ރައްޔިތުންގެ ސަރުކާރެއް މި ރާއްޖޭގައި އުފެދިގެން ދިޔައީ ރާއްޖެޓީވީން ކުރި ބުރަ މަސައްކަތުގެ ސަބަބުން ކަމަށް އަދާލަތު ޕާޓީގެ ރައީސް ޝައިޚް އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.
ރާއްޖެ ޓީވީއަށް ހޮނިހިރު ދުވަހު ޒިޔާރަތް ކުރައްވާ މުވައްޒަފުންނާއި ބައްދަލުކޮށް ވާހަކަ ދައްކަވަމުން ޝެއިޚް އިމްރާން ވިދާޅުވީ ރާއްޖެޓީވީން މިއަދާ ހަމައަށް ކުރި މަސައްކަތް ބަލައިގަންނަ ކަމަށާއި، ފާއިތުވެގެންދިޔަ ފަސް އަހަރަކީ ރައްޔިތުންގެ ވެރިކަމެއް އުފެއްދުމަށްޓަކައި ރާއްޖެޓީވީ ވަރަށް ބުރަކޮށް މަސައްކަތް ކުރި ފަސް އަހަރު ކަމަށެވެ.
ޝެއިޚް އިމްރާން ވިދާޅުވީ ރާއްޖޭގެ ކަންކަން ރަނގަޅު މަގަށް ގެންދިއުމަށް ރާއްޖޭޓީވީގެ މުވައްޒަފުންގެ ދައުރު ވަރަށް ބޮޑު ކަމަށާއި، ގައުމު ނާމާންވެފައިވާ ދަނޑިވަޅުގައި ވެސް މަގު މައްޗަށް ނުކުމެ ރައްޔިތުންނާއި ހަމައަށް ކަންތިލަކޮށްދެވި ކަމަށެވެ.
"އަޅުގަނޑު ގަބޫލުކުރަނީ މިހާރު އުފެދިފައިވާ މިވާ ކޯލިޝަން ސަރުކާރު ކާމިޔާބު ކުރުމުގައި މިދެންނެވި ރައްޔިތުންގެ ވެރިކަމާ ހަމައަށް ގަނައުމަށް އެންމެ ބުރަ މަސައްކަތެއް ކުރި ބަޔަކީ ރާއްޖެޓީވީ ކަމަށް ވާނީ. އެހެންވީމަ އެމަސައްކަތް ބަލައިގަންނަން. އިހްލާސްތެރިކާމާއެކު،" ޝެއިޚް އިމްރާން ވިދާޅުވިއެވެ.
ރާއްޖެ ޓީވީގެ މަސައްކަތްތަކަށް އަލިއަޅުވާލައްވަމުން ޝެއިހް އިމްރާން ވިދާޅުވީ ދައުލަތުގެ ހަތަރު ވަނަ ބާރަކީ މިނިވަން މީޑިއާ ކަމަށާއި، އެ މަންޒަރު ސާފުކޮށް ރާއްޖެ ޓީވީން ފެންނަ ކަމަށެވެ. އަދި ވިދާޅުވީ ކުރިއަށް އޮތް ދުވަސްތަކުގައި ގައުމު އިސްކޮށް ރާއްޖެޓީވީގެ މުވައްޒަފުން މަސައްކަތް ކުރާނެ ކަމަށް އުންމީދު ކުރާ ކަމަށެވެ.

މީގެ އިތުރަށް ޝެއިހް އިމްރާން ވިދާޅުވީ ޖަލުގައި ހޭދަކުރެއްވި ދުވަސްވަރު ވެސް އެންމެ ހިތްހަމަޖެހޭ އެއްކަމަކަށް ވަނީ މިނިވަން ރޭޑިއޯ މެދުވެރިކޮށް ރާއްޖެޓީވީގެ މުހިންމު ހުރިހާ ޕްރޮގްރާމްތައް އަޑުއިވޭތީ ކަމަށެވެ.
"އެހެންވީމަ ޖަލުގައި ތިއްބަސް ރާއްޖެއެއް ނުގެއްލޭ. ޖަލުގައި ތިބިއިރު ވެސް އަޅުގަނޑުމެންނަށް ރާއްޖެ އަޑު އިވެނީ ރާއްޖެޓީވީން. އެކަމަކު އަޅުގަނޑު ބައެއް ފަހަރަށް ވަރަށް ދެރަވެސް ވޭ. މިލިއަނުން ގުނޭ އަދަދުތަކުން ރާއްޖެޓީވީ ޖޫރިމަނާ ކުރެމުންދާތީ" ޝެއިޚް އިމްރާން ވިދާޅުވިއެވެ.
ޝެއިހް އިމްރާން ވިދާޅުވީ ގިނަ ގޮންޖެހުންތަކާއެކު ރާއްޖެޓީވީގެ މުވައްޒަފުން މަގުސަދާ ހަމައަށް ދިއުމަށްޓަކައި ކުރެއްވި ބުރަ މަސައްކަތަކީ މިނިވަންކަމާއެކު ތިބި މީހުންނަށް ވުރެ ބޮޑަށް ޖަލުގައި ތިބި މީހުން ބަލައިގަތްކަމެއް ކަމަށް ގަބޫލުކުރާ ކަމަށެވެ.