ކުރީގެ ރައީސް މުހައްމަދު ނަޝީދު އައްޑޫ ސިޓީއަށް ކުރައްވާ ދަތުރުފުޅު އަންނަ ހަފްތާގެ ހުކުރު ދުވަހަށް ފަސްކުރައްވައިފިއެވެ.
އަމިއްލަފުޅަށް ރާއްޖެއިން ބޭރަށް އަރުވާލެވިގެން ހުންނެވި ރައީސް ނަޝީދު ރާއްޖެވަޑައިގަތުމަށްފަހު، ހޮނިހިރު ދުވަހު އެމަނިކުފާނު އައްޑޫ ސިޓިއަށް ވަޑައިގަތުމަށް ކުރިން އޮތީ ހަމަޖެހިފައެވެ. ނަމަވެސް އެ ދަތުރުފުޅު އަންނަ ހުކުރު ދުވަހަށް ފަސްކުރައްވާފައި ވަނީ އައްޑޫ ސިޓީއަށް ކުރަމުންދާ ވިއްސާރައާ ގުޅިގެން ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އަލީ ނިޒާރު "ރާއްޖެއެމްވީ"އަށް ވިދާޅުވީ ރައީސް ނަޝީދުގެ ދަތުރުފުޅަކީ އުފާފާޅު ކުރުމުގެ ދަތުރުފުޅަކަށްވާތީ، މި ދުވަސްވަރު އެ ހަރަކާތް ހިންގުމަކީ އެހާ ފަސޭހަކަމަކަށް ނުވާނެ ކަމަށެވެ.
އިނގިރޭސީވިލާތުން ހިމާޔަތް ހޯއްދަވައިގެން، ރާއްޖެއިން ބޭރަށް އަރުވާލެވިގެން ހުންނެވި ރައީސް ނަޝީދު ރާއްޖެވަޑައިގެންނެވީ ދެ އަހަރާއި ނުވަ މަހާއި 14 ދުވަސްފަހުންނެވެ. ގިނަ ދުވަސްތަކަށްފަހު އެމަނިކުފާނު އެނބުރި ވަޑައިގެންނެވުމުން، ބުރާސްފަތި ދުވަހު މާލެއިން އެމަނިކުފާނަށް ވަނީ ހޫނު މަރުހަބާއެއް ދަންނަވާފައެވެ.