ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ބުރާސްފަތި ދުވަހުގެ ރޭ ބާއްވާ ޖަލްސާއަށް އެޖެންޑާ ކޮށްފިއެވެ.
ބުރާސްފަތި ދުވަހުގެ ރޭ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ފެށުމަށް ހަމަޖެހިފައި ވަނީ 21:15 ގައެވެ.
މި ޖަލްސާގެ އެޖެންޑާގައި ވަނީ ވެސް މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ އެކަންޏެވެ.
މަސީހުގެ އިތުބާރު ނެތް މައްސަލާގައި ޖަވާބު ދާރީވުމަށް އެމަނިކުފާނަށް 30 މިނެޓުގެ ވަގުތެއް ދިނުމަށް މަޖިލީހުގެ އާންމު ކޮމިޓީން ބުދަ ދުވަހު ބޭއްވި ބައްދަލުވުމުގައި ވަނީ ނިންމާފައެވެ.
އާންމު ކޮމިޓީ އިން ބުދަ ދުވަހު ބޭއްވި ބައްދަލުވުމުގައި ނިންމާފައި ވަނީ މަސީހު އިތުބާރު ނެތް ކަމަށް މިދިޔަ އަހަރު ޖުލައި މަހުގެ ތެރޭގައި ހުށަހަޅާފައިވާ މައްސަލައިގެ ސައްހަކަން މިހާރު ކަށަވަރު ވެފައިވާތީ، އެ މައްސަލައަށް ކުރިއަށް ގެންދެވިދާނެ ކަމަށެވެ. އެގޮތުން މަސީހުގެ އިތުބާރު ނެތް ކަމަށް 43 މެންބަރުން ސޮއިކޮށް މަޖިލީހުގެ އިދާރާއަށް ހުށަހަޅާފައިވާ އެ މައްސަލަ ދެން މަޖިލީހުގައި އެންމެ އަވަހަށް ބާއްވާ ޖަލްސާގައި ކުރިއަށް ގެންދިއުމަށް އެކޮމެޓީން ވަނީ ނިންމާފައެވެ.
އާންމު ކޮމެޓީން ނިންމާފައި ވަނީ މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލާގައި މެމްބަރުން ދެ ގަޑިއިރުގެ ބަހުސް ކުރުމަށެވެ. ކޮމެޓީން ފާސްކޮށްފައި ވަނީ އޭގެ ތެރެއިން ޖަވާބު ދާރީވުމަށް މަސީހަށް 30 މިނެޓު ލިބިވަޑައިގަންނަވާ ގޮތަށެވެ.
މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ އާންމު ކޮމެޓީގައި ކުރިއަށްދިޔައިރު، އެކޮމެޓީގައި ސަރުކާރު ހިންގާ ޕީޕީއެމަށް ނިސްބަތްވާ މެމްބަރުން ވެސް ހިމެނެ އެވެ. އަދި އެކޮމެޓީގެ މުގައްރިރަކީ ވެސް ޕީޕީއެމްގެ ތަރުޖަމާނު އަދި ކެލާ ދާއިރާގެ މެމްބަރު އަލީ އާރިފްއެވެ.
މަސީހުގެ އިތުބާރު ނެތްކަމުގެ ވޯޓު ފާސް ކުރުމަށްފަހު، ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ޖޮއިންޓް ޕާލަމެންޓްރީ ގްރޫޕުން ނިންމާފައިވަނީ މަޖިލީހުގެ ރައީސް ކަމުގެ މަގާމަށް ޖުމްހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހީމް އައްޔަން ކުރުމަށް ނިންމާފައެވެ.