ފުލުހުންގެ މުއައްސަސާއާ އެންޓި ކޮރަޕްޝަން ކޮމިޝަން ދެން އެމަނިކުފާނު ފަހާ ނުދުވާނެ ކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސްގެ މަޤާމުގައި ކުރިން ހުންނެވި ފުއާދު ތައުފީގު ވިދާޅުވެއްޖެއެވެ.
ރާއްޖެޓީވީގެ 60 މިނެޓަށް ފޯން މެދުވެރިކޮށް ދެއްވި އިންޓަވިއުގައި ވާހަކަ ދައްކަވަމުން ފުއާދު ވިދާޅުވީ އަބަދުވެސް ބޭނުންފުޅު ވަނީ ރާއްޖޭގައި ދިރިއުޅުއްވުމަށް ކަމަށާއި ރާއްޖޭގެ ހާލަތުގެ ސަބަބުން އެބޭފުޅާއަށް ހުރި ނުރައްކާގެ ބޮޑުކަމުން ސްރީލަންކާއަށް ދިރިއުޅުން ބަދަލު ކުރެއްވީ ކަމަށެވެ.
އަދި ސްރީލަންކާގައި ހުންނަވައިގެން ޤައުމަށް ހިދުމަތް ކޮށްދެވޭނެކަމުގެ ޔަޤީންކަން އޮންނެވި ކަމަށާއި އެގޮތުން ސްރީލަންކާގައި ދިރިއުޅުއްވާ ދިވެހި ރައްޔިތުންނާއި ބައްދަލު ކުރައްވާ ހޭލުންތެރިކުރުމުގެ ގިނަ ޕްރޮގްރާމްތައް ހިންގާފައިވާނެ ކަމަށް ވެސް ފުއާދު ވިދާޅުވިއެވެ.
"ކުރިއަށް އޮތް ތާނގައި ރާއްޖެ އަމާންވާނެކަމުގެ ޔަޤީންކަން ވަރަށް ބޮޑަށް ލިބިފައިވާތީވެ ދެން ހަމަގައިމުވެސް އަޅުގަނޑު ފުލުހުންނާއި އެންޓި ކޮރަޕްޝަން ކޮމިޝަނުން ދުވުން ހުއްޓާލާނެކަމުގެ ޔަޤީންކަން އަޅުގަނޑަށް ލިބުނީމަ، އަޅުގަނޑު އިރާދުކުރެއްވިއްޔާ ނޮވެމްބަރު މަހުގެ 25 ވަނަ ދުވަހު މާލެ ދިއުމަށް ގަސްތުކޮށްފައި މިވަނީ" ފުއާދު ވިދާޅުވިއެވެ.
ފުއާދު އިތުރަށް ވިދާޅުވީ މާލެ އައުމަށްފަހު އަލުން އެބުރި އިލެކްޝަންސް ކޮމިޝަނާއި ގުޅިވަޑައިގަތުމަށް ގަސްތު ނުކުރައްވާ ކަމަށާއި އިންތިހާބީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ހަވާލުކުރެއްވި ކޮންމެ މަޤާމަކާ ހަވާލުވެވަޑައިގަންނަވާނެ ކަމަށެވެ.
ސޫމޯޓޯ މައްސަލައެއްގައި ފުއާދުގެ މައްޗަށް 2014 ވަނަ އަހަރުގެ މާޗް 9 ވަނަ ދުވަހު އިއްވީ ހަ މަސް ދުވަހުގެ ޖަލު ހުކުމެކެވެ. ޖަލަށް ލާން ހުކުމް ކުރި ނަމަވެސް، ސުޕްރީމް ކޯޓުން ވަނީ ހުކުމް ތަންފީޒް ކުރުން ތިން އަހަރަށް ފަސް ކޮށްފަ އެވެ. އެ ހުކުމުގައިވާ ގޮތުން ތިން އަހަރުގެ މުއްދަތުގެ ތެރޭގައި އިތުރު ކުށެއް ނުކޮށްފި ނަމަ، ތިން އަހަރު ހަމަވުމުން ހުކުމް ތަންފީޒްކޮށް ނިމުނީއެވެ.
އެގޮތުން ފުއާދުގެ މައްޗަށް އިއްވި ހުކުމް ތަންފީޒްކޮށް ނިމިފައިވަނީ 2017 ވަނަ އަހަރުގެ މާރޗް މަހު 9 ވަނަ ދުވަހު އެވެ. އެ ހުކުމް އިއްވިތާ މާގިނަ ދުވަސްތަކެއް ނުވަނީސް ފުއާދު ވަނީ ލަންކާ އަށް ދިރިއުޅުއްވުން ބަދަލު ކުރައްވާފައެވެ.