މިހާރު އޮތް ކޯލިޝަންގެ ކާމިޔާބީގެ ސިއްރަކީ އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކަމަށާއި ކޯލިޝަން ސަރުކާރެއް ކާމިޔާބު ވެސް ކުރެއްވޭނީ އެމަނިކުފާނަށް ކަމަށް އަދާލަތު ޕާޓީގެ ރައީސް ޝެއިޚް އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.
އަދާލަތު ޕާޓީގެ އޮފީހުގައި ސަޕޯޓަރުންނާއި ބައްދަލު ކުރައްވާ އިމްރާން ވިދާޅުވީ އިންތިޚާބީ ރައީސް ސޯލިހުގެ ސަރުކާރުން ހައްލު ހޯދަންޖެހޭ ގިނަ ކަންތައްތަކެއް އެބަހުރި ކަމަށާއި އެކަންތައްތަކާއި ހެދި އެމަނިކުފާނަށް ކުރިއަށް ދެވެން ބޮޑެތި ގޮންޖެހުންތައް އެބަހުރި ކަމަށެވެ.
"އަޅުގަނޑުމެން މި ކޯލިޝަނުން އުއްމީދު ކޮށްގެން ނުވާނޭ އެކަށީގެންވާ މިންވަރަކަށް. އަޅުގަނޑުމެން އެކަށީގެން ނުވާ މިންވަރަކަށް އެކަން ނުވީމާ މާޔޫސް ވެގެން އާނ ދެން މީ ކުރަންވާނެކަމެއްކަމެއް ނޫނޭ، މީތި ދޫކޮށްލާފަ ހިނގާށޭ އެހެން ގޮތަކަށް ގުޅެން ބުނެފިކަމަށްވާނަމަ އެހުރިހާ ނިކަމެތިކަމަކާއި ހުރިހާ ގެއްލުމެއް އެއީ ހަމަ އަންނަން އޮތް ޖީލުތަކަށް އަޅުގަނޑުމެންގެ އަތުން ވާސިލްވާނެ އެއްޗެއް. އަޅުގަނޑު ޔަގީންކުރަން ހަގީގަތުގައިވެސް ޔަގީނުންވެސް މިދިޔަ ތިން އަހަރެއްހާ ދުވަހުގެ ތެރޭގައި އެއްކޮށް ކުރެވިފައި ހުރި މަސައްކަތްތަކާ ކަންތައްތައް ކުރެވިފައި ހުރި ގޮތަށް ބަލާއިރު އަޅުގަނޑު ހަމަ ދަންނަވާނަން އިނގޭތޯ. ރާއްޖޭގައި ކޯލިޝަނެއް ކާމިޔާބު ކުރެއްވޭނެނަމަ އެމީހަކީ އިބްރާހިމް މުހައްމަދު ސޯލިހު" އިމްރާން ވިދާޅުވިއެވެ.
ޖަލު ހުކުމުން ސަލާމަތްވި ފަހުން ސަޕޯޓަރުންނާއި ފުރަތަމަ ފަހަރަށް ބައްދަލު ކުރައްވައި ދެއްކެވި ވާހަކަފުޅުގައި އިމްރާން ވިދާޅުވީ ކޯލިޝަނަށް ކާމިޔާބު ހޯދޭނީ އެކުވެރިކަމާއި އެކު ތިބެގެން ކަމަށާއި ކޯލިޝަންގެ މަސައްކަތުގެ ނަތީޖާ ފެންނާނީ އެކުވެރިކަމާއި ސާބިތުކަމާއި އެކުގައި ތިބެގެން ކަމަށެވެ. ކުރިއަށް ދެވޭނީ ކޯލިޝަންގައި ތިބި ހަތަރު ފިކުރުތަކަށް އިހުތިރާމް ކޮށްގެން ކަމަށާއި އެ ތަފާތުތައް ބަލައިގަތުމަށް ސަޕޯޓަރުންނަށް އިމްރާން އިލްތިމާސް ކުރެއްވިއެވެ.