއް ކަމަށް ވެސް މާރިއާ ވިދާޅުވި އެވެ.