މިވަގުތަށް އެންމެ މުހިއްމުކަމަކީ އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިޙްގެ ސަރުކާރެއް އުފައްދައި، އެސަރުކާރު ދެމެހެއްޓުމުގެ މަސައްކަތްކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ލީޑަރު މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދުގެ މައްޗަށް އިއްވާފައިވާ ޙުކުމް ތަންފީޒުކުުރުން މަޑުޖައްސާލުމުގެ ވަގުތީ އަމުރެއް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ނެރުއްވުމާއި ގުޅިގެން ރާއްޖެޓީވީގެ 60 މިނެޓް ޕްރޮގްރާމްތެރެއިން ކޮޅުނބުގައި ހުންނަވައިގެން ފޯނުން ވާހަކަ ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ އަބަދުވެސް ސިޔާސީ މަސައްކަތުގައި ދެމިހުންނަވާނެކަމަށެވެ. އަދި އެމަނިކުފާނު އެންމެ އިސްކަމެއް ދެއްވާނެ މަސައްކަތަކަށްވާނީ ރައީސް ސޯލިޙްގެ ވެރިކަން ދެމެހެއްޓުންކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
މިނިވަންވުމާއި ގުޅޭ ގޮތުން ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނު މާލެ ވަޑައިގަންނަވާއިރު އެމަނިކުފާނު ހައްޔަރުނުވާނެ ގޮތަށް ކަންކަން އިންތިޒާމް ވެފައި އޮތުމަކީ ލިބިވަޑައިގަންނަވާ ހިތްހަމަޖެހުމެއް ކަމަށެވެ. ރައީސް ނަޝީދުގެ މައްސަލަ އަމިއްލަފުޅަށް ސުޕްރީމް ކޯޓަށް ހުށަނާޅުއްވައި، އެމައްސަލަ ރިވިއުކުރުމަށް ދެންނެވުމަށް ޕްރޮސިކިއުޓަރ ޖެނެރަލްއަށް ދެންނެވީ އެކަން އެމަގުން ކުރެއްވުމަކީ އެންމެ ރަނގަޅު ގޮތްކަމަށްވާތީ ކަމަށާއި، މިހާރު ކަންތައް ވެގެން ދިޔަ ގޮތަކީ ނިޒާމުގައި ނެތް ގޮތެއް ނޫންކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި ޖަލުތަކުގައި ކަން ހިނގާ އުޞޫލުން މިސާލު ނަންގަވަމުން ރައީސް ނަޝީދު ވިދާޅުވީ ގޮޅިން ނެރެގެން ދޫކޮށްލަން ގެންދާއިރު "ތަކެއްޗާއިއެކު" ނިކުތުމަށް އަންގާކަމަށާއި، މިފަހަރު މާލެއަށް ވަޑައިގަންނަވަނީ އެބީދައިން ތަކެއްޗާއިއެކު ކަމަށެވެ.
އަދި މީގެ އިތުރުން ރައީސް ނަޝީދު މިނިވަންކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުނު މައްސަލައަށް އިޝާރާތްކުރައްވައި އެމަނިކުފާނު ވިދާޅުވީ ރައްޔިތުންގެ މަޖިލީހަކީ ސިޔާސީ ކަންކަމުގައި ދިވެހިރައްޔިތުންގެ ބަސް ބުނާނެ ފަރާތްކަމަށެވެ.
ރައީސް ނަޝީދު ވިދާޅުވީ ރައީސް ޔާމީނަށް 5 އަހަރު ވެރިކަން ކުރެވުނީ ޤާނޫނާއި ޚިލާގަށް ވެރިކަން ބަދަލުކުރަން އެމްޑީޕީއިން ނޫޅޭތީކަމަށެވެ.
ކުރިއަށް އޮތް އާއްމު އިންތިޚާބުގައި ވާދަކުރައްވާނަންތޯ ރާއްޖެ ޓީވީއިން ސުވާލު ދެންނެވުމުން ރައީސް ނަޝީދު ވާދަ ނުކުރައްވާނެކަމަށް ވިދާޅެއް ނުވެއެވެ. އެސުވާލުގެ ޖަވާބުގައި ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނުގެ މަސައްކަތްޕުޅު ބިނާކުރައްވާނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިޙްގެ ވެރިކަން ދިފާޢުކުރެއްވުމަށް ކުރައްވަން ޖެހުނު ކޮންމެ ކަމެއް ކުރެއްވުމަށްކަމަށެވެ.
ރައީސް ނަޝީދު މާލެ ވަޑައިގަންނަވާނީ ނޮވެމްބަރު 1 ވަނަ ދުވަހުއެވެ.