ރައްޔިތުންގެ މަޖިލިހަށް މިދިޔަ އަހަރު ހުށަހެޅި މަޖިލިހުގެ ރައީސްގެ އަބްދުﷲ މަސީހު މުހައްމަދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ކުރިއަށް ގެންދަން އާންމު ކޮމިޓީން ނިންމައިފިއެވެ.
މި މައްސަލަ މަޖިލީހަށް ވައްދާފައި ވަނީ 2017 ވަނަ އަހަރުގެ ޖުލައި މަހުގެ 3 ވަނަ ދުވަހު އެވެ. އާންމު ކޮމިޓީގެ މުގައްރިރަކީ ކެލާ ދާއިރާގެ މެންބަރު އަލީ އާރިފުއެވެ. އެ ކޮމިޓީން ނިންމާފައި ވަނީ އެ މައްސަލައިގައި ޖަވާބުދާރީވުމަށް އިތުރު ވަގުތު ވެސް ނުދިނުމަށެވެ.
މި މައްސަލަ ހުށަހަޅާފައި ވަނީ 45 މެންބަރުންގެ ސޮޔާ އެކު އެވެ. އެ މައްސަލަ ހުށަހެޅުމުން މެންބަރުންތަކެއްގެ ގޮނޑި ގެއްލުނު ކަމަށް ވަނީ ކަނޑައަޅާފައެވެ.
މަސީހްގެ އިތުބާރު ނެތްކަމުގެ މައްސަލައެއް މި މަހުގެ ތެރޭގައި 51 މެންބަރުންގެ ސޮޔާ އެކު ވަނީ މަޖިލީހަށް ހުށަހަޅާފައެވެ.
މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ އެންމެ ފުރަތަމަ ހުށަހެޅީ މާޗް 8، 2017 ގައެވެ. އެ ފަހަރު ހުށަހެޅި 26 މެމްބަރުންގެ ސޮޔާއެކު އެވެ. އެ މައްސަލަ މަޖިލީހަށް ހުށަހެޅި ދުވަހު އިދިކޮޅު ފަރާތްތައް މަޖިލީހުން ބޭރުކޮށް، ރޯލް ކޯލް ވޯޓް ނަގައި މައްސަލަ ބޭރުކޮށްލިއެވެ. ދެ ވަނަ ފަހަރަށް މަސީހުގެ މައްސަލަ ހުށަހެޅީ 31 މެމްބަރުންގެ ސޮޔާ އެކު އޭޕްރީލް 9 ގައެވެ. އެ ފަހަރު އެ މައްސަލަ މަޖިލީހުން ބޭރުކޮށްލީ، މަޖިލީހުގެ ގަވާއިދަށް ކުއްލިއަކަށް ގެނައި ބަދަލާއެކުއެވެ. ގަވާއިދަށް ގެނައި ބަދަލުގައި ބުނެފައި ވަނީ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅޭނީ 42 މެމްބަރުންގެ ސޮޔާއެކުއެވެ.