އަދާލަތު ޕާޓީގެ ރައީސް ޝެއިޚް އިމްރާން ފާހަގަކުރެވިގެންދަނީ ރަސްކަލުން އުފައްދަވާ ބޭކަލެއްގެ ގޮތުގައި ކަމަށް ރާއްޖެޓީވީގެ މެނޭޖިން ޑިރެކްޓަރ އަހުމަދު ސަލީމް (ސައްލެ) ވިދާޅުވެއްޖެއެވެ.
ޝެއިހް އިމްރާން އަބްދުﷲ ރާއްޖެޓީވީއަށް ވަޑައިގެން ސްޓޭޝަންގެ މުވައްޒަފުންނާ ބައްދަލު ކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި އަހްމަދު ސަލީމް ވިދާޅުވީ ޝެއިހް އިމްރާނަކީ ރަސްކަލަކަށް ވެވަޑައިގަންނަވަން ބޭނުންފުޅުވާ ބޭފުޅެއް ނޫން ކަމަށާއި، ޝެއިހް އިމްރާންގެ އަމަލުތަކުން އެކަން ސާބިތުވާ ކަމަށެވެ.
ނަމަވެސް ޝެއިހް އިމްރާންގެ މަސައްކަތްފުޅުން ރާއްޖޭގެ ސިޔާސީ މަސްރަހަށް ވަރަށް ފުންނާބު އުސް ވަރަށް ރަނގަޅު ބޭބޭފުޅުން ނުކުންނެވިތަން ފެނުނު ކަމަށާއި، އެމީހުންމަށް ފުރުސަތު ދެއްވީ ޝެއިހް އިމްރާން ކަމަށް، އަހްމަދު ސަލީމް ވިދާޅުވި އެވެ.
"އަޅުގަނޑަށް ހީވަނީ މިޒަމާނުގައި އެހައި ފެންނަ މަންޒަރެއް ނޫންހެން ލީޑަރެއްގެ ގޮތުގައި. ހަގީގީ ލީޑަރުންނަކީ ލީޑަރުން އުފައްދާ ފަރާތްތައް. އަމިއްލައަށް ލީޑަރޝިޕް ނަންގަވައިގެން އުޅުއްވާ ބޭފުޅުންނަށްވުރެ ބޮޑަށް،" އަހްމަދު ސަލީމް ވިދާޅުވިއެވެ.
ރާއްޖެޓީވީ އާއި ޝައިހްގެ އިމްރާންއާ އޮތް ގާތް ގުޅުމަށް އަލިއަޅުއްވާލައްވާ އަހްމަދު ސަލީމް ވިދާޅުވީ ތިން އަހަރު ޖަލުގައި ހޭދަކުރެއްވުމަށްފަހު އެންމެ ފުރަތަމަ ވަޑައިގެންނެވި ސްޓޭޝަނަކީ ރާއްޖެޓީވީ ކަމަށާއި، އެއީ ލިބޭ އުފަލެއް ކަމަށެވެ. އަދި ވިދާޅުވީ ޖަލުގައި ހުންނެވުމަށްފަހު ހަނިފުރުސަތެއް ލިބިވަޑައިގެންނެވުމުން ވެސް އިންޓަވިއު ދެއްވީ މިސްޓޭޝަނަށް ކަމަށެވެ. އަދި ޖަލަށް ލުމުގެ ކުރިން، އެންމެ ފަހު އިންޓަވިއު ވެސް ދެއްވާފައި ވަނީ ރާއްޖެ ޓީވީއަށް ކަމަށެވެ.
"އަޅުގަނޑު ހަނދާންވާ ގޮތުން ނުހައްގު ޖަލު އަނިޔާއަކަށް ކުރިމަތިލެއްވުމުގެ ކުރިން ވެސް އިންޓަވިއުއެއް ދެއްވީ އެންމެ ފަހަށް ވެސް ރާއްޖެޓީވީއަށް. އަދި ޖަލުގައި ހުންނަވާފައި ލިބިވަޑައިގެންނެވި ހަނިފުރުސަތަށް ވެސް އެއްޗެއް ވިދާޅުވީ ރާއްޖެޓީވީއަށް. ޖަލުން ނުކުމު ވަޑައިގެން ފުރަތަމަ ޒިޔާރަތް ކުރެއްވީ ފުރަތަމަ ރާއްޖެޓީވީއަށް. އެހެންވީމަ ރާއްޖެވީޓީ އިމްރާން އާ ވަރަށް ޚާއްސަ ގުޅުމެއް." އޭނާ ވިދާޅުވިއެވެ.
ރާއްޖެ އިސްލާހުގެ މަގަށް އެނބުރެން ވެއްޖެ ކަމަށް ގަބޫލުކުރެވުނު ހިނދު ޝެއިޚް އިމްރާން ވަރަށް އިސް ދައުރެއް އަދާކުރެއްވިކަން ފާހަގަ ކުރައްވާ އަހްމަދު ސަލީމް ވިދާޅުވީ، ޝެއިޚް އިމްރާން އިސްލާހީ މަސައްކަތަށް ނުކުމެވަޑައިގަތީ ވަރަށް ނާމާން ބިރުވެރި މާހައުލެއްގައި ކަމަށެވެ. އަދި ގައުމީ މަސްލަހަތު އިސްކުރެއްވުމުގެ ނަތީޖާއަކަށްވީ އަނިޔާއާއި އުނދަގޫތައް ކުރިމަތިލައްވަން ޖެހުން ކަމަށް އޭނާ ވިދޅާުވި އެވެ.
ޝެއިހް އިމްރާން ވެވަޑައިގެންނެވި ގުރުބާނީން މިއަދުގެ ޒުވާނުންނަށް ރަނގަޅު މެސެޖެއް ލިބިގެންދާ ކަމަށް ވެސް އަހްމަދު ސަލީމް ވިދާޅުވި އެވެ.