ޖަލުގެ ތޭރިތަކުގައި ހުންނަން ޖެހުނީ ރައީސް ޔާމީންގެ ހަގީގީ ވާހަކަތައް އެނގިވަޑައިގަންނަވާތީ ކަމަށް ދަނގެތީ ދާއިރާގެ މެމްބަރު އިލްހާމް އަހުމަދު ވިދާޅުވެއްޖެއެވެ.
އިލްހާމްގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވާ ނިންމުން ބާތިލްކޮށް ގޮނޑި ނުގެއްލޭ ކަމަށް ސުޕްރީމް ކޯޓުން ހުކުމް ކުރި ފަހުން މަޖިލީހުގައި ބޭއްވި ޖަލްސާގައި ފުރަތަމަ ފަހަރަށް ވާހަކަ ދައްކަވަމުން ވިދާޅުވީ 12 މެމްބަރުންގެ ގޮނޑި ރައީސް ޔާމީން ގެއްލުވާލުމުން އެންމެ ފަހުން އެމަނިކުފާނުގެ ގޮނޑި ގެއްލުވާލާފައިވާ ކަމަށެވެ. ރައީސް އަބްދުﷲ ޔާމީން ބޭނުންހާ އެއްޗެއް ނެހެދޭނެ ކަމަށާއި އެދުވަސް މާޒީވެ ހިނގައްޖެ ކަމަށް އިލްހާމް ވިދާޅުވިއެވެ.
"ބޭނުންހާ އެއްޗެއް ނެހެދޭނެ، ހާދަ ދުވަހެއް ވެއްޖެއޭ މި ޓަޗް ނުލިބިގެން އުޅޭތާ. ހާދަ ޒަމާނެއް ވެއްޖެއޭ ދިވެހި ލޮބުވެތި ރައްޔިތުންނަށް މި ވާހަކަތައް ކިޔައިދޭން އުޅޭތާ.ޔާމީންގެ ހަގީގީ ސްޓޯރީތައް އެބަހުރި،ޝިނާން އެވާހަކަތައް ކިޔައިދޭނެ ވަރަށް އަވަހަށް،އިލްހާޟް އަހުމަދު ވެސް ކިޔައިދޭނެ. އެހެން ވެގެން ޖަލުގެ ތޭރިތަކުގެ ތެރޭގައި ހުންނަން ޖެހުނީ،" އިލްހާމް ވިދާޅުވިއެވެ.
އިލްހާމް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ މެމްބަރުކަމުގެ ގޮނޑި ގެއްލުވާލާނެ ކަމަށް އޭނާގެ ގާތުގައި ރައީސް ޔާމީން ވިދާޅުވެފައި ވާކަމަށެވެ. ގޮނޑި ގެއްލުވާލާނެ ކަމަށް ރައީސް ޔާމީން ވިދާޅުވީ އަނިޔާވެރިކަމުގެ ވާހަކަތައް ދެއްކި ހިސާބުން ކަމަށާއި އެވާހަކަތައް ދައްކަން ފެށީ ރައީސް އޮފީހުގެ ތެރެއިން ކަމަށް އިލްހާމް ވިދާޅުވިއެވެ. އަދި އެކަން ނުކުރެއްވުމަށް އެދިވަޑައިގެންނެވި ކަމަށް އިލްހާމް ވިދާޅުވިއެވެ.
ރައީސް ޔާމީން ގެނެސްދެއްވާފައިވާ ތަރައްގީ ގަބޫލު ކުރައްވާ ކަމަށާއި އެހެން ނަމަވެސް ގަބޫލު ނުކުރެއްވެނީ 10 ރުފިޔާއަށް ލިބޭ ބިއްލޫރި ތަށި 250ރ. އަށް ބައްލަވައިގެން އިތުރުވާ ފައިސާތައް އަމިއްލަފުޅު ޖީބަށް ލެއްވުން ކަމަށެވެ.
އިލްހާމް ވިދާޅުވީ އޮންނެވި ގޮޅި ހޫނުކަމުން ގިނަ ވަގުތު ހޭދަކުރެއްވީ ފާހާނާގައި ކަމަށާއި އޭގެ ތަފްސީލްތައް މަޖިލީހުގައި ވިދާޅުވަނީ ދާދި އަވަހަށް އެކި މައްސަލަތަކުގައި ޖަލު ގޮޅި އަށް ދާންޖެހޭ މެންބަރުން މަޖިލީހުގެ ޖަލްސާގައި ވެސް ތިއްބެވުމުން ކަމަށެވެ.