ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކޮށް، އަމަން އަމާންކަން ރައްޔިތުންނަށް ކަށަވަރު ކޮށްދެއްވުމަށް އާ ސަރުކާރުން ހަރުދަނާ ފިޔަވަޅުތަކެއް އަޅުއްވަމުން ގެންދަވާނެކަން ޔަގީން ކުރައްވާ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެއެވެ.
ނަސްރުގެ ދުވަހުގެ މުނާސަބަތުގައި ނެރުއްވި ބަޔާނުގަައި ރައީސް މައުމޫން ވިދާޅުވީ މީގެ 30 އަހަރު ކުރިން 1988 ވަނަ އަަހަރުގެ ނޮވެމްބަރު މަހުގެ ތިން ވަނަ ދުވަހު، ގައުމުގެ ދިފާއުގައި ދިވެހި ސިފައިން ވެވަޑައިގެން މަތިވެރި ގުރުބާނީ އާއި ކުރެއްވި ޖިނާގެ ހަނދާން އާކޮށް، އެ ހިތްވަރު ގަދަ ގައުމީ ބަތަލުން ސާބިތު ކަމާއެކު ކުރެއްވި މަސައްކަތްތަކަށް އައްސަރިބަހާއި ސާބަސް ރައްދު ކުރައްވާ ކަމަށެވެ.
އެ ދުވަހު ޝަހީދުވި ސިފައިންނާއި އާންމުންނަށް ސުވަރުގެ މިންވަރު ކޮށްދެއްވުމަށް އެދި ދުއާކުރައްވަމުން ދުވަހުގެ ތަހުނިޔާ ރާއްޖޭގެ ރައްޔިތުންނަށާއި އިންތިހާބީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ރައީސް މައުމޫން ދަންނަވާފައި ވެއެވެ.
ރައީސް މައުމޫން ވިދާޅުވީ ރާއްޖޭގެ މިނިވަންކަމާއި އަމަން އަމާންކަން ކަށަވަރު ކޮށްދެއްވުމަށް ހަރުދަނާ ފިޔަވަޅުތަކެއް އާ ސަރުކާރުން އަޅާނެ ކަމަށާއި އެ މަސައްކަތަށް ގުޅިފައިވާ ޕާޓީތަކުގެ އެއްބާރުލުމާއި ތާއީދު ލިބޭނެ ކަމަށް މައުމޫން ވިދާޅުވެފައި ވެއެވެ.
"މި ފުރުސަތުގައި ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރި ކުރައްވައި، އަމަން އަމާންކަން ރައްޔިތުންނަށް ކަށަވަރު ކޮށްދެއްވުމަށް، އިންތިހާބީ ރައީސް އާއި އަލަށް އުފެދޭ ސަރުކާރުން ހަރުދަނާ ފިޔަވަޅުތަކެއް އަޅުއްވަމުން ގެންދަވާނެ ކަން ޔަގީންކޮށް، އެ މައްސަކަތްޕުޅުތަކަށް އަޅުގަނޑުމެންގެ އެއްބާރުލުމާއި ތާއީދު ލިބިވަޑައިގަންނަވާނެ ކަމުގެ ފުރިހަމަ ޔަގީންކަން އިންތިހާބީ ރައީސަށް އަރުވަމެވެ،" ޕީޕީއެމްގެ އިންތިހާބީ ރައީސްގެ ހައިސިއްޔަތުން ނެރުއްވި ބަޔާނުގައި މައުމޫން ވިދާޅުވެފައި ވެއެވެ.
ބަޔާން ނިއްމަވާލައްވަމުން ރައީސް މައުމޫން ވިދާޅުވީ ދިވެހިންނަކީ އިސްލާމް ދީނުގައި ދެމިތިބޭ ރާއްޖޭގެ މިނިވަންކަމާއި އަމިއްލަވަންތަ ކަން ހިމާޔަތްކޮށް ދަމަހައްޓައި، އެއްބައިވަންތަ ބައެއް ކަމުގައި ލެހެއްޓެވުމަކީ އެމަނިކުފާނުގެ ދުއާ ކަމަށެވެ.
މީގެ 30 އަހަރު ކުރިން 1988 ވަނަ އަަހަރުގެ ނޮވެމްބަރު މަހުގެ ތިން ވަނަ ދުވަހު، ދިވެހިންގެ ބަޔަކު ސްރީ ލަންކާގެ ތަމަޅައިންގެ ބަޔަކާ ގުޅިގެން މާލެ އަރައި، ދިން އުދުވާނީ ހަމަލާގައި 19 ދިވެއްސަކު ޝަހީދުވިއެވެ. ރައީސް މައުމޫންގެ ވެރިކަން ވައްޓާލުމަށް ދިން އުދުވާނީ އެ ހަމަލާގައި ޝަހީދުވި 19 މީހުންގެ ތެރޭގައި ހިމެނެނީ އަށް ސިފައިންނާއި އާންމުންގެ 11 މީހުންނެވެ.