އެންޓި ޑިފެކްޝަން ގާނޫނު ބާތިލް ކުރުމަށް ރައްޔިތުންގެ މަޖިލީހަށް ބަލައިގަނެ، އެބިލް ދިރާސާ ކުރުމަށް ހަތް މެމްބަރުންގެ ކޮމެޓީއަކަށް ފޮނުވައިފި އެވެ.
އެންޓި ޑިފެކްޝަންގެ ގާނޫނު ބާތިލް ކުރުމަށް މަޖިލީހަށް ހުށަހެޅުއްވީ ސަރުކާރު ހިންގާ ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕްގެ ނައިބު ލީޑަރ ރިޔާޒު ރަޝީދު އެވެ.
އެބިލް މަޖިލީހަށް ބަލައިގަންނަށް ފާސްކޮށްފައިވަނީ 34 މެމްބަރުންގެ އަޣްލަބިއްޔަތުން ނެވެ. އެބިލް ބާތިލް ކުރުމަށް ނުފެންނަ ކަމަށް ދެ މެމްބަރަކު ވޯޓު ދެއްވިއިރު، ވަކިގޮތަކަށް ވޯޓް ދެއްވަން ބޭނުންނުވާ ދެ މެމްބަރަކު އިންނެވި އެވެ.
އެ ބިލް ބާތިލް ކުރުމުގެ މަސައްކަތް ކުރުމަށްޓައި ހަތް މެމްބަރުންގެ ކޮމެޓީއަކަށް ފޮނުވުމަށް ހުށަހެޅުއްވީ ރިޔާޒު ރަޝީދު އެވެ. ރިޔާޒުގެ ހުށަހެޅުމަށް ތާއީދު ކުރެއްވީ ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަލީ މައުރޫފް އެވެ.
އެކޮމެޓީގައި ހިމެނޭ ހަތް މެމްބަރުންނަކީ:-
1. ދަނގެތި ދާއިރާގެ މެމްބަރު އިލްހާމް އަހުމަދު
2. ކަނޑިތީމު ދާއިރާގެ މެމްބަރު މުހައްމަދު ހުސައިން
3. ކުޅުދުއްފުށި އުތުރު ދާއިރާގެ މެމްބަރު އަބްދުލްގަފޫރު މޫސާ
4. ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަލީ މައުރޫފް
5. އޭދަފުށި ދާއިރާގެ މެމްބަރު އަހުމަދު ސަލީމް
6. ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު އަލީ ޝާހު
7. ތިމަރަފުށި ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ
އެންޓި ޑިފެކްޝަން ގާނޫނު ބާތިލު ކުރުމުގެ މައްސަލަ ދިރާސާ ކުރުމަށް އެ ހަތް މެމްބަރުންގެ ކޮމެޓީއަށް ފޮނުވުމަށް މަޖިލީހުން ފާސްކޮށްފައި ވަނީ 38 މެމްބަރުންގެ އަޣްލަބިއްޔަތުންނެވެ. ނުފެންނަ ކަމަށް އެއް މެމްބަރަކު އިންނެވިއިރު، ވަކިގޮތަކަށް ވޯޓް ދެއްވަން ބޭނުންނުވާ އެއް މެމްބަރަކު އިންނެވި އެވެ.
އެންޓި ޑިފެކްޝަން ގާނޫނަކީ ސަރުކާރު ހިންގާ ޕީޕީއެމް ދެ ބަޔަކަށް ބެހިގެން ދިއުމާއި ގުޅިގެންނާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދުގެ އިތުބާރު ނެތްކަމުގެ މައްސަލާގައި ސަރުކާރަށް ނިސްބަތްވާ 12 މެމްބަރުން ސޮއި ކުރުމުން މިއަހަރުގެ ތެރޭގައި ވުޖޫދުވި ގާނޫނެކެވެ. ނަމަވެސް އެގާނޫނު ވުޖޫދުވުމުގެ ކުރިން އެޓާރނީ ޖެނަރަލް ސުޕްރީމް ކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލައަކާއި ގުޅިގެން ސުޕްރީމް ކޯޓުން ވަނީ 13 ޖުލައި 2017 ގައި ހުކުމެއް ކުރައްވާފަ އެވެ.
އެހުކުމުގައި މައިގަނޑު ގޮތެއްގައި ބުނެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކު، އެމެމްބަރަކު ނިސްބަތްވާ ޕާޓީން ވަކިކޮށްފިނަމަ، ނުވަތަ މެމްބަރު ކަމުން ވަކިވެއްޖެނަމަ، ނުވަތަ އެހެން ޕާޓީއަކާ ގުޅިވަޑައިގެންފިނަމަ ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ގެއްލޭނެ ކަމަށެވެ. އެހުކުމުގައި "ފްލޯ ކްރޮސިންގ"އާ ބެހޭ ގާނޫނު "އެންޓި ޑިފެކްޝަން ގާނޫނު" އެއް ރައްޔިތުންގެ މަޖިލީހުން ފާސްކުރުމަށް ވެސް ބުނެފައި ވެއެވެ.