އަބޫ ދާބީއަށް ރުއްތަކެއް ރާއްޖޭން ބޭރުކުރަން އުޅެނިކޮށް ކަސްޓަމްސްއިން ހުއްޓުވައިފިއެވެ. ރާއްޖެއެމްވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ރާއްޖޭން އަބޫދާބީއަށް އެތެރެކުރަން މަސައްކަތް ކޮށްފައިވަނީ 500 ރުކެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މި ރުއްތައް އެތެރެކުރުމަށް ނަގަންޖެހޭ ހުއްދަ ނަގަން މަސައްކަތް ކުރުމުން ކަސްޓަމްސްއިން ވަނީ ހުއްދަނުދީ ހުއްޓުވާފައެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އަބޫދާބީއަށް އެތެރުކުރަން މަސައްކަތް ކުރި ރުއްތައް ނަގާފައިވަނީ ނ. މާފަރުންނެވެ.
ނ.މާފަރުން އަބޫދާބީއަށް 500 ރުއް އެތެރެކުރަން މަސައްކަތްކުރަމުންދާ ކަމުގެ ޚަބަރުތަކާއި ފޮޓޯތަކެއް މީސްމީޑިޔާގައި ވެސް ދަނީ ދައުރުވަމުންނެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މާފަރުން ނަގާފައިވާ ރުއްތައް އަރުވާފައިވަނީ ނ.މާފަރު ފަޅުގައި އޮތް ކޮޅުވެއްޓިއަކަށެވެ. އޭގެ ފަހުން އެ ރުއްތައް ކޮޅުވެއްޓިއިން އަރުވަން ނިންމާފައިވަނީ އެ ރަށު ބޭރުގައި އޮތް އަބޫ ދާބީގެ ކާގޯ ބޯޓަށެވެ.
މާފަރުން ރުއްތަކެއް އަބޫދާބީއަށް އެތެރެކުރަން މަސައްކަތްކޮށް އެކަން ކަސްޓަމްސްއިން ހުއްޓުވާފައިވާއިރު، އަބޫދާބީ ފަންޑުން ހިލޭ އެހީގެ ދަށުން 60 މިލިޔަން ޑޮލަރުގެ އެއަރޕޯޓެއް މާފަރުގައި ހެދުމުގެ މަސައްކަތް ދަނީ ކުރެވެމުންނެވެ.