ތިން އަހަރެއްހާ ދުވަހު ގައުމުން ބޭރުގައި ހުންނެވުމަށްފަހު އެނބުރި ވަޑައިގަތުމުން ރައީސް މުހައްމަދު ނަޝީދައި އެކު ރައްޔިތުން އުފާފާޅުކޮށްފިއެވެ.
ރައީސް މުހަައްމަދު ނަޝީދު ބުރާސްފަތި ދުވަހު އެނބުރި ރާއްޖެ ވަޑައިގަތުމުން ދިވެހިން އެމަނިކުފާނަށްކީ މަރުހަބާއަކީ ދިވެހި ތާރީޚުގައިވެސް ވެރިއަކަށް މިހާތަނަށް ކީ އެންމެ ހޫނު މަރުހަބާއެވެ.
ރައީސް ނަޝީދަށް މަރުހަބާ ކިއުމަށް ބުރާސްފަތި ދުވަހުގެ ރޭ އާޓިފިޝަލް ބީޗް ސަރަހައްދުގައި ވަނީ ވަރަށް ފޯރިގަދަ އުފާފާޅުކުރުމުގެ ހަފްލާއެއް ބާއްވާފައެވެ. 9:00 ގައި ފެށި މި އުފާފާޅުކުރުން މެންދަމު 1:00 އާއި ހަމައަށް ކުރިއަށް ގެންދިޔަ އިރު، އެކި އެކި ރަށްރަށުން އެމަނިކުފާނުގެ ޝަރަފުގައި ފަރިވަޅުތަކާއި ހަދިޔާތައް ވަނީ އަރުވާފައެވެ. މީގެ އިތުރުން ބައެއް ރަށްރަށުން ވަނީ އެމަނިކުފާނަށް ޚާއްސަކޮށްގެން ތަފާތު ލަވަތަކާއި ބޮޑުބެރާއި ނެށުމުގެ ހަރަކާތްތައް ހުށަހަޅައިދީފައެވެ.
މުޅި އާޓިފިޝަލް ބީޗް ސަރަހައްދު ފުރި ބާރުވެފައި އޮތް އިރު ،މަޝްހޫރު ލަވަކިއުންތެރިއާ ޝިއުޒާއި މައުރޫފް ޚަލީލް (މާޕު) އަދި ހަބޭސް ބޮޑުބެރު ގުރޫޕުންވެސް ވަނީ އެކިކަހަލަ ހުށަހެޅުންތައް ހުށައަޅާފައެވެ.
މީގެ އިތުރުން ގދ. ތިނަދޫއިން ޖަޒީރާ ދިރިއުޅުން ދައްކުވައިދޭ ސްޓޭޖް ޑްރަމާއެއް ހުށަހަޅައިދިން އިރު، ވ. އަތޮޅުން ވަނީ ލަނގިރީގެ ފަރި ހަރަކާތްތަކެއް ހުށަހަޅައިދީފައެވެ. ބ. ތުޅާދޫއިން ރައީސް ނަޝީދަށް ޚާއްސަ ލަވައަކާއިއެކު ނެށުމުގެ އައިޓަމެއްގެ އިތުރުން ރައީސް ނަޝީދަށް ޚާއްސަ ލިޔެލާޖެހި ގަލަންކޮޅެއް ވަނީ ހަދިޔާކޮަށްފައެވެ. އަދި ބ. ކަމަދޫ ދައިރާގެ ރައްޔިތުންގެ ފަރާތުންވެސް ވަނީ ލިޔެލާޖެހި ގަލަންކޮޅެއް އެމަނިކުފާނަށް ހަދިޔާކޮަށްފައެވެ. މީގެ އިތުރުން ދ. މީދޫއާއި ކުޑަހުވަދޫ، އދ. މަހިބަދޫއާއި، ތ. ކިނބިދޫންނާއި ތިމަރަފުށިންވެސް ވަނީ އެކިކަހަލަ އައިޓަމްތައް ހުށަހަޅައިދީފައެވެ.
ރައީސް ނަޝީދަށް ތާއީދު ކުރާ ދިވެހިންގެ ހިތްތަކުގެ ޚާއްސަ ޝުއޫރުތައް ވަނީ ރީތި ލަވަތަކާއި ޅެންތަކާއި ސަގަފީ އައިޓަމްތަކާއި އެކު ވަރަށް ފުރުހަމައަށް އެމަނިކުފާނާއި ހިއްސާކޮށްފައެވެ. މި އައިޓަމްތައް ބައްލަވާލެއްވުމުގައި އެމަނިކުފާނު އިންނެވީ ނުހަނު ޝައުގުވެރިކަމާއި އެކުގައެވެ.
ރައީސް މުހައްމަދު ނަޝީދާއި އެކު އެމަނިކުފާނުގެ އަނބިކަނބަލުން ލައިލާ އަލީ އާއި އެމްޑީޕީގެ ޗެއަރޕާސަން ހަސަން ލަތީފާއި ނައިބު ރައީސް ޝިފާޒް އަދި އެޕާޓީގެ ލީޑަރޝިޕްގެ ބޭފުޅުން ބައިވެރިވެވަޑައިގަތެވެ.
ރައީސް މުހައްމަދު ނަޝީދާއި އެމަނިކުފާނުގެ އަނބިކަނބަލުން ގެއަށް ވަޑައިގެންނެވީ އެބޭފުޅުންގެ ޝަރަފުގައި ބޭއްވި ހުރިހާ އައިޓަމްތަކެއް ނިމުމުންނެވެ.