ސޯޝަލް މީޑިއާގައި ކުރަމުން އައި މަސައްކަތް މި ވަގުތަށް ނިންމާލާފައިވާ ކަމަށާއި، ދެން ވަގުތު ހޭދަކުރަން ބޭނުންވަނީ ކިޔުމާއި ލިޔުމުގައި ކަމަށް މަޝްހޫރު ސޯޝަލް މީޑިއާ އެކްޓިވިސްޓް ޝައްމޫން ޖަލީލް (ލޫކަސް) ބުނެފިއެވެ.
މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އަށް ތާއީދުކުރާ ލޫކަސް ބުނީ ކަންކަން ގޯހުން ގޯހަށް ދަންޏާ އަބަދުވެސް އެ އޮންނަ ސަރުކާރަކަށް ފާޑު ކިޔާނެ ކަމަށާއި، އެހެންނަމަވެސް ސޯޝަލް މީޑިއާގައި ކުރަމުން އައި މަސައްކަތް މިވަގުތަށް ނިންމާލާފައިވާ ކަމަށެވެ.
ލޫކަސް މިހެން ބުނެފައި ވަނީ 23 ސެޕްޓެމްބަރުގައި ބޭއްވުނު ރިޔާސީ އިންތިހާބުގައި ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް ގުޅިފައިވާ ޕާޓީތަކުގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު ކުރި ހޯއްދަވާފައި ވަނިކޮށެވެ.
Social media ga alhugand active koh kuramun ai masahkaiy mi vaguthah nimuny. Kan kan goahun dhanyaa abadhu ves onna sarukaarakah faadu kiyaanan. Dhen vaguthu heydha beynun vany liyumaa kiyumuga. Halaboli noon dhiriulhumakah. pic.twitter.com/wh4KChT4Sz
— Luke (@Lucasjalyl) October 31, 2018
ބުރާސްފަތި ދުވަހު އަމިއްލަ އަށް ލަންކާ އަށް އަރުވާލެވިގެން ހުރުމަށް ފަހު ރައީސް މުހައްމަދު ނަޝީދާ އެކު ރާއްޖެ ވަޑައިގަންނަވާ ލޫކަސް ބުނީ ދެން ވަގުތު ހޭދަކުރުމަށް ބޭނުންވަނީ ލިޔުމާއި ކިޔުމުގައި ކަމަށާއި، ހަލަބޮލި ނޫން ދިރިއުޅުމަކަށް ކަމަށެވެ.
ލޫކަސް ބުނެފައި ވަނީ އޭނާ ތާއީދުކުރާ ސަރުކާރަކަށް ފުރުސަތު ލިބުނު ނަމަވެސް ސަރުކާރުގެ ވަޒީފާއެއް ބޭނުންނުވާ ކަމަށެވެ.
ސަލާމަތީ ބާރުތަކާ މެދު ނަފްރަތު އުފައްދާކަމުގެ ތުހުމަތުގައި 2015 ވަނަ އަހަރުގެ ޖުލައި މަހު ލޫކަސް ހައްޔަރުކުރިއެވެ. އެފަަރު ދެ މަސް ވަންދެން ފުލުހުންގެ ބަންދުގައި ބެހެއްުޓުމަށް ފަހު އެކަށީގެންވާ ހެކި ނެތިގެން ލޫކަސްގެ މައްޗަށް ދައުވާ ނުކުރަން ފުލުހުން ވަނީ ނިންމައިފައެވެ.

ރައްޔިތުންގެ މެދުގައި ހަގީގަތާ ހިލާފު ވާހަކަ ފަތުރަމުންދާތީ، ލޫކަސްގެ މޯބައިލް ފޯނާއި ސިމްކާޑުތަކާއި މެމޮރީކާޑު އަދި އިލެކްޓްރޯނިކް ސާމާނު ތިން މަސް ދުވަހަށް ހިފެހެއްޓުމުގެ ހުއްދަ ކްރިމިނަލް ކޯޓުގެ އަމުރަކުން ފުލުހުންނަށް މިދިޔަ އަހަރުގެ މާޗު މަހު ފުލުހުންނަށް ދިނެވެ. އެގޮތުން ފުލުހުން ވަނީ މާޗު މަހު ލޫކަސްގެ ފޯނު ހިފަހައްޓާފައެވެ.
އެހެންނަމަވެސް އޭގެ ފަހުން ލޫކަސް ވަނީ އަމިއްލަ އަށް ސްރީލަންކާ އަށް އަރުވާލެވިގެން ހުރެ ރައީސް ޔާމީންގެ ސަރުކާރަށް ފާއިތުވެދިޔަ ދުވަސްތަކުގައި ވަރަށް ބޮޑަށް ފާޑުކިޔާ ސޯޝަލް މީޑިއާގައި ޝުއޫރު ފާޅުކޮށްފައެވެ.