ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުން އަބްދުﷲ މަސީހް އިބްރާހީމް އިސްތިއުފާ ދެއްވައިފިއެވެ.
މަސީހު އިސްތިއުފާ ދެއްވާފައި ވަނީ އެ މަނިކުފާނުގެ އިތުބާރު ނެތްކަމުގެ މައްސަލަ ބުރާސްފަތި ދުވަހުގެ ރޭ ބާއްވާ މަޖިލިސް ޖަލްސާއަށް އެޖެންޑާ ކޮށްފައިވަނިކޮށެވެ.
މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަަލަ މަޖިލީހަށް ވައްދާފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ 43 މެންބަރުންގެ ސޮޔާއެކު ގުޅިފައިވާ ޕާޓީތަކުގެ މެމްބަރުންނެވެ.
މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލަ އެޖެންޑާކޮށްފައި ވަނިކޮށް، މަސީހު އަމިއްލަފުޅަށް އިސްތިއުފާ ދެއްވާފައިވާއިރު މަޖިލީހުގެ އާންމު ކޮމިޓީ އިން ބުދަދުވަހުގެ ބޭއްވި ބައްދަލުވުމެއްގައި ނިންމާފައި ވަނީ މަސީހު އިތުބާރު ނެތް ކަމަށް މިދިޔަ އަހަރު ޖުލައި މަހުގެ ތެރޭގައި ހުށަހަޅާފައިވާ މައްސަލައިގެ ސައްހަކަން މިހާރު ކަށަވަރު ވެފައިވާތީ، އެ މައްސަލައަށް ކުރިއަށް ގެންދެވިދާނެ ކަމަށެވެ. އެގޮތުން މަސީހުގެ އިތުބާރު ނެތް ކަމަށް 43 މެންބަރުން ސޮއިކޮށް މަޖިލީހުގެ އިދާރާއަށް ހުށަހަޅާފައިވާ އެ މައްސަލަ ދެން މަޖިލީހުގައި އެންމެ އަވަހަށް ބާއްވާ ޖަލްސާގައި ކުރިއަށް ގެންދިއުމަށް އެކޮމެޓީން ވަނީ ނިންމާފައެވެ.
އާންމު ކޮމެޓީން ނިންމާފައި ވަނީ މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލާގައި މެމްބަރުން ދެ ގަޑިއިރުގެ ބަހުސް ކުރުމަށެވެ. ކޮމެޓީން ފާސްކޮށްފައި ވަނީ އޭގެ ތެރެއިން ޖަވާބު ދާރީވުމަށް މަސީހަށް 30 މިނެޓު ލިބިވަޑައިގަންނަވާ ގޮތަށެވެ.
މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ އާންމު ކޮމެޓީގައި ކުރިއަށްދިޔައިރު، އެކޮމެޓީގައި ސަރުކާރު ހިންގާ ޕީޕީއެމަށް ނިސްބަތްވާ މެމްބަރުން ވެސް ހިމެނެ އެވެ. އަދި އެކޮމެޓީގެ މުގައްރިރަކީ ވެސް ޕީޕީއެމްގެ ތަރުޖަމާނު އަދި ކެލާ ދާއިރާގެ މެމްބަރު އަލީ އާރިފްއެވެ.
މަސީހުގެ އިތުބާރު ނެތްކަމުގެ ވޯޓު ފާސް ކުރުމަށް ފަހު، ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ޖޮއިންޓް ޕާލަމެންޓްރީ ގްރޫޕުން ނިންމާފައިވަނީ މަޖިލީހުގެ ރައީސް ކަމުގެ މަގާމަށް ޖުމްހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހީމް އައްޔަން ކުރުމަށް ނިންމާފައެވެ.