ދިވެހިރާއްޖޭގެ ފަޚުރުވެރި ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި ބާއްވާ އެމްއެންޑީއެފްގެ މިއުޒިކަލް ޑްރިލް ޑިސްޕްލޭގެ ހަރަކާތްތައް މިމަހު 3 ވަނަ ދުވަހު ޖުމްހޫރީ މައިދާނުގައި ބާއްވަން ނިންމައިފިއެވެ.
އެމްއެންޑީއެފުން ބުނީ މިމަހު 3 ވަނަ ދުވަހު ހަވީރު 16:00 ގައި "ޖުމްހޫރީ މައިދާން" ސަރަޙައްދުގައި ފެށުމަށް ހަމަޖެހިފައިވާ އެމްއެންޑީއެފް މިއުޒިކަލް ޑްރިލް ޑިސްޕްލޭގެ ހަރަކާތްތައް ބަލާލުމުގެ ފުރުޞަތު އާންމުކޮށްވަނީ ހުޅުވާލެވިފައި ކަމަށެވެ.
މީގެ އިތުރުން މިމަހު 4 ވަނަ ދުވަހު ހުޅުމާލޭ ސެންޓްރަލް ޕާކް ސަރަޙައްދާއި މިމަހު 05 ވަނަ ދުވަހު ވިލިމާލެ ބަނދަރު ސަރަޙައްދުގައި މިއުޒިކަލް ޑްރިލް ޑިސްޕްލޭގެ ހަރަކާތައް ބާއްވާ ގޮތަށް ވަނީ ހަމަޖެހިފައެވެ. އަދި މި ދެ ދުވަހު ޑިސްޕްލޭގެ ހަރަކާތްތައް ފެށުމަށް ހަމަޖެހިފައިވަނީ 17:00 ގައެވެ.
އާންމުންގެ ވަރަށް ބޮޑު ތަރުހީބެއް ލިބިފައިވާ މިއުޒިކަލް ޑްރިލް ޑިސްޕްލޭއަކީ އަސްކަރީ ސިފަވަންތަކަމާއި، ސަފުތަކުގެ ބަދަހިކަމާއި އެކުގައި މަސައްކަތްކުރުމުގެ ރޫހު ދައްކުވައިދޭ ހެވިކަމެކެވެ. މިކަމުގައި ކޮމާންޑު ދިނުން ނުހިމެނޭ އިރު، ގެމައިގެ ހުރިހާ ހަރަކާތެއްވެސް ކުރިޔަށް ދަނީ ވަކި ސީކުއެންސެއްގެ ގޮތުގައެވެ.