ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދު އަންގާރަ ދުވަހުގެ ހަވީރު 06:00 ޖެހުމުގެ ކުރިން އިސްތިއުފާދެއްވާނެ ކަމަށް ވިދާޅުވި ނަމަވެސް އެކަމަށް އިތުރުފުޅު ހައްދަވާ ޖަލްސާތައް ބޭއްވުމަށް ޖެއްސުން ކުރައްވަމުންދާ ކަމަށް މަޖިލީހުގެ ނައިބު ރައީސް ރީކޯ މޫސާ މަނިކު ވިދާޅުވެއްޖެއެވެ.
މަޖިލީހުގެ ޖަލްސާގައި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު މަޖިލީހުގެ ރިޔާސަތަށް ފާޑުވިދާޅުވެ، ވާހަކަދެއްކެވެމުން އެކަމަށް ރައްދުދެއްވާ މޫސާ މަނިކު ވިދާޅުވީ، މަޖިލީހުގެ ޖަލްސާ އެޖެންޑާ ކުރައްވަނީ އަދިވެސް މަޖިލީހުގެ ރައީސް ކަމުގެ މަގާމުގައި ހުންނެވި މަސީހު ކަމަށާއި ޖަލްސާ ބާއްވާ ގަޑި ވެސް އަންގަވަނީ އޭނާ ކަމަށެވެ. މަޖިލިހުގެ ޖަލްސާ އޮންނާނެ ކަމަށް އަންގާރަ ދުވަހު އަންގާ، އަންގާރަ ދުވަހުގެ ރޭ ދަންވަރު ގުޅުއްވާ، މަޖިލީހުގެ ޖަލްސާ ކެންސަލް ކަމަށް މަސީހު އެންގެވި ކަމަށް އޭނާ ވިދާޅުވިއެވެ.
"އިއްޔެގަ އަޅުގަނޑު ކައިރީ ވިދާޅުވި، އިއްޔެ 06:00 ޖެހުމުގެ ކުރިން އިސްތިއުފާދެއްވާނެ ކަމަށް. އެހެންވީމަ މާދަމާ އެޖަލްސާ ބާއްވާށޭ ވިދާޅުވެފަ. އަޅުގަނޑަށް އިތުރުފުޅު ހައްދަވާފައި މިގޮތަށް ކަންތައްތައް ކުރައްވާފައިވާތީ އެކަން ދަންނަވަން." މޫސާ މަނިކު ވިދާޅުވިއެވެ.
މޫސާ މަނިކު ވިދާޅުވީ، މަޖިލީހުގެ ޖަލްސާ ކުރިއަށްގެންދަނީ ޕީޕީއެމްގެ މެންބަރުންގެ ހިޔާލާ އެއްގޮތަކަށް ނޫން ކަމަށާއި ނުވަތަ އެމްޑީޕީގެ ވެސް މެންބަރުންގެ ހިޔާލާ އެއްގޮތްވާ ގޮތުގެ މަތިން ނޫން ކަމަށެވެ. މަޖިލިހުގެ ޖަލްސާތައް ބޭއްވުން ވަރަށް ބޮޑަށް ބަދަލުވެފައިވާ ކަމަށާއި ޖަލްސާތައް ބާއްވަނީ މިހާރު މިނިވަންކަމާ އެކުގައި ކަމަށެވެ. މީގެ ފަހުން މަޖިލީހުގެ ޖަލްސާތައް ކުރިއަށް ގެންދިއުމަށް ލިބޭ ފުރުސަތުގައި މަޖިލީހުގެ ޖަލްސާ ކުރިއަށްގެންދާނީ މަޖިލީހުގެ ރައީސްގެ އިޒުނައާ އެކު ގާނޫނު އަސާސީއާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށެވެ.
މަޖިލީހުގެ ޖަލްސާތައް ކުރިއަށް ގެންދިއުމުގައި މަސީހުގެ ފަރާތުން ބޮޑެތި އުނދަގޫތައް ކުރިމަތިވާ ކަމަށާއި އެ އުނދަގޫތައް ކުރުވާފައި މަޖިލީހުގެ ޖަލްސާގައި ރިޔާސަތާ ދިމާލަށް އެއްޗެހި ކިޔަނީ ޕީޕީއެމްގެ މެންބަރުން ރާވައިގެން ކަމަށެވެ. އަދި އެފަދަ ފުރުސަތެއް މަޖިލީހުގެ ތެރެއިން ނުދެއްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މޫސާ މަނިކު މިހެން ވިދާޅުވެ، ވަނީ މެންބަރު ފަލާހުގެ ފުރުސަތު ވެސް ބަންދުކުރައްވާފައެވެ.
ފަލާހު މަޖިލީހުގެ ޖަލްސާގައި ވާހަކަދައްކަވަމުން ވިދާޅުވީ، މަޖިލީހުގެ ޖަލްސާތައް އެޖެންޑާ ކުރައްވަނީ މިހާރު މަޖިލީހުގެ ރިޔާސަތުގައި އިއްނެވި ރައީސަށް ފެނިވަޑައިގަންނަވާ ގޮތަށް ކަމަށާއި އެއީ ތާއީދު ކުރައްވާ ކަމެއް ނޫން ކަމަށެވެ.