"ޖަޒީރާ ހޮޅުއަށި" ނަމުގައި މަޝްވަރާ ފޯރަމެއް ކުރިއަށް ގެންދަން އިންތިޚާބީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ އިސްނެންގެވުމުގެ މަތިން ފައްޓަވަން ނިންމަވައިފި އެވެ.
އިންތިހާބީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ އޮފީހުގައި ހޮނިހިރު ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމަނިކުފާނުގެ ތަރުޖަމާނު މާރިއާ އަހުމަދު ދީދީ ވިދާޅުވީ "ޖަޒީރާ ހޮޅުއަށި"ގެ ނަމުގައި ބާއްވާ އެ ފޯރަމްގެ ފުރަތަމަ ބައްދަލުވުން މިމަހުގެ ފަސް ވަނަ ދުވަހުގެ ރޭ 8:30 ގައި ދަރުބާރުގޭގައި ބޭއްވުމަށް ނިންމާފައިވާ ކަމަށެވެ.
މާރިއާ ވިދާޅުވީ ފުރަތަމަ ފޯރަމްގައި މަޝްވަރާ ކުރުމަށް ހަމަޖެހިފައިވަނީ މާލޭގެ މަގުތަކާ ގުޅޭ ގޮތުން ކަމަށެވެ. އަދި އެ ފޯރަމަކީ އެންމެންނަށްވެސް ބައިވެރިވެވޭ، ހުޅުވާލެވިގެން ބޭއްވޭ މަޝްވަރާ ބައްދަލުވުމެއްކަމަށް ވެސް މާރިއާ ވިދާޅުވި އެވެ.
މާރިއާ ވިދާޅުވީ "ޖަޒީރާ ހޮޅުހަށި" އެ ފޯރަމް ރާއްޖޭގެ ހުރިހާ ހިސާބެއްގައި ކުރިއަށް ދާނެ ކަމަށާއި ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ކޯލިޝަން ސަރުކާރަކީ ރައްޔިތުންގެ އަޑުއަހައި ރައްޔިތުންނާ މަޝްވަރާ ކޮށްގެން ކަންކަން ކުރިއަށް ގެންދާނެ ސަރުކާރެއްކަމަށާއި ހާއްސަކޮށް ރައްޔިތުންގެ ކުރިއެރުމާއި ތަރައްގީއަށް އިސްކަން ދޭނެ ސަރުކާރެއް ކަމަށްވެސް މާރިއާ ވިދާޅުވި އެވެ.
މާރިއާ ވަނީ މިއަދަކީ ދިވެހިރާއްޖޭ ނަސްރުގެ ދުވަސްކަމުން، 3 ނޮވެމްބަރު 1988 ވަނަ އަހަރު ރާއްޖެއަށް ދިމާވި އުދުއާނީ ހަމަލާއިން ސަލާމަތްވެ، ނަސްރު ލިބުނީތީވެ، އެކަން ފާހަގަކޮށް، އެދުވަހު ޝަހީދުވި، ޝަހީދުންގެ ޒިކުރާ އާކުރައްވާ ކަމަށް ވިދާޅުވެފަ އެވެ.