އޮޑިޓް އޮފީހަށް އަންނަ އަހަރުގެ ބަޖެޓުގެ ގޮތުގައި 52 މިލިއަން ރުފިޔާ ހަމަޖައްސަން ރައްޔިތުން މަޖިލީހުން ފާސްކޮށްފި އެވެ.
މާލިޔަތު ކޮމިޓީ އިން ނިންމި ގޮތަށް ރައްޔިތުން މަޖިލީހުން ބުދަ ދުވަހު ބޭއްވި ޖަލްސާގައި އޮޑިޓް އޮފީހަށް 52 މިލިއަން ރުފިޔާގެ ބަޖެޓެއް ހަމަޖައްސަން ފާސްކުރީ 47 މެމްބަރުންގެ އިއްތިފާގުން ނެވެ.
ކޮންމެ އަހަރަކު ވެސް ކުރިއަށް އޮންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް މަޖިލީހުން ފާސްކުރުމުގެ ކުރިން އޮޑިޓް އޮފީހުން ކުރިއަށް އޮންނަ އަހަރަށް އެ އޮފީހަށް ބޭނުންވާ ބަޖެޓް މާލިއްޔަތު ކޮމެޓީއަށް ފޮނުވަން ޖެހެއެވެ. އަދި އެ ކޮމެޓީން ދިރާސާ ކުރުމަށް ފަހު އޮޑިޓް އޮފީހުގެ ބަޖެޓް ފާސްކުރުމަށް މަޖިލީހުގެ ތަޅުމަށް ފޮނުވަން ޖެހެއެވެ.
ކޮންމެ އަހަރަކު ވެސް ދައުލަތުގެ ބަޖެޓާ ވަކިން އޮޮޑިޓަރ ޖެނަރަލް އޮފީހުގެ ބަޖެޓު ކަނޑައެޅުމުގެ މަސްއޫލިއްޔަތު އަދާ ކުރާނީ މާލިއްޔަތު ކޮމިޓީ އިންނެވެ.
އަންނަ އަހަރަށް އޮޑިޓަރ ޖެނަރަލް އޮފީހުން އެދިފައި ވަނީ 60 މިލިއަން ރުފިޔާގެ ބަޖެޓެއް އެ އޮފީހަށް ދިނުމަށެވެ. ނަމަވެސް މާލިއްޔަތު ކޮމިޓީ އިން ފާސް ކުރީ 52 މިލިއަން ރުފިޔާގެ ބަޖެޓެކެވެ. އަދި އެ އަދަދުން ނުފުދިގެން ކޮންމެހެން ވެސް ބޭނުންވެއްޖެ ހާލަތެއްގައި ކޮންޓެންޖެންސީ ބަޖެޓުން ނުވަތަ ފިނޭންސް މިނިސްޓްރީ ކަނޑައަޅާ ގޮތެއްގެ މަތިން ފައިސާ ލިބޭނެގޮތް ހަމަޖެހޭނެ ކަމަށް ވެސް އޮޑިޓް އޮފީހުގެ ބަޖެޓް ރިޕޯޓުގައި ބުނެފައިވެއެެވެ.