އައްޑޫ ސިޓީއަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުމާ ގުޅިގެން ބޮޑެތި ގެއްލުންތަކެއް ވެއްޖެއެވެ.
ބުރާސްފަތި ދުވަހުގެ އިރާކޮޅުން ފެށިގެން ހުކުރު ދުވަހުގެ މެންދުރާ ހަމައަށް ހުއްޓުމެއް ނެތި ވާރޭ ވެހުމުގެ ސަބަބުން އެންމެ ބޮޑަށް ގެއްލުންވެފައި ވަނީ، ހިތަދޫ، މަރަދޫ ފޭދޫ އަދި މީދޫއަށެވެ.
ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން އައްޑޫ ސިޓީ މޭޔަރު އަބުދުﷲ ސޯދިގު ވިދާޅުވީ، ވަރޭވެހި ފެންބޮޑު ވުމުގެ ސަބަބުން މުޅި އައްޑޫ ސިޓީގެ ތިންބަައިކުޅަ އެއްބައި ގޭގެ ފާޚާނާ ނިޒާމަށް މައްސަލަ ޖެހިފައިވާ ކަމަށެވެ. އަދި ގެތަކުގައި ފެންބޮޑުވެ ހިފާ ގެންގުޅޭ އަގުބޮޑެތި ސާމާނަށް ވަރަށް ބޮޑަށް ގެއްލުންވެފައިވާ ކަމަށެވެ.

ފެންވަދެ ގެއްލުން ވެފައިވާ ކަމަށް މިހާތަނަށް ރިޕޯޓް ކުރެވިފައި ވަނީ ހިތަދޫގެ ހަތަރު ގެއަކަށާއި، ފެދޫގެ ދެ ގެއަކަށާއި، މީދޫގެ ތިން ގެއަކަށެވެ. އަދި މަރަދޫއިން ވެސް ބައެެއް ގެތަކަށް ފެންވަދެފައިވާއިރު، ގެއްލުންވި ގެތަކުގެ ތަފްސީލު ނުލިބޭ ކަމަށް ސޯބެ ވިދާޅުވިއެވެ.
"ގިނަ ގޭގޭގައި 6 އިންޗި އަށް ހުރީ ފެންބޮޑުވެފައި.އަގުބޮޑެތި އެއްޗެއްސަށް ގެއްލުންވެފައި އެބަހުރި. އައިސްއަލަމާރި ފަދަ ތަކެއްތި ބޭނުން ނުކުރެވޭވަރަށް ހަލަކުވެފައި އެބަހުރި" ސޯބެ ވިދާޅުވިއެވެ.
ސޯބެ ވިދާޅުވީ، އެމްއެންޑީއެފާއި ފުލުހުންނާއި، ޕަބްލިކް ވާކްސް އަދި ޑިޒާސްޓަރ ގުޅިގެން ފެން ހިންދުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ.
އައްޑޫ ފެން ހިންދުމުގެ މަސައްކަތުގައި އެންމެ ބޮޑަށް ހަރަކާތްތެރިވަމުންދާ އެމްއެންޑީއެފްގެ މަސައްކަތާއި ގުޅޭ ގޮތުން އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރ ކެޕްޓަން އިބްރަހިމް އާޒިމް ވިދާޅުވީ، އައްޑޫ ސިޓީން ފެން ހިންދުމުގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށްދާ ކަމަށެވެ. އަދި އިތުރަށް ގެތަކަށް ފެން ވަނަ ނުދިނުމަށް ގެތަކުގައި ވެލިބަސްތާ ޖެހުމުގެ މަސައްކަތް އެމްއެންޑީއެފުން ކުރަމުންދާ ކަމަށެވެ.

އައްޑޫ ގެތަކަށް ލިބުނު ގެއްލުމުގެ ފުރިހަމަ ތަފްސީލްތައް ހޯދުމަށް އެ ސިޓީގެ އަވަށު އޮފީސްތަކުން މަސައްކަތް ފަށާފައިވާއިރު، ލިބުނު ގެއްލުމުގެ ތަފްސީލް އަމިއްލައަށް ރިޕޯޓް ކުރުމަށް މިހާރު ގާއިމްކޯށްފައިވާ ހޮޓްލައިން 7905003 އަށް ގުޅައިގެން މައުލޫމާތު ހިއްސާ ކުރުމަށް އައްޑޫ ސިޓީ ކައުންސިލުން އެދެއެެވެ. އަދި އައްޑޫގައި ހުންނަ އެމްއެންޑީއެފްގެ ފަޔަރ ސްޓޭޝަންގެ ނަމްބަރު 6889118 އަށް ގުޅައިގެން ވެސް މައުލޫމާތު ހިއްސާ ކުރެވޭނެ ކަމަށް އައްޑޫ ސިޓީ ކައުންސިލުން ބުންޏެވެ.