ރައްޔިތުން ވެރިކަން ހަވާލުކުރަނީ ދައުލަތް ލޫޓުވާލައި، ނުރަނގަޅު އެންމެހައި ކަންކަން ހިންގުމަށް ނޫން ކަމަށާއި، ދައުލަތަށް ހިޔާނަތްތެރިވި އެންމެން ޝަރީއަތުގެ ކުރިމައްޗަށް ގެންނާނެ ކަމަށް ކުރީ ރައްޔިތުން މަޖުލީހުގެ ކުރީގެ މަޑަވެލި ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.
ރާއްޖެޓީވީގެ ފަލަ ސަރުޚީ ޕްރޮގްރާމްގައި ނާޒިމް ވިދާޅުވީ ދައުލަތަކީ ދިވެހި ހުރިހާ ރައްޔިތުންގެ އެއްޗެއް ކަމަށާއި، ދަރަންނާއި ދަރިންގެ މިލްކެއް ކަމަށެވެ. ނާޒިމް ވިދާޅުވީ ރާއްޖޭގެ ރައްޔިތުންނަށް ލިބޭ މިންވަރު ހަޒާނާގައި ރައްކާކުރުމަކީ މާތް ރަސްކަނލާގެ ގަންދީ ހުވައެއްކޮށްގެން ހުންނަ ރައްޔިތުން އިންތިޚާބުކުރާ ވެރިއަކު ކުރަންޖެހިވަޑައިގަންނަވާނެ ކަމެއް ކަމަށެވެ. އަދި އެއަށް ހިޔާނަތްތެވިވެ، ތިމަންމަނިކުފާނުގެ ބާރާއި އާރު ދައްކައިގެން ރައްޔިތުންނަށް އޮޅުވާލަން މަސައްކަތް ކުރެވި ނަމަވެސް އެކަން ކާމިޔާބު ނުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ނާޒިމް ވިދާޅުވީ ގައުމަށް ހިޔާނަތްތެރިވުމަކީ ރައްޔިތުން ބަލައިގަންނާނެ ކަމެއް ނޫން ކަމަށާއި، ހިޔާނަތްތެރިވި އެންމެންގެ ޝަރީއަތަށް ހާޒިރުކޮށް ރައްޔިތުންނަށް އިންސާފު ހޯދަދޭން ޖެހޭ ކަމަށެވެ. ރައީސް ޔާމީންގެ ސަރުކާރުން ހިންގާފައިވާ ހުރިހާ ޖަރީމާތަކެއް ފޮރުވަން ގިނަ މަސައްކަތްތަކެއް ކުރާކަން ފާހަގަކުރައްވައި ނާޒިމް ވިދާޅުވީ މިމައްސަލަތައް ބެލުމަށް އޮންނަ ހުރިހާ މުއައްސަސާއެއްގެ މިނިވަންކަން ފުނޑާލާފައިވާ ކަމަށެވެ.
އެގޮތުން އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި މިހުރިހާ މުއައްސާސާއެއް މިނިވަންކޮށް، ހިޔާނަތްތަކާއި، ޖަރީމާ ފޮރުވަން ގެންގުޅޭ ހުރިހާ ސަގާފަތް މިގައުމުން ނައްތާލާނެ ކަމަށް ނާޒިމް ވިދާޅުވިއެވެ. އަދި ވިދާޅުވީ އިންތިޚާބީ ރައީސް ސޯލިހު މިކަންކަން ކުރައްވާނެ ކަމާމެދު ޝައްކު ނުކުރައްވާ ކަމަށާއި، އެމަނިކުފާނަށް ރައްޔިތުން ވޯޓު ދިނީ ނުހަނު އިތުބާރާއެކު ކަމަށެވެ.
"ރައީސް ޔާމީން އެކަނި ގިނިކަންޏާ ހުންނަވައިގެން މިއަނިޔާއެއް ރާއްޖޭގެ ރައްޔިތުންނަކަށް ނުދެވޭނެ. އަޅުގަނޑުމެންނަށް މިޝަރީއަތްތައް ބެލެންޖެހޭ. ރާއްޖޭގެ ރައްޔިތުން ކުރިމަތީގައި ދައުލަތު ހަޒާނާ ލޫޓުވާ އަދި ދައުލަތުގެ ތިޖޫރީގެ ފޫ އަޅުވާލާ އަދި ދައުލަތުގެ މާލިއްޔަތަށް ގެއްލުންދިން ފަރާތްތަކަށް އިންސާފުވެރި ޝަރީއަތްތައް ހިންގެން ޖެހޭނެ." ނާޒިމް ވިދާޅުވިއެވެ.
ނާޒިމް ވިދާޅުވީ ރާއްޖޭގެ ހަތަރު ލިޑާރުން އެކުގައި މަސައްކަތް ފެށީ މިގައުމުދާ މިސްރާބު ބަދަލުކޮށް ގައުމު އަމާން ބަނދަރަކަށް ގެންދިއުމަށް ކަމަށެވެ. އަދި ކޯލިޝަންގެ އެންމެ ބޮޑު އެއްއަމާޒަކީ ގައުމުގައި އަދުލްއިންސާފު ގާއިމްކޮށް، ރައްޔިތުންނަށް ދިރިއުޅެވޭނެ އަމާންވެއްޓެއް ގާއިމްކޮށްދިނުންކަން އޭނާ ފާހަގަކުރެއްވިއެވެ.
"އަދުލްއިންސާފު ގާއިމް ކުރެވުނީމަ މިހުރިހާ ކަންތައްތަކެއް ވެގެންދާނެ. ރާއްޖޭގެ އެއްވެސް ރައްޔިތަކަށް އިންސާފުގެ ކުރިމަތީގައި އެބޭފުޅުން ހިންގާފައި ހުރި ދައުލަތުގެ ހަޒާނާ ގެއްލުން ދީފައި ހުރި މީހުންގެ ޝަރީއަތުން ބެލެންޖެހޭނެ. އަޅުގަނޑު މިމަސައްކަތުގެ ތެރޭގައި މިމިއުޅެނީ އެދުވަސް ގާއިމް ކުރަން ވެގެން. އަޅުގަނޑަށް ބޭނުންވާ އެއްވެސް ކަމެއް އޮތީއެއް ނޫން. ﷲގެ އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނަށް އެބައުޅެވޭ. އެހެންނަމަވެސް އަޅުގަނޑުގެ ފައިސާގައި ޖެހިފައިހުރި، ދައުލަތުގެ ފައިސާގައި ޖެހިފައި ހުރި ވައްކަން ކުރާ މީހުން ދޫކުރާކަށް ނެތިން." ނާޒިމް ވިދާޅުވިއެވެ.
ނާޒިމް ވިދާޅުވީ އިންތިޚާބީ ރައީސް ސޯލިހުގެ ވެރިކަމުގައި ސިޔާސީ ގޮތުން އެއްވެސް މީހަކަށް ޝަރީއަތެއް ކުރެވި އަދަބު ނުދޭނެ ކަމަށާއި، ނަމަވެސް ރައްޔިތުންނަށް އަނިޔާކޮށް، ދައުލަތް ލޫޓުވާ، ދައުލަތުގެ ތެރޭގައި އެންމެހާ ޖަރީމާތައް ހިންގެވި ބޭފުޅުން ޝަރީއަތުގެ ކުރިމައްޗަށް ގެނެވޭނެ ކަމަށެވެ.