ވޭތުވެދިޔަ ފަސް އަހަރު ދުވަހަކީ ވަރަށް އަނިޔާވެރި ފަސް އަހަރު ކަމަށާއި، ރައްޔިތުންގެ މަޖިލީހުގައި މިނިވަންކަމާ އެކު ވާހަކަ ދައްކާލުމުގެ ފުރުސަތު މި ލިބުނީ އަދިކިރިޔާ ކަމަށް ސަރުކާރު ހިންގާ ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕްގެ ނައިބު ލީޑަރ އަބްދުﷲ ރިޔާޒު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ގޮނޑި ގެއްލޭ ގޮތަށް، މިއަހަރު ރައްޔިތުންގެ މަޖިލީހުން ފާސްކުރި "އެންޓި ޑިފެކްޝަން ގާނޫނު" އުވާލުމަށް ހުށަހަޅާފައިވާ ބިލަށް ބަހުސް ކުރައްވަމުން، އެ ބިލް ހުށަހެޅުއްވި ރިޔާޒު ވިދާޅުވީ އެ ގާނޫނު ފާސްކުރުމަށް މަސައްކަތް ކުރެވިފައިވާތީ މިއަދު ހިތަމަކުރައްވާ ކަމަށެވެ.
ސަރުކާރުގެ ފަރާތުން ހުށަހެޅި އެންޓި ޑިފެކްޝަން ގާނޫނު، ފާސްކުރުމަށް ކުރިން މަސައްކަތް ކުރެއްވި ރިޔާޒު ވިދާޅުވީ އެ ގާނޫނަކީ ގާނޫނުއަސާސީއާ ވެސް ހިލާފު ގާނޫނެއް ކަމަށެވެ.
ރިޔާޒު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއްގެ ނަމުގައި ހިންގާ ޓްވީޓަރ އެކައުންޓުން ޓްވީޓެއް ކޮށްލުމުން ޕާޓީގެ ސްލޫކީ ކޮމެޓީން އެ މެމްބަރު ޕާޓީން ވަކިކުރާ ހިސާބުން ގޮނޑި ގެއްލޭ ގޮތަށް އޮތުމަކީ ކަނޑައެޅިގެން ގާނޫނާއަސާސީ އާއި ސިޔާސީ ޕާޓީގެ ގާނޫނާ ވެސް މުޅިން ހިލާފު ގާނޫނެއް ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަކީ ވެސް އެއްވެސް ފަރާތެއްގެ ނުފޫޒެއް ނެތި، މިނިވަން ކަމާއެކު ގައުމާއި ރައްޔިތުންގެ ލާބައާއި މަންފާއަށް މަސައްކަތް ކުރަންޖެހޭ މެމްބަރުން ކަމަށްވާއިރު، ސަރުކާރުގެ ނުފޫޒުގެ ތެރޭގައި ރައްޔިތުންގެ މަޖިލިހާއި ދައުލަތުގެ މިނިވަން މުއައްސަސާތައް އޮތުމަކީ އެއްގޮތަކަށް ވެސް ގަބޫލު ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.
ރިޔާޒް ވިދާޅުވީ ގާނޫނު ފާސްކުރި ފަހުން އެއްވެސް ވަޒީރަކު އޭނާގެ ފޯނަށް ޖަވާބު ނުދެއްވާނެ ކަމަށެވެ. ރިޔާޒް ވަނީ ރައީސް ޔާމީނަށް ވެސް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އެގޮތުން ފާއިތުވި ފަސް އަހަރުގެ ތެރޭގައި ތަރައްގީތަކެއް ލިބުނު ކަމުގައި ވިޔަސް ރައީސް ޔާމީނަށް އިންތިހާބުގައި ނާކާމިޔާބީއާ ކުރިމަތިލައްވަން ޖެހިވަޑައިގެންނެވީ ތަރައްގީ އަށް ވުރެ ހިތާމަކުރަންޖެހޭ އެހެން ކަންކަން ހުރުމުން ކަމަށެވެ. އަދި އެމަނިކުފާނަށް ގާނޫނީ ލަފާ ދެއްވަން ތިއްބެވި ފަރާތްތައް ދެއްވި "ނުލަފާ" ލަފާތަކުގެ ސަބަބުން ކަމަށް ވެސް ރިޔާޒް ވިދާޅުވިއެވެ.
ރިޔާޒު މި ވަގުތު ވެސް ހުންނެވީ ސަރުކާރު ހިންގާ ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕްގެ ނާއިބު ލީޑަރުގެ ކަމުގެ މަގާމުގައެވެ.