ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ހުރިހާ ލީޑަރުންނާއި، ވަކިން ޚާއްސަކޮށް އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހުންނެވީ ރައްޔިތުންނަށް ދަރާފައި ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ދެ އަހަރާއި ނުވަ މަސް ފަހުން ރާއްޖެވަޑައިގެން، އެމަނިކުފާނަށް މަރުހަބާ ދެންނެވުމަށް އާޓިފިޝަލް ބީޗު ސަރަހައްދަށް އެއްވެ ތިބި އެތައް ހާސް ރައްޔިތުންނާ މުހާތަބުކުރައްވައި ވާހަކަދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، އެމަނިކުފާނާއި، ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ލީޑަރުންގެ އިތުރުން ޚާއްސަކޮށް އިންތިޚާބީ ރައީސް ހުންނެވީ ރައްޔިތުންގެ ބޯހިޔާވަހިކަމަށް ދަރާފައި ކަމަށެވެ.
ރައީސް ނަޝީދު ވިދާޅުވީ އެދަރަނި އެދަރަނި އިޔާދަކޮށްދޭނެ ކަމަށާއި، އެންމެހައި ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދަދޭނެ ކަމަށެވެ. ރައްޔިތުންނަށް ޚިދުމަތް ކުރެއްވުމުގައި ދެމިތިއްބަވަނީ ވެސް މިޚިދުމަތްތައް ރައްޔިތުންނަށް ހޯދަދޭން ކަމަށާއި، އެމަނިކުފާނަކީ ފްލެޓް ދޮންބެ ކަމަށެވެ.
"އަޅުގަނޑާއި ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ އެންމެހައި ލީޑަރުން އަދި ވަކިން ޚާއްސަ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަޅުގަނޑުމެން އެންމެން މިވަނީ ތިބޭޅުންނަށް ދަރާފައި. އަޅުގަނޑުމެން މިވަނީ އަޅުގަނޑުމެން ތިބޭފުޅުންގެ ކޮންމެ އާއިލާއަކަށް ބޯހިޔާވަހިކަމަކަށް ފްލެޓަކަށް ދަރާފައި." ރައީސް ނަޝީދު ވިދާޅުވިއެވެ.
ގާނޫނު އަސަސީގައި ހައްގުތަކެއް ލިޔެފައިވާކަން ފާހަގަކުރައްވައި ރައީސް ނަޝީދު ވިދާޅުވީ އެންމެ ފާހަގަވާގޮތަށް ލިޔެފައި އޮތް ހައްގަކީ ފެނާއި ނަރުދަމާގެ ހައްގު ކަމަށާއި، ބޯހިޔާވަހިކަމުގެ ހައްގު ކަމަށެވެ.
"ރީތި ދިރިއުޅުމެއްގެ ހައްގު. ތިމަންނައާ ތިމަންނަގެ އާއިލާއާ. ތިމަންނާމެންނަކީ ތިމަންނާމެންގެ އަމިއްލަގެ ގެދޮރުގައި ރަނގަޅު ވަޒީފާއެއް އަދާކޮށް ތަނަވަސް އާމްދަނީއެއް ލިބި ފަހުރުވެރިކަމާއެކު ދިރިއުޅޭ ފަހުރުވެރި ދިވެހި އާއިލާއެއްގެ ބުނެވޭނެ ހައްގު." ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު ވިދާޅުވީ ރާއްޖޭގެ ގާނޫނު އަސާސީގައިވާ އެހެން ހުރިހާ ކަމެއް ހުއްޓިފައި ހުރި މިދެންނެވި ހަމަޖެހޭ ދިރިއުޅުމަށްކަމާއި، ރައްޔިތުންގެ ހައްގުތަކުގެ މައްޗަށް ކަމަށެވެ. އަދި ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ އަމާޒަކީ ރައްޔިތުން އުންމީދު ކުރާ ގޮތަށް ރައްޔިތުންގެ ދިރިއުޅުން ހަގީގަތަކަށް ހަދައިދިނުން ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.