ޢަދާލަތު ޕާޓީއަކީ އެއްވެސް އިރެއްގައި ހަރުކަށި ފިކުރަށް ތާއީދުކުރި ޕާޓީއެއް ނޫންކަމަށް އެޕާޓީގެ ރައީސް އަދި ގުޅިފައިވާ ޕާޓީތަކުގެ އެއްލީޑަރ އައްޝައިޚް އިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ. ދެހާސް ފަނަރަ ވަނަ އަހަރު ބޭއްވި މޭޑޭ ރެލީގައި ދެއްކެވި ވާހަކައަކާއި ގުޅިގެން ޓެރަރިޒަމްގެ ދައުވާ ސާބިތުކޮށް 12 އަހަރަށް ޖަލަށް ކޮށްފައިވާ ހުކުމް ތަންފީޒް ކުރުމުން މިވަގުތު ދޫކޮށްލާފައިވާ ޝައިޚް އިމްރާން މިހެން ވިދާޅުވީ ރާއްޖެ ޓީވީން ހޮނިހިރު ދުވަހުގެރޭ ގެނެސްދިން ފަލަ ސުރުޚީ ޕްރޮގްރާމްގަ އެވެ.
އެ ޕާޓީއަކީ ދީނީ ގޮތުން ހައްދުފަހަނައަޅާފައިވާ ފިކުރު ގެންގުޅޭ ޕާޓީއެއް ކަމަށާއި ޕާޓީގެ ބައެއް ބޭފުޅުންނަކީވެސް ހައްދުފަހަނައަޅާފައިވާ ފިކުރަށް ތާއީދުކުރާ ބައެއްކަމަށް ބައެއް ފަރާތްތަކުން ބުނާތީ، އެ ސުވާލު ކުރުމުން އިމްރާން ވިދާޅުވީ އެއީ ކަނޑައެޅިގެން ހަޤީގަތާ ޚިލާފް ވާހަކަތަކެއް ކަމަށެވެ.
އިމްރާން ވިދާޅުވީ ސިޔާސީ މައިދާނުގައި މަސައްކަތް ކުރާ ގިނަ ބޭފުޅުން އެއީ ހަގީގަތާ ހިލާފު ވާހަކައެއް ކަމަށް ޤަބޫލު ކުރައްވާނެ ކަމަށެވެ.
"އަދާލަތު ޕާޓީއަކީ އެއްވެސް ދުވަސްވަރެއްގައި އެއްވެސް ކަހަލަ ހަރުކަށި ފިކުރަކަށް ތާއީދު ކުރާ ބައެއް ނޫން. މިވޭތުވެ ދިޔަ 13 ވަރަކަށް އަހަރުގެ ތެރޭގައި ޢަދާލަތު ޕާޓީ މަސައްކަތް ކޮށްފައިވާ ގޮތުން ދިވެހިންނަށްވެސް އަދި ދުނިޔޭގެ ޤައުމުތަކުގެ ބޭފުޅުންނަށްވެސް އަދި ވަކިން ޚާއްޞަކޮށް ސިޔާސީ މަސައްކަތް ކުރާ ދަފާތްތަކަށް ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެ ޢަދާލަތު ޕާޓީ މަސައްކަތް ކުރަމުން ދަނީ ކޮންގޮތަކަށްކަން. އެހެންކަމުން މިއަދު ސިޔާސީ މައިދާނުގައި މަސައްކަތް ކުރައްވާ ގިނަ ބޭފުޅުން ޤަބޫލް ކުރައްވާނެ އަދާލަތު ޕާޓީއާ ބެހޭގޮތުން އެދެކެވޭ ވާހަކައަކީ ހަޤީގަތާ ޚިލާފް ހަޤީގަތާ ދުރު ވާހަކަތަކެއްކަން." އިމްރާން ވިދާޅުވިއެވެ.
އަދާލަތު ޕާޓީން މިހާރު މަސައްކަތް ކުރަމުންދަނީ އެޕާޓީ އުފެދިގެން އައިރު އޮތް ވިސްނުމުގައި ނޫންކަމަށް ދެކެވޭ ވާހަކައަށް ރައްދު ދެއްވަމުން ޝައިޚް އިމްރާން ވިދާޅުވީ އަދާލަތު ޕާޓީގެ ވިސްނުމާއި ނިންމުންތައް ހުންނަންވީ ގޮތް އަދާލަތު ޕާޓީގެ ދުސްތޫރުގައި ވަރަށް ސާފުކޮށް އެބައޮތްކަމަށާއި އަދާލަތު ޕާޓީ ފެށުނީންސުރެ ކުރިއަށް ދަނީ އެދުސްތޫރުގެ މަތީގައި ކަމަށެވެ.
" އަދާލަތު ޕާޓީގެ ނިންމުންތައް މިދަނީ އަބަދުވެސް ޕާޓީގެ ދުސްތޫރުގެ ތެރެއިން ޕާޓީގެ މަޝްވަރާ މަޖިލީހުން ނިންމަވައިގެން. ވަކިވަކި ވިސްނުން ޕާޓީގެ ވަކިވަކި ފަރުދަކު ކުރައްވާ ކަމަކީ އެއީ ޕާޓީގެ ވިސްނުމެއް ނޫން." އިމްރާން ވިދާޅުވިއެވެ.